ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އާތިކާ އިބްރާހިމް އިސްވެ ހުންނަވައި، އެ ތަނުގެ ސިވިލް މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ބުނާ މައްސަލާގައި ޕެޓިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފައިވީ ނަމަވެސް އެ ވުޒާރާއަށް ރަސްމީ ލިޔުމެއް ހުށަހަޅައިފައި ނުވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ އާތިކާއަކީ ވަރަށް ގިނަ ވަގުތު އޮފީހުގައި ހޭދަކުރައްވައި، ޒިންމާދާރުކަމާއެކު ޑިޕާޓްމެންޓް ބަލަހައްޓަވާ ވެރިއެއް ކަމަށް ދިވެހިބަހުގެ ވުޒާރާއިން ބުނެއެވެ. އަދި ވަގުތީގޮތުން ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އާތިކާ އައްޔަނު ކުރުމުގެ ކުރިން އެއްވެސް ޑިޕާޓްމެންޓްއަކުން އެފަދަ މައްސަލައެއް ހުށަހަޅައިފައި ނުވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މިދިޔަ މަހު، ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ޕެޓިޝަނެއް ހުށަހަޅައިފައިވެއެވެ. އަދި މިދިޔަ މަހުގެ 25 ވަނަ ދުވަހު، އެ މުވައްޒަފުން ވަނީ މި މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފައެވެ.
މުވައްޒަފުން ބުނާ ގޮތުގައި، ރައީސްއަށް ސިޓީ ފޮނުވަން ޖެހުނު ސަބަބަކީ ސީއެސްސީއަށް މައްސަލަ ހުށަހެޅުމުން، އެކަމާ ގުޅިގެން އެއްވެސް ޖަވާބެއް ލިބިފައިނުވާތީއެވެ.
މުވައްޒަފުންގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމުގެ ސަބަބުން، މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުން މުހިންމު ކަމަށް ވަނީ ފާހަގަކުރައްވައިފައެވެ. އަދި ބައެއް ސިޔާސީ މުވައްޒަފުން ސިވިލް މުވައްޒަފުންނަށް ބިރު ދައްކާ ކަމަށާއި، އެ ތަނުގެ މުވައްޒަފުންނަށް ބުލީ ކުރަމުން ދިޔަ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މީގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ނުތަނަވަސްކަމާއި ރުޅިވެރިކަން އުފެދިފައިވާ ކަމަށް މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

