ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މ. މުރައިދޫގެ ގެ މުވައްޒަފުންގެ މައުލޫމާތު ސިއްރުކުރަން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުން ބަދަލުކޮށްފިއެވެ.
241 ކޮމިޓީގެ ބައްދަލުވުމެއް މިއަދުގެ 16:00 ޖެހިއިރު ބާއްވާފައިވާއިރު އެނިންމުން ބަދަލުކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުންނެވެ.
އެ ކޮމިޓީން ބޭއްވި މިއަދުގެ ހެނދުނު ބޭއްބި ސިއްރު ބައްދަލުވުމުގައި މުރައިދޫގޭގައި ތިބި މިވައްޒަފުންގެ އަދަދު ހާމަނުކުރުމަށް ވަނީ ނިންމައިފައެވެ. މުވައްޒަފުންނާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަނުކުރަން ހުށައެޅުއްވީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ.
ހެނދުނުގެ ދަންފަޅިއާ ހިލާފަށް އެއްވެސް ކަމެއް ސިއްރު ކުރުމެއް ނެތި ހުޅުވާލައިގެން ހަވީރު ބޭއްވި ބައްދަލުވުމުގައި، މަޖިލިހުން އެ ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީ ވެސް އާންމުކުރިއެވެ. އެ ސިޓީގައި މަޖިލީހުގެ އިދާރާއިން ބުނެފައިވާ ގޮތުގައި މުރައިދޫގޭ މުވައްޒަފުންގެ މަގާމާއި ނަމާއި މުސާރައިގެ ތަފުސީލާއި މަގާމުތަކަށް ގެނައި ބަދަލާއި މަގާމުތަކަށް މީހުން އައްޔަން ކޮށްފައިވާ ގޮތާއި ވަނަވަރު ހޯދުމަށް އެކި ފަރާތްތަކުން އަންނަނީ ހުށަހަޅަމުންނެވެ.
ނަމަވެސް މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅުގެ މުވައްޒަފުންގެ އަދަދާއި ނަމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މަނިކުފާނަށް ނުރައްކާވެދާނެ ފަދަ ކަމެއް އޮތް ކަމަށް މަޖިލީހުގެ އިދާރާ އިން ދެކޭތީ ކޮމިޓީގެ ރައުޔެއް ހޯދުމަށް އެދުނީ ކަމަށް ސިޓީގައި ވެ އެވެ. މަޖިލީހުގެ ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުންނާ ގުޅޭ މައުލޫމާތު ހޯދަން މީގެ ކުރިން އެދުމުން ދީފައިވާނީ މަގާމުގެ ކްލެސިފިކޭޝަނާއި މުސާރަ އެކަނި ކަމަށް ވެސް ސިޓީގައި ވެއެވެ.

