ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ބޭނުން ކުރުން މަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް އަންގައިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގައިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެ އަށް ވޭޕް އެތެރެކުރުން މަނާކޮށްދިނުމަށް އެދި އެންސީޑީ އެލަޔަންސުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި މީގެކުރިން ވަނީ އެދިފައެވެ. އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ލިބޭތީ ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ޑޮކްޓަރުންގެ ޖަމްއިއްޔާއިން ގޮވާލައިފައިވަނީ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. މީގެ 18 އަހަރު ކުރިން އުފެއްދި މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ނެރުނު ބަޔާނުގައި ބުނީ ދުނިޔެ އާއި ރާއްޖޭގައި ވެސް ސިއްހީ ދާއިރާގައި އެންމެ ބޮޑަށް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމަކީ ގައިން ގަޔަށް ނާރާ ބަލިތައް ކަމަށެވެ. އަދި ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަކީ އެފަދަ ބަލިތަކަށް މަގުފަހިވާ ކަންކަމުގެ ތެރެއިން އިސް ރޯލެއް އަދާކުރާ ކަމެއް ކަމަށް އެތައް ދިރާސާއަކުން އެނގިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރާ މިންވަރު އިތުރުވެފައި ވާއިރު ކަސްޓަމްސްގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 2018 އިން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް 124،342،915 ރުފިޔާގެ ވޭޕާއި އީ-ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އެ އަދަދު، މި އަހަރުގެ ޖެނުއަރީން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް ހުރީ 19.7 މިލިއަން ރުފިޔާ އެވެ. އަދި 2018-2023 އަށް ހުރީ 104،564 މިލިއަން ރުފިޔާގަ އެވެ.
ޑަބްލިއުއެޗްއޯއިން 2019 ވަނަ އަހަރު ނެރުނު ގުލޯބަލް ޔޫތު ޓޮބޭކޯ ސާވޭން (ޖީވައިޓީއެސް) ބުނާ ގޮތުން ރާއްޖޭގައި ކިޔަވާކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިން، ކޮންމެވެސް ބާވަތެއްގެ ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. އޭގެ ތެރެއިން 17 ޕަސެންޓް ކުދިންނަކީ ވޭޕް ކުރާ ކުދިން ކަމަށް އެ ރިޕޯޓްގައިވެއެވެ. ޑަބްލިއުއެޗްއޯއިން ނެރެފައިވާ އާޓިކަލްއެއް ބުާ ގޮތުންނަމަ ވޭޕް ކުރުމަށް 19،000 ވުރެ ގިނަ ފްލޭވާރ ވަނީ އުފައްދާފައެވެ.

