ވިފާގް އިބްރާހީމް އަދުނާން ބެލްކަނިން ވެއްޓި ނިޔާފެވައިވާ މައްސަލައާއި ގުޅިގެން ދިން މީޑިއާ ބްރީފިންގ ގައި އެ މައްސަލައިގެ ތަހުގީގާއި ގުޅުންހުރި މައުލޫމާތު ދިނުމުގައި މަައްސަލައާ ގުޅުންހުރި ތަފްސީލް މައުލޫމާތުތަކެއް ދީފައިވަނީ އެ މައްސަލައާ ގުޅޭގޮތުން މީޑިއާ އަކުން އެކަމުގެ ހަގީގަތްތަކެއް އޮޅޭ ގޮތަށް މައުލޫމާތު ބްރޯޑަކާސްޓުކޮށްފައިވާތީ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮގަސްޓު 14 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ގއ. މާމެންދޫ / ބީޗްވިލާ ވިފާގް އިބްރާހީމް އަދުނާން، އޭނާ ދިރިއުޅެމުން ދިޔަ މ. ހަސޯވާ ގޭގެ 10 ވަނަ ފަންގިފިލާގެ ބެލްކަނިން ވެއްޓި ނިޔާފެވައިވާ މައްސަލައާއި ގުޅިގެން މިމަހުގެ 13 ވަނަ ދުވަހު މި ހިދުމަތުގެ ފަރާތުން ދީފައިވާ މީޑިއާ ބްރީފިންގ މީޑިއާ ބްރީފިންގ ގައި އެ މައްސަލައިގެ ތަހުގީގާއި ގުޅުންހުރި މައުލޫމާތު ދިނުމުގައި މަައްސަލައާ ގުޅުންހުރި ތަފްސީލް މައުލޫމާތުތަކެއް މި ހިދުމަތުގެ ފަރާތުން ދީފައިވާ ކަމަށެވެ.
އެހެންނަމަވެސް ފުލުހުން އެފަދަ ތަފްސީލީ މައުލޫމާތުތަކެއް ހިއްސާކޮށްފައިވަނީ އެ މައްސަލައާ ގުޅޭގޮތުން މީޑިއާ އަކުން އެކަމުގެ ހަގީގަތްތަކެއް އޮޅޭ ގޮތަށް ފުލުހުންގެ މުއައްސަސާގެ ތަހުގީގު ކުރިއަށް ގެންގޮސަފައިވާ ގޮތާއި ގުޅޭގޮތުން އަދި ނިޔާވެފައިވާ ފަރާތުގެ އާއިލާގެ ބައެއް ފަރާތްތަކާއިވެސް ގުޅޭގޮތުން ހަގީގަތާއި ހިލާފް ވާހަކަތަކެއްވެސް ހިމެނޭގޮތުން ޕްރޮގްރާމެއް ތައްޔާރުކޮށް ބްރޯޑްކާސްޓް ކޮށްފައިވުމުން ކަމަށެވެ.
އެ މައުލޫމާތުތައް ފުލުހުންގެ ފަރާތުން ދީފައިވަނީ ނިޔާވި ކުއްޖާގެ މަންމަ އާއި ބައްޕަ ހިމެނޭގޮތުން އެކުއްޖާގެ އާއިލާއަށް ވެސް އެކަން އެނގިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހަމަ އެއާއި އެކު މީޑިއާ ބްރީފިންގ ކުރިއަށް ގެންދިޔުމުގައި ބައެއް ސެންސިޓިވް ވާހަކަތައް އެންމެ ރަނގަޅު ނޫން ގޮތުގައި ގެނެސްދެނުކަން ފުލުހުންގެ ހިދުމަތުގެ ފަރާތުން ގަބޫލުކޮށް އެކަމަށް އެންމެހާ ފަރާތްތަކުގެ ކިބައިން ވަނީ މައާފަށް އެދިފައެވެ.

