ރާއްޖޭގެ މާލީ ހާލަތު ބަޔަކު ވައްޓާލާފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ގިނަކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް، ޖީއެސްޓީ 17 ޕަސެންޓަށް ބޮޑު ކުރަން ނިންމައި ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގައިވާ ގޮތުން މިހާރު ނަގަމުން އަންނަ ގޮތަށް ޓީޖީއެސްޓީގެ 16 އިންސައްތަ ދައްކަން ޖެހޭނީ އަންނަ އަހަރުގެ މޭއި މަހުގެ ނިޔަލަށެވެ. އެއަށް ފަހު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭނީ 17 އިންސައްތަ އެވެ.
މި އިސްލާހުގެ ބަހުސްގައި މުސްތަފާ ވިދާޅުވީ ރޭޓިއޯގެ ތިން އިންސައްތައިގެ ބަދަލުގައި އެއް އިންސައްތައިގެ އިތުރުވުމެއްގެ އިސްލާހެއް ހިމެނުމުން އެއީ ރަނގަޅު ނިންމުމެއްކަމަށް ދެކޭކަމަށެވެ. އެގޮތުން މޭއި މަހުގެ ނިޔަލަށް 16 އިންސައްތައިގެ ޓީޖީޓެކްސް ނެގުމަށް ފަހު، ޖެހިގެން އަންނަ މަހުން ފެށިގެން 17 އިންސައްތަ ނަގަން ފެށުމުން އާމްދަނީއަށް 2025 ވަނަ އަހަރު 201.9 މިލިއަން ރުފިޔާ އާމްދަނީއަށް އިތުރުވެގެން ދާނެކަމަށް ލަފާކުރެވޭކަމަށް މުސްތަފާ ވިދާޅުވި އެވެ. އަދި 2026 ވަނަ އަހަރު އެ އަދަދު 330.8 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް މުސްތަފާ ވިދާޅުވީ 2027 ވަނަ އަހަރަށްދާއިރު މި އަދަދު 530.4 މިލިއަނުގެ އިތުރުވުމެއް އަންނާނެކަމަށެވެ.
މުސްތަވާ ވިދާޅުވީ މި ބަދަލުގެ ސަބަބުން ގައުމާއި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެކަމަށާއި، ރާއްޖޭގެ މާލީ ނިޒާމު ބަޔަކު ވައްޓާލާފައި އޮތް އަނދަވަޅުން ސަލާމަތް ކުރުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކުގެ މަސައްކަތްތައް އަދިވެސް ކުރިޔަށް ދާނެކަމަށެވެ.
މި ގެންނަ އެންމެ ޕަސަންޓުގެ ބަދަލުގެ ސަބަބުން އަޅުގަނޑުމެންގެ މުޅި އިންޑަސްޓްރީއަށް ކުރިއެރުން ލިބިގެން ދާނެ.. އަދި އެއާއި އެކީގައި ދިވެހިރާއްޖޭގައި މިއަދު މިއޮތް އެންމެ ބޮޑު އެއްކަމަކީ އަޅުގަނޑުމެންގެ މާލީ ހާލަތަށް ގެނެސްފައިވާ، ވެއްޓިފައިވާ ނުވަތަ ވައްޓާލާފައިވާ އަނދަވަޅުން ސަލާމަތްވުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް..
މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން މަޖިލީހަށް ތިން ޓެކްސްއެއް ބޮޑު ކުރަން ހުށަހަޅާފަ އެވެ. އެއީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި، ސިއްހަތަށް ގެއްލުން ހުރި ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑު ކުރުމާއި ގްރީން ޓެކްސްގެ ރޭޓުތަކަށް ގެންނަ ބަދަލުތައް ހިމެނެ އެވެ.

