ރައްޔިތުން ސަރުކާރާމެދު އޮތް އުންމީދު ބޮޑު ނަމަވެސް، ސަރުކާރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށަ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޢަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރެއްވުމުގައި، 2022 ވަނަ އަހަރު ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް އިތުރުކުރުމަށް ހުށަހެޅިފައިވާ ކަމަށް ވިދާޅުވިއެވެ.
މެންބަރު އަބްދުލްޢަފޫރު މޫސާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2022 ވަނަ އަހަރު މި އިޞްލާޙު ހުށަހެޅުނު އިރު ބައެއް ފަރާތްތަކުން ބުނަމުން ދިޔައީ މިއީ ރައްޔިތުންގެ އަތުން ފޭރިގަތުމެއް ކަމަށެވެ. ނަމަވެސް މިއަދު މިކަން ތަމްސީލުކުރެވެމުންދަނީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމެއްގެ ގޮތުގައެވެ. އަދި މިހާރު ރާއްޖެއަށް ލިބޭ އާމްދަނީ ކުރިއާ އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެފައިވާ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ
“ ރާއްޖެއިން ލިބޭ އާމްދަނީ ކުރިއަށްވުރެ، %15 ޕަސެންޓް ހުރީ މަތީގައި، ހާއްސަކޮށް ޓޫރިޒަމުން ލިބޭ އާމްދަނީ ބޮޑުތަނުން އިތުރުވެފަ، އެހެންވީމަ ކުރީސަރުކާރޭ، ފަހުގެ ސަރުކާރޭ، ކިޔުމުގެ އެއްވެސް ބޭނުމެއް ނެތް، މި ޤައުމުގެ އިޤތިސާދުގައި އެއްވެސް މައްސަލައެއްނެތް، ދައުލަތަށް ވަންނަ ލާރިގައި އެއްވެސް މައްސަލައެއް ނެތް، އެހެން ނަމަވެސް ދައުލަތުގެ ޙަރަދުތައް ހަމަނުޖެހޭތަން އަޅުގަނޑުމެންއަށް ފެނިގެންދަނީ“ މެމްބަރ ވިދާޅުވިއެވެ.
މީގެ އިތުރުން، މެމްބަރ ވަނީ ސިޔާސި ވަޒިފާތަކާއި ބެހޭ ގޮތުންވެސް ވާހަކަފުޅު ދައްކަވައިފައެވެ. އެގޮތުން ސިޔާސި ވަޒީފާތަށް ހުރީ 2000 އަށް ވުރެ މަތީގައި ކަމަށް މެމްބަރ ވިދާޅުވިއެވެ. އަދި ދަޢުލަތުގެ ހުރިހާ ކުންފުނިތަކުގެ އާންދަނީ %15 އަށް ދަށްވެފައިވާ ކަމަށާއި ދައުލަތުގެ ކުންފުނިތަކާއެކު 6000 އަށް ވުރެ ގިނަ މުވައްޒަފުން އިތުރުކޮށްފައިވާ ކަމަށް މެމްބަރ ވިދާޅުވިއެވެ.

