ޓެކްސްތަކަށް ގެންނަން ޖެހޭ ބަދަލުތަކުގެ ތެރޭގައި، ބޮޑު އަގުގައި ރިސޯޓުތައް ވިއްކާލުމުން ދައުލަތަށް ކެޕިޓަލް ގެއިންގެ ގޮތުގައި ވަކި އިންސައްތައެއް ނެގުން ހިމެނިދާނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާން (އައްދު) ވިދާޅުވެއްޖެ އެވެ.
ކެޕިޓަލް ގޭންސް ޓެކްސް ނަގަނީ ސްޓޮކް ނުވަތަ ރިއަލް އެސްޓޭޓް ފަދަ އެސެޓްތައް ވިއްކައިގެން ލިބޭ އާމްދަނީންނެވެ. ހޯލްޑިން ޓާމް އާއި ޓެކްސް ދައްކާ ފަރާތުގެ އިންކަމް ލެވެލް އަށް ބަލައި، ޓެކްސް ގުނަނީ އެސެޓްގެ ވިއްކާ އަގާއި އެކުއިޒިޝަން ޕްރައިސްގެ ތަފާތު ބޭނުންކޮށްގެން ކަމަށާއި އެއީ ތަފާތު ރޭޓުތަކަކަށް ބަލައިގެން ނަގާ ޓެކްސްއެކެވެ. އަދި ދުނިޔޭގެ ގައުމުތަކުގައި ކެޕިޓަލް ގެއިން ނަގަނީ، އިންވެސްޓަމަންޓެއް ވިއްކާލުމުންނެވެ.
ޓޫރިޒަމް ދާއިރާ އިން ނަގާ ބައެއް ޓެކްސްތައް ބޮޑު ކުރަން ނިންމައި ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހެޅިއިރު އޭގެ ތެރޭގައި އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 16 އިންސައްތައިން 17 އަށް ބޮޑު ކުރުން ހިމެނެ އެވެ. ދެން ހުށަހެޅި ދެ އިސްލާހަކީ އެއީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީއާއި، ގްރީން ޓެކްސް ބޮޑު ކުރުމެވެ.
ޓީޖީއެސްޓީ ބިލަށް ޖުމްލަކޮށް ތާއީދު ކުރި ނަމަވެސް އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި މީގެ ސަބަބުން ފަތުރުވެރިކަމުގެ ހިދުމަތް ދޭ ބައެއް ސަރަހައްދުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ބެލެވެ އެވެ. އެހެންކަމުން ޒޯންތަކަށް ރިއާޔަތްކޮށް ޓޫރިޒަމް ޓެކްސް ނެގުމަށް ލަފާ ދީ މެމްބަރު ވިދާޅުވީ މާލޭގެ ސަރަހައްދުތަކުން ބޮޑު ޓެކްސްއެއް ނަގައި، ފަތުރުވެރިކަން ރަނގަޅަށް ތަރައްގީ ނުވެ ހުރި ސަރަހައްދުތަކުން ދަށް ޓެކްސްއެއް ނެގިދާނެކަމަށެވެ.
އަބްދުއްރަހްމާން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ ފީތައް ނަގަައި، ދައުލަތަށް އާމްދަނީ ބޭނުންވާނަމަ ގެނެވޭނެ އެހެން އިސްލާހުތަކެއް އެބަހުރިކަމަށެވެ. އަދި އޭގެ ސަބަބުން މިހާރު ހުށަހަޅާފައި ހުރި އިސްލާހުތަކުން ތިން އަހަރުގެ ތެރޭގައި އިތުރުވާ އިންސައްތަ ކުރު މުއްދަތެއްގައި ލިބޭނެކަމަށް އަންދާޒާ ކުރެއްވި އެވެ.
ޓުއަރިޒަމްގެ ދާއިރާއިން އަޅުގަނޑުމެން އާމްދަނީ ހޯދަން ބޭނުންވާނަމަ އަޅުގަނޑަށް ފެނޭ ޓުއަރިޒަމްގެ ކެޕިޓަލް ގެއިންއިން ޓެކްސް ކުރެވޭ ގޮތް ހަދަން.. މިސާލަކަށް ރިސޯޓުތައް ތަރައްގީ ކުރުމަށް، ތަރައްގީކޮށްފަ އަޅުގަނޑުމެންނަށް އެބަ ފެނޭ ވަރަށް ބޮޑެތި އަދަދުތަކުން ވިއްކާލާތަން.. 20، 30 މިލިއަނަށް ތަރައްގީ ކުރާ ތަންތަން އެބަފެނޭ 100 މިލިއަން 200 މިލިއަނަށް ވިއްކާލާތަން.. ނަމަވެސް ދައުލަށްވާ ކެޕިޓަލް ގެއިންއިން އެއްޗެސް އެއްޗެއް ލިބޭތަން ނުފެނޭ..
އަބްދުއްރަހްމާން ވިދާޅުވީ ތަރައްގީ ކުރާ ރިސޯޓެއް ފައިދާގެ ބޮޑު އިންސައްތައެއް ހިމަނައި 200 މިލިއަން ޑޮލަރަށް ވިއްކާލުމުން ވެސް އޭގެއިން ދައުލަތަށް ވަންނަ އެއްވެސް ފައިދާއެއް ނެތްކަމަށެވެ. އެހެންކަމުން 50 މިލިއަން ޑޮލަރު ހަރަދަކޮށް ތަރައްގީ ކުރާ ރިސޯޓު ވިއްކާލުމުން އޭގެއިން ނަގާ 20 އިންސައްތައިގެ ޓެކްސްގެ ތެރެއިން އަހަރެއްގެ ތެރޭގައި ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހްމާން ވިދާޅުވީ ޓެކްސްއަށް ބަދަލު ގެންނަން ޖެހޭކަމަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ޓެކްސްގެ ފައިދާވާނެ ގޮތަށް އުސޫލު އެކުލަވާލަން ޖެހޭކަމަށް ގަބޫލު ކުރާކަމަށެވެ.
ޓޫރިޒަމް ދާއިރާ އިން ނަގާ ބައެއް ޓެކްސްތައް ބޮޑު ކުރަން ނިންމައި ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހަޅާފައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށެވެ. ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް ނިންމައި، އެ މަސައްކަތްތައް ބަންޑާރަ ނައިބުގެ އޮފީހުން ދަނީ ކުރަމުންނެވެ.

