ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ޖީލުތައް ސަލާމަތްކުރުމަށް ރައީސްއެޅީ މުހިންމު ފިޔަވަޅެއް: މިނިސްޓަރ އަސްވާޑް

ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ---
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެންބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ބޭނުންކުރުމާއި އޭގެ ވިޔަފާރި މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ، ރާއްޖޭގެ ރައީސަކު މިހާތަނަށް ދިވެހި ޒުވާނުންގެ މަސްލަހަތުގައި ނިންމެވި އެންމެ ހަރުދަނާ އަދި މުހިންމު ނިންމުން ކަމުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، އޭގެ ވަކިވަކި ބައިތައް ބޭނުންކުރުން މަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކަމާބެހޭ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ. މީގެ އިތުރުން، ސިގިރެޓާއި ބީޑީން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް ރޭޓް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް ވަނީ ނިންމަވާފައެވެ. މި ކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، މި ނިންމުމަކީ ރާއްޖޭގެ ރައީސަކު ދިވެހި ޒުވާނުންގެ މަސްލަހަތުގައި ނިންމެވި އެންމެ ސާބިތު އަދި ހަރުދަނާ ނިންމުން ކަމަށާއި، އެއީ ޖީލުތަކެއް ސަލާމަތްކުރުމުގެ ފެށުން ކަމުގައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގައި ވޭޕް މަނާކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް، ވޭޕްއާއެކު ސިގިރެޓް މަނާނުކުރާ ކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ކުރީގެ އަހަރުތަކުގައި ރާއްޖޭގެ ވެރިން ސިގިރެޓް މަނާނުކޮށް އޮތުމުގެ ސަބަބުން މުޅި ދުނިޔެއަށް އެކަން އާންމުވެގެން ދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ވޭޕްއަކީ މިހާރުގެ ޒުވާނުންނާއި އަންނަން އޮތް ޖީލުތައް ހަލާކުވެގެންދާނެ ބާވަތެއްކަން އެންމެންނަށް ޔަޤީންވާންޖެހޭ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ވޭޕް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސަރުކާރުގެ މުއައްސަސާތަކުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވަނީ އިޢުލާނުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ވޭޕް މަނާކުރެއްވި ޒަޢީމެއްގެ ގޮތުގައި މިއަދުގެ ޒުވާނުން ދެކެން ބޭނުންވާ ފަރާތެކެވެ.

ރާއްޖޭގެ މާޒީއަށް ނަޒަރު ހިންގާއިރު، ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް އެކި ވެރިން ޕޯޑިއަމްތަކުގައި ވާހަކަފުޅު ދެއްކެވި ނަމަވެސް، އެކަން ތަންފީޛުކުރަން ކެރިވަޑައިނުގަތް ކަމަށާއި، މިފަދަ ބާވަތްތައް އެތެރެކުރުން ހުއްޓުވުމުގެ މަސައްކަތް ކުރެއްވީ މިއަދުގެ ރައީސް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”ވޭޕް މަނާކުރި ޖީލުގެ ނަމޫނާއަކަށް ވުމަށް ދިވެހި ޒުވާނުން ބޭނުންވަނީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ވެރިއަކަށް މިކަން ކުރެއްވުމަށް ކެރިވަޑައިނުގަތް ނަމަވެސް، ގިނަ ވާހަކަތައް ދައްކަވައި، ޕޯޑިއަމްތަކުގައި ދުންފަތުގެ އިސްތިޢުމާލާ ދެކޮޅަށް ވާހަކަފުޅު ދެއްކެވިއެވެ،“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް މިކަމުގައި ދެއްވި ހިތްވަރަށް ގިނަ ރައްޔިތުން ތާއީދުކުރާ ކަމަށާއި، ރާއްޖޭގައި ދުންފަތް ކޮންޓްރޯލްވެގެން ދިއުމަކީ ސަރުކާރުގެ އެދުމެއް ކަމުގައެވެ. ވޭޕް މަނާކުރުމާ ގުޅޭ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ހޯމް މިނިސްޓްރީއާއި، ކަސްޓަމްސްއާއި، އަދި އެހެނިހެން ތަންފީޛީ އިދާރާތަކާ ގުޅިގެން އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ޤާނޫނުގައިވާ ކަންކަމަށް އަޅައިނުލެވި އޮންނަ މަންޒަރު ފެންނަމުންދާ ކަމަށާއި، ނަމަވެސް ރައީސް ނިންމެވި ނިންމެވުންތައް ހޯމް މިނިސްޓްރީން ތަންފީޛުކުރައްވާނެ ކަމުގެ އިތުބާރު އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުންވެސް ފެންނަމުންދަނީ ޒުވާނުން މިކަމަށް ތާއީދުކުރާ މަންޒަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: