ޓެކްސް އާއި ފީ ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލު ތަންފީޒު ކުރުމުގެ ސަބަބުން ދައުލަތުން އިތުރު ހަރަދެއް ކުރަން ނުޖެހޭ ކަމަށް ބެލެވޭއިރު މި ބިލުގެ ސަބަބުން ދައުލަތުން އެއާޕޯޓްއަށް ވާ ފީގެ ގޮތުގައި ލިބޭ އާމްދަނީ 2025 ވަނަ އަހަރު 1.5 ބިލިއަން އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ބިލު ހުށައަޅުއްވަމުން އަސަދުﷲ ވިދާޅުވީ ގާނޫނު ނަންބަރު 29/2016 ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާއި ބެހޭ ގާނޫނަށް އިސްލާހު ހުށައަޅާ ސަބަބަކީ މި ގާނޫނުގެ ދަށުން ފަސިންޖަރުންގެ އަތުން ނަގަމުން އަންނަ ބައެއް ޓެކުހާއި ފީގެ މިންވަރު އިތުރު ކުރުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.
އަސަދުﷲ ވިދާޅުވީ އެ ބިލުގައިވާ 6 އިސްލާހުގެ ހުށައަޅާ މަގްސަދަކީ އިންފްރާސްޓަރަކްޗަރ ޑިވެލޮޕްމެންޓަށް އާމްދަނީ ހޯދުމާއި، އިގްތިސޯދީ ކުރިއެރުމަށް ހިއްވަރުދިނުމާއި، ޓެކްސްގެ ބުރަ ބެލެންސް ކުރުން ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ތިމާވެށީގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް އެއާޕޯޓް ޓެކްސް އަށް އިސްލާހުތަކެއް ގެނައުން ހިމެނޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އެއްބަސްވުންތަކާއި މުވާހަދާތަކާއި ނުވަތަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިސީއޭއޯއައި) ފަދަ ޖަމިއްޔާ ތަކުގެ ލަފާތަކާއި އެއްގޮތް ވާގޮތަށް ޓެކްސް އާއި ފީއަށް ބަދަލު ގެނައުން ހިމެނޭ ކަމަށް އަސަދުﷲ ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ބިލު މުހިންމުވާ ސަބަބުތަކުގެ ތެރޭގައި ޓެކްސް އާއި ފީ ނެގުމުގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވެދީ އެއާޕޯޓުގެ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުމާއި އަޕްގްރޭޑް ކުރުމާއި ފުޅާކުރުމަށް އެކަށީގެންވާ ފައިސާ ހުރިކަން ކަށަވަރު ކުރެވި އަދި ފަސިންޖަރުންގެ ޑިމާންޑް އިތުރުވުމާއި ރައްކާތެރިކަން އިތުރު ކުރުމަށާއި ޖުމްލަކޮށް އެއާޕޯޓުގެ ހިދުމަތްތައް އިތުރުކުރުމަށް ހުށައަޅާ އިސްލާހުތަކަކީ މުހިންމު އިސްލާހުތަކެއް ކަމަށެވެ.
”އިއްޒަތްތެރި ރައީސް މި އިސްލާހުގެ ސަބަބުން ޓެކްސް ތަކާއި ފީތައް ހަމަހަމަކުރެވި ބައިނަލްއަގުވާމީ ދަތުރުފަތުރުތަކަށް އިތުރު ހިއްވަރު ދީގެން އިގްތިސާދީ ކުރިއެރުން ހޯދައިދެވޭނެ. ހަމައެއާއިއެކު ރަނގަޅަށް ސްޓްރަކްޗަރ ކުރެވިފައިވާ ޓެކްސް ނިޒާމަކީ ފަތުރުވެރިން ޝައުގުވެރިކޮށް ވިޔަފާރީގެ ދަތުރުތައް ކުރިއެރުވުމާއި ފަތުރުވެރިކަމާއި މެހެމާނުދާރި އާއި އެއާއި ގުޅުންހުރި ދާއިރާތަކަށް ބަރޯސާވާ ލޯކަލް އިގްތިސާދުތައް ކުރިއަރައިގެންދާނެ އިސްލާހެއްކަމުގައި އަޅުގަނޑު ދެކެން. އަދި މި އިސްލާހުގެ ސަބަބުން ޓެކްސްގެ އޮނިގަނޑު އިންސާފުވެރި އަދި ނިސްބަތުން ރަނގަޅުކަން ކަށަވަރުވެ އާމްދަނީ ދަށް ފަސިންޖަރުން ނުވަތަ ގިނައިން ބައިނަލްއަގުވާމީ ދަތުރުކުރާ މީހުންފަދަ ވަކި ގުރޫޕުތަކަށް ކުރާ ބާރު ކުޑަވެގެންދާނެ. މިކަމުގެ ސަބަބުން އާބާދީގެ ބޮޑު ބަޔަކަށް ވައިގެ ދަތުރުފަތުރުތައް ފަސޭހަވެ އަގުހެޔޮ ކޮށްލެވޭނެކަން މި އިސްލާހުގެ ސަބަބުން ކަށަވަރު ވެގެންދާނެ“
އަސަދުﷲ ވިދާޅުވީ މި އިސްލާހުން ޓެކްސްގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން އެއާޕޯޓުތަކުގަ އާއި ފަސިންޖަރުންގެ ހިދުމަތުގެ ފެންސިންޖަރުންގެ ފެންވަރު ރަނގަޅުކުރުމަށް ފައިސާ ހޯދައިދެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުނއ ވަސީލަތްތަކާއި ސެކިއުރިޓީ އާއި ފަސިންޖަރުންގެ ތަޖުރިބާ އިތުރުކުރުމަކީ ދަތުރުވެރިން ޝައުގުވެރިކޮށް ޑޮމެސްޓިކް އެއާ ޕޯޓުތައް ބައިނަލް އަގުވާމީ ހަބުތަކާއި ވާދަވެރި ވެގެންދާނެ ކަމެއް ކަމަށް ވެސް މެމްބަރު ފާހަގަކުރެއްވިއެވެ.
މި ބިލު ތަންފީޒު ކުރުމުގެ ސަބަބުން ދައުލަތުން އިތުރު ހަރަދެއް ކުރަން ނުޖެހޭ ކަމަށް ބެލެވޭއިރު މި ބިލުގެ ސަބަބުން ދައުލަތުން އެއާޕޯޓްއަށް ވާ ފީގެ ގޮތުގައި ލިބޭ އާމްދަނީ 2025 ވަނަ އަހަރު 1.5 ބިލިއަން އިތުރުވުމުގެ އިތުރަށް ޑިޕާޗަރ ޓެކުހުގެ ގޮތުގައި އިތުރަށް ލިބޭ އާމްދަނީގެ ސަބަބުން ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ދެމެހެއްޓެނިވި މިންގަނޑަކަށް ކުޑަކުރުމަށް ބާރުލިބޭނެ ކަމަށް ބޭލެވޭކަމަށް އަސަދުﷲ ވިދާޅުވިއެވެ. ހަމައެއާއިއެކު އެއާޕޯޓް ފީގެ ގޮތުގައި އިތުރަށް ލިބޭ ފައިސާއިން ސޮވްރިން ޑެވެލޮޕްމެންޓް ފަންޑުގެ ބެލެންސް އިތުރުކުރަން މަގުފަހިވާނެ ކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

