ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގައި އެއްބައި ކަމަށާއި އެފަދަ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓްރަ ޕްލޭން 2024-2034 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސްގެ މެނިފެސްޓޯގައި އެ މަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާ އެއްކަމަކީ ތެލެސީމިއާ ބަލި ތަޙައްމަލުކުރާ ކުދިންނަށް ބޭނުންވާ ފަރުވާއާއި އެހީތެރިކަން ހޯއްދަވައިދެއްވުން ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ ތެލެސީމިއާ ހޮސްޕިޓަލެއް ރާއްޖޭގައި ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްތެއް ކަމަށާއި އެ ހޮސްޕިޓަލު ގާއިމުވެގެންދިޔުމާއެކު ތެލެސީމިއާ ކުދިންނަށް ފަރުވާ ކަށަވަރުވެގެންދާނެކަމަށެވެ. އަދި ތެލެސީމިއާ ބަލި ތަހައްމަލުކުރާ ކުދިންނަށް ސަރުކާރުގެ ޚަރަދުގައި ބޯންމެރޯގެ ފަރުވާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ބޯންމެރޯގެ ޙިދުމަތް އިތުރު ކުދިންނަށް ފުރުސަތު ހޯދައިދިނުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދަޅުވީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ރާއްޖޭގެ ރަށްރަށުން ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަމަށެވެެ. ތެލެސީމިއާ ކުދިންނަކީ މުޖުތަމައުގައި އެއްބައި ކަމަށާއި އެފަދަ ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދޭންޖެހޭކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ އެކަމުގައި ކަމާއިގުޅޭ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށެވެ.
ތެލެސީމިއާ ކުދިންނަށް އެންމެ އެދެވޭ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަކީ މުހިންމު ކަމެއް ގޮތުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކުދިންނަށް އެހީވުމަށް ލޭ ހަދިޔާކުރުމަކީ ފަރުދުންނަށް ކުރެވިދާނެ ނުހަނު މުހިންމު ކަމެއް ގޮތުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.
”ލޭ ހަދިޔާ ކުރުމަކީ ކޮންމެ މީހަކަށް ލިބޭ އުފަލަކަށް ހަދަންޖެހޭ، ލޭ ހަދިޔާ ކުރުމަކީ އެ ކުދިންގެ ދިރިހުރުމަށް ދެވޭ އުންމީދެއް“ ނާއިބުރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައް ބެހިފައި އޮތްގޮތުން ސިއްޙީ ފަރުވާ ހޯދުމަށް ރައްޔިތުން ވަރަށް ދަތި އުނދަގޫ ތަޙަންމަލުކުރަން ޖެހޭ ކަމަށް ވަނީ ފާހަގަކުރައްވައިފައެވެެ. އަދި އެކަމަށް ނިމުމެއް ގެނައުމަށްޓަކައި، އަމިއްލަ ފަސްގަނޑުގައި ތިބެގެން އެ ލުއިފަސޭހަ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަވަމުންދާ ކަމަށްް ވަނީ ވިދާޅުވެފައެވެ.
ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުމަށް އެކުލަވާލި 10 އަހަރުގެ މާސްޓަރ ޕްލޭންގައި މައިގަނޑު 7 ސިޔާސަތު އެކުލެވިގެންވެއެވެ. އޭގެތެރޭގައި ޚިދުމަތުގެ ފެންވަރު މަތިކުރުމާ ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމާއި، ވަށާޖެހޭ ސިޔާސަތުގެ ތެރެއިން ތެލަސީމިއާއަށް ރައްކާތެރިވުމަށް މަސައްކަތްކުރުން ހިމެނެއެވެ.

