އާރްބަން އައިލްގެ ނަމުގައި ހުޅުމާލޭގައި ތަރައްގީކުރާ ފަތުރުވެރިކަމަށް ހާއްސަ ސަރަހައްދުގައި މަތީ ފަންތީގެ ހޮޓެލްތަކެއް ހިންގުމަށާއި ބިނާކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެޗްޑީސީއިން ހުޅުވާލައިފިއެވެ.
އެޗްޑީސީއިން އާންމުކޮށްފައިވާގޮތުން އާބަން އައިލްގައި ހޮޓެލްތަކެއް ބިނާކުރުމަށާއި ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ހަމަހަމަ ފުރުސަތުތަކެއް ދިނުމަށްޓަކައިކަމަށާއި އެެހެންކަމުން އެންމެހާ ފަރާތްތަކަށް އެކަމުގެ ދައުވަތު އަރުވާކަމަށެވެ. އެ ކުންފުނިން ބުނެފައިވާގޮތުން އެންމެ އެދެވޭ ބިޒްނަޒް މޮޑެލްއަކީ ”ލީޒް މޮޑެލް“ ކަމަށެވެ. އެހެންނަމަވެސް އޭގެ މާނައަކީ ޝައުގުވެރިކަން ފާޅުކުރުމުގައި އެ މޮޑެލްގައި ހިފަހައްޓަން މަޖުބޫރުވުން ނޫންކަމަށާއި ކޮންމެ މޮޑެލްއެއްގައި ހުށައެޅިނަމަވެސް ދެ ފަރާތަށް ވެގެންދާނެ ފައިދާތައް ސާފުކޮށް ބަޔާންކުރެވެންވާނެކަމަށެވެ.
މި މަސައްކަތްތަކުގެ ތެރެއިން އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފި ހާލަތުގައި އެ ކުންފުނިން ކުރިއަށް ދާނީ ކުރެވިފައިވާ ތަސައްވަރާއި އެންމެ އެއްގޮތް ހުށެއެޅުމާއިއެކުކަމަށާއި އިވެލުއޭޝަންގެ ތެރޭގައި ހުށައަޅާފައިވާ ބިޒްނަސް މޮޑެލް، މާލީ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތާއިމެދު ހިމަނާފައިވާ ނުކުތާތަކުގެ އިތުރުން ތަޖުރިބާ އާއި މާލީ އަދި އެހެނިހެން ގޮތް ގޮތުންވެސް ގާބިލުކަމަށްވެސް ބެލޭނެކަމަށް ބުނެފައިވެއެވެ.
ހުށައަޅާ ފަރާތާއި އެޗްޑިސީއާއި ދެމެދު ނިނިމި ހުރި މާލީ މުއާމަލާތްތަކެއްވާނަމަ ޝަރުތު ހަމަނުވާނެކަމަށް ކަނޑައެޅިފައިވާއިރު ބަލައިގަނެވޭ ފަދަ އުޒުރެއް ނެތި އެޗްޑީސީގެ ޕްރޮޖެކްޓަކާއި ހަވާލުވުމަށްފަހު ޑިލޭތަކެއް އުޅޭނަމަވެސް ޝަރުތު ހަމަނުވާކަމަށް ބެލެވޭނެކަމަށް ބުނެފައިވެއެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޝައުގުވެރިކަން ފާޅުކޮށް ހުށައެޅުމަށް އެދިފައިވެއެވެ.

