ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑައު އިންޑިއާގެ ސަރުކާރުގެ މައްޗަށް އެ ގައުމުގައި ޖަރީމާތައް ހިންގުމުގައި ބައިވެރުވިކަމުގެ ތުހުމަތުކޮށްފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ޓްރޫޑައުވަނީ އިންޑިއާއަށް ގޯސްތަކެއް ހެދިފައިވާކަމަށް ބުނެ، އެ ގައުމުން ކެނަޑާގެ ފަސްގަނޑުގައި އެ ގައުމުގެ ރައްޔިތުންނާއި ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގުމަށް ބާރު ދީފައިވާކަމަށް ތުހުމަތުކޮށްފައެެވެ. އަދި ނޫސްވެރިންނާއި ބައްދަލުކުރައްވައި އޭނާވަނީ ކެނަޑާގައި އަނިޔާވެރި އަމަލުތައް އިތުރުވެފައިވުމުގައި އިންޑިއާގެ ސަރުކާރުގެ އަތެއް ވާކަމަށް ތުހުމަތުކޮށްފައިކަމަށްވާއިރު އޭގެ ތެރޭގައި މީހުން މެރުމުގެ އަމަލުތައް ހިމެނޭކަން ނޫސްތަކުން ފާހަގަކުރެއެވެ. ޓްރޫޑައު ބުނެފައިވާގޮތުން އިންޑިއާގެ އަަމަލުތަކުގެ ސަބަބުން އެ ގައުމުގެ އާންމު ސަލާމަތަށް ނުރައްކާތައް ފޯރައެވެ.
ކެނަޑާއިންވަނީ މި ތުހުމަތުތަކާއިއެކު އިންޑިއާގެ 6 ޑިޕްލޮމެޓަކު އެ ގައުމުން ފޮނުވާލުމަށް ނިންމާފައެވެ. އެހެންނަމަވެސް އިންޑިއާއިން ވަނީ ކުރެވެމުންދާ ތުހުމަތުތައް ދޮގުކޮށްފައިކަމަށްވާއިރު މިކަމުގެ ރައްދެއްގެ ގޮތުގައި އިންޑިއާގައި ތިބި ކެނަޑާގެ 6 ޑިޕްލޮމެޓަކަށްވެސް އެ ގައުމުން ދިއުމަަށް އަންގާފައިވާކަމަަށް ރިޕޯޓުތަކުގައިވެއެވެ.
ޓްރޫޑައު ވިދާޅުވީ، ކެނަޑާގެ ފަސްގަނޑުގައި އެ ގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ކުށުގެ އަމަލުތަކެއް ހިންގޭނެކަމަށް ބެލުމަކީ އިންޑިއާއަށް ހެދިފައިވާ ބޮޑު ހޯދެއްކަމަށާއި މީހުން މެރުން އަދި އެހެނިހެން އަމަލުތައްވެސް ހިންގާފައިވާއިރު އެއްވެސް ކަމެއް ބަލައި ނުގަނެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެއްވެސް ގައުމަކަށް މި އަމަލު ބަލައިނުގަނެވޭނެކަމަށާއި ހާއްސަ ގޮތެއްގައި ގާނޫނީ ބާރުވެރިކަން ދަމަހައްޓާ ޑިމޮކްރެސީއެއްގައި މިފަދަ ގޮތަކަށް ސިޔާދަތީ ބާރަށް އަރައިގަތުން ބަލައިނުގަނެވޭނެކަމަށެވެ.
ރިޕޯޓުތަކުގައިވާގޮތުން ކެނަޑާގެ ތުހުމަތުތަކުގެ ސަބަބުން ދެގައުމުގެ ދެމެދު ގޯސްވެފައިވާ މަސްރަހުވަނީ އިތުރަށް ހޫނުވެފައެވެ. ދެ ގައުމުގެ ގުޅުން ހީނަރުވުމަށް ދިމާވީ ނިމިދިޔަ އަހަރުގެ ތެރޭގައި ޓްރޫޑައު އިންޑިއާ އާއި ގުޅޭގޮތުން ކުރެއްވި ތުހުމަތުތަކުގެ ސަބަބުންނެވެ. އޭނާވަނީ ކެނަޑާއަށް ނިސްބަތްވާ ސިކުންގެ ސެޕަރެޓިސްޓް ލީޑަރެއްކަމަށްވާ ހަރްޖީޕް ސިންގް ނިއްޖަރު މަރާލީ އިންޑިއާގެ އެޖެންޓުންތަކެއްކަން ސާބިތުވާ ހެކި ހުރިކަން އިއުލާނުކުރައްފާއިކަމަށްވާއިރު އެ ތުހުމަތުތައްވެސް އިންޑިއާއިން ދޮގުކުރިއެވެ.
މިފަހުން ޓަރޫޑައު ތުހުމަތުތަކެއް ކުރެއްވީ އިންޑިއާގެ ޑިޕްލޮމެޓުން އެ ގައުމުގެ ރައްޔިތުންނާއި ގުޅޭގޮތުން ސުވާލު އުފެއްދުމަށް ޖާގަ އޮތް އުސޫލުތަކުން މައުލޫމާތު އެއްކުރަމުންދިއުންކަމަށްވާއިރު އޭނާވަނީ އެ މައުލޫމާތުތައް ހިއްސާކުރެއްވީ އެކަން ހުއްޓުވުމަކަށް ގެނައުމުގެ ގޮތުންކަމަށް ވާހަކައިގައި ސިފަކުރައްވާފައެވެ. ޓްރޫޑައު ވިދާޅުވީ، އެއްކުރެވުނު މައުލޫމާތުތައް ކުށްތަކަށް އަރައިގަންނަ ޖަމާއަތްތަކަށް ދީފައިވާކަމަށާއި އެ ފަރާތްތަކުން ރައްޔިތުންނާއި ދެކޮޅަށް ނުފޫޒު ފޯރުވައިގެން ގަދަބާރުން ފައިސާ އަތުލުން އަދި މެރުން ފަދަ އަމަލުތައް ހިންގަމުންދާކަމަށެވެ.
ނޫސްތަކުން ބުނާގޮތުން މިކަމުގެ ތެރޭގައި ޑިޕްލޮމެޓުން ސީދާ އަދާކޮށްފައިވާ ރޯލު ހާމަކޮށްފައިނުވެއެވެ. އަދި ސަބަބެއްގެ ގޮތުގައި މައްސަލަތައް ޝަރީއަތުގައި އޮތުން ފާހަގަކުރެއްވިއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުރު ކަންކަން ހާމަވެގެންދާނެކަމަށް އޭނާ އިޝާރާތްކުރެއްވިކަން ފާހަގަކުރެއެވެ.

