ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ ދުވަސްވީ، ވަރުގަދަ އަދި އެކުވެރި ގުޅުމެކެވެ. 1965 ވަނަ އަހަރު ދިވެހިރާއްޖެ އިނގިރޭސިވިލާތުގެ ޙިމާޔަތުން މިނިވަންވުމާއެކު، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ބަލައިގަތް ޤައުމަކީ އިންޑިއާއެވެ.
އިންޑިއާ ކަނޑުގައި ދިވެހިރާއްޖޭގެ ރަށްތައް ހާރެއް ފަދައިން އެތުރިފައިވާއިރު، އިންޑިއާ ވެފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އަދި ޒަމާންވީ އެކުވެރި ޤައުމަށެވެ.ބޭސްފަރުވާއާއި އެކިއެކި ކާރިސާތަކުގައި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިކަމުގެ އަތް ދިއްކުރާ ޤައުމެވެ. 1976 ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރިމަތިވި އިޤްތިޞާދީ ބޮޑު އަނދަވަޅުން އަރައިގަތުމަށް އިންޑިއާއިން ވަނީ އެހީތެރިވެދީފައެވެ. އޭރުއްސުރެ ފެށިގެން އިންޑިއާ ވަނީ ދިވެހީންގެ ކަންކަމުގައި އެންމެ ގާތުން އެހީވާން ތައްޔާރަށް ތިބި ބައެއްގެ ގޮތުގައެވެ.
1988 ވަނަ އަހަރު ރާއްޖެއަށް އެރި އުދުވާނީ ހަމަލާގައި، އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު ރާއްޖެއަށް ހަމަލާދިން ބާޣީން ހައްޔަރުކުރެވުނެވެ. މިކަން ވެފައިވަނީ ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވޭ ފަދަ މުހިންމު އެހީތެރިކަމަކަށެވެ.
2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން ވަނީ ތަފާތު ގޮތްގޮތުން އެހީތެރިވެދީފައެވެ. މީގެ ތެރޭގައި އެކި ބާވަތުގެ ސާމާނާއި ފައިސާގެ އެހީ ހިމެނެއެވެ. އަދި ހާލުގައި ޖެހުނު މީހުންނަށް ދިވެހި ސަރުކާރުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގައި ބޭނުންވާ ވާ ޒަރޫރީ ސާމާނުތައް އިންޑިއާއިން ވަނީ ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދީފައެވެ.
2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ދަތިކަމުގައި، އިންޑިއާއިން ވަނީ ސާފު ބޯފެން ހިލޭ އެހީގެ ގޮތުގައި ދިވެހިރާއްޖެއަށް ފޯރުކޮށްދީފައެވެ. މި ދަތިކަމުން އަރައިގަތުމުގައި އިންޑިއާއިން އަދާކުރި ދައުރު ވަރަށް ބޮޑެވެ.
2019 ވަނަ އަހަރު ފެށުނު ކޮވިޑް-19 ބަލިމަޑުކަމުގައި، ދުނިޔޭގެ ގިނަ ޤައުމުތަކަށް އެ ޤައުމެއްގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ވެކްސިންވެސް ނެތް ހާލަތުގައި،، އިންޑިއާއިން ވަނީ ގިނަ އަދަދެއްގެ ވެކްސިން ރާއްޖެއަށް ފޮނުވައިދީފައެވެ.އިންޑިއާއަކީ ދިވެހިރާއްޖެއަށް ހަމައެކަނި ކުއްލި ހާލަތްތަކުގައި އެހީތެރިވާ ޤައުމެއް ނޫނެވެ. ދެ ޤައުމުގެ ދެމެދުގައި ވަރުގަދަ އިޤްތިޞާދީ، ސަޤާފީ އަދި ސިޔާސީ ގުޅުންތަކެއް ޤާއިމުވެފައިވެއެވެ. ވިޔަފާރީގެ ދާއިރާގައި އިންޑިއާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ބައިވެރިންގެ ތެރެއިން އެއް ބައިވެރިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި ޤާއިމުވެފައިވާ ރަސްމީ ގުޅުމުގެ ތެރެއިން، ޞިއްޙީ ދާއިރާއަށް ބަލާއިރު، އިންޑިއާއަކީ އެންމެ ގިނަ އަދަދަކަށް އާސަންދަ ޚިދުމަތް ފޯރުކޮށްދޭ ޤައުމަށް ވެފައިވެއެވެ. އަހަރެއްގެ މައްޗަށް ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް އިންޑިއާއަށް ޒިޔާރަތްކުރެއެވެ. ރާއްޖޭގައި ލިބެންހުރި ޞިއްޙީ ޚިދުމަތްތަކާ އަޅާބަލާއިރު، އިންޑިއާއަކީ ފުޅާ ދާއިރާއެއްގައި، ޒަމާނީ ވަސީލަތްތަކާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ޤައުމެކެވެ.
ދިވެހި ސިފައިންގެ ތަމްރީނުގައި އިންޑިއާއިން އަދާކުރަނީ އިސް ދައުރެކެވެ. ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި 1500 އަށްވުރެ ގިނަ ސިފައިން އިންޑިއާގައި ތަމްރީނު ހާސިލުކޮށްފައިވެއެވެ. މީގެ އިތުރުން، ފާއިތުވި މުއްދަތެއްގެ ނިޔަލަށް، ޑޯނިއަރ މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް އިންޑިއާގެ ބެލުމުގެ ދަށުން ރާއްޖޭގައި އޮޕަރޭޓްކުރެވި، އޭގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފަސޭހަތަކެއް ލިބިފައިވެއެވެ. އަދި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ 1995 ވަނަ އަހަރު އިންޑިއާގެ ހިލޭ އެހީގެ ދަށުން އިމާރާތްކުރެވުނު ހޮސްޕިޓަލެކެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އައިޖީއެމްއެޗްގެ އިތުރު އިމާރާތެއް 2017 ވަނަ އަހަރުގެ ޖޫން މަހު ނިންމާލެވުނެވެ.
ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގައި ޓެކްނޮލޮޖީ ތަޢާރަފުކުރުމުގެ ޕްރޮގްރާމަކީ އިންޑިއާ ސަރުކާރުން ފަންޑުކޮށްގެން 2011 ވަނަ އަހަރުގެ ޖޫން މަހު ފެށުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ދިވެހި މުދައްރިސުންނާއި ޒުވާނުންނަށް އައި.ސީ.ޓީ އަދި ވޮކޭޝަނަލް ތަމްރީނު ދިނުމެވެ. މި މަޝްރޫޢު ނިމުނީ 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ.
ނޭޝަނަލް ކޮލެޖް ފޮރ ޕޮލިސް އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގުނު، އިންޑިއާއިން ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ހިލޭ އެހީގެ މަޝްރޫޢެވެ. މި މަޝްރޫޢު އިފްތިތާޙު ކުރެއްވީ އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ޖައިޝަންކަރު 2022 ވަނަ އަހަރުގެ މާރިޗު މަހު ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.
ރާއްޖޭގެ ފެނާއި ނަރުދަމާގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން، 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ވަނީ ޤާއިމުކުރެވިފައެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢު 6 މަރުޙަލާއަކަށް ބަހާލައި، 2021 ވަނަ އަހަރުގެ މާރިޗު މަހުގެ 4 ވަނަ ދުވަހު އިންޑިއާގެ ކޮންޓްރެކްޓަރަކާ ހަވާލުކުރިއެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ގިނަ މަޝްރޫޢުތައް މިހާރު ވަނީ ނިމި، ކަމާބެހޭ ފަރާތްތަކާ ހަވާލުކުރެވިފައެވެ.މި ހުރިހާ ކަމަކުން ދޭހަވަނީ، ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި ޤާއިމުވެފައިވާ ގުޅުމަކީ ވަރަށް ބަދަހި، އަދި ދެ ޤައުމަށް ވެސް ފައިދާހުރި ގުޅުމެއްކަމެވެ. ޞިއްޙީ، ސަލާމަތީ، ތަޢުލީމީ އަދި އުމްރާނީ ތަރައްޤީގެ ދާއިރާތަކުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. މި ގުޅުން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ދެ ޤައުމުގެ މަޞްލަޙަތަށް މުހިންމު ކަމެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، އިންޑިއާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމަކީ ދެ ޤައުމަށް ވެސް ފައިދާހުރި، އަދި ދެމެހެއްޓެނިވި ގުޅުމެކެވެ. މި ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވުމަކީ ދެ ޤައުމުގެ ވެސް މަސްއޫލިއްޔަތެކެވެ. އުންމީދަކީ މި ދެ އަވައްޓެރި ޤައުމުގެ ގުޅުން ދުވަހެއް ދުވަހަކަށް އިތުރަށް ވަރުގަދަވެ، ކުރިއަރަމުން ދިއުމެވެ.

