އެމްއޭސީއެލްގެ ހުރިހާ ވަޒީފާއެއްގައިވެސް ދިވެހިން ތިބޭ ދުވަހެއް ދެކުމަކީ އެންމެ ބޮޑަށް ދެކެން ބޭނުންވާ ދުވަސްކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
”އެމްއޭސީއެލް ކެރިއަރ 2024“ ގެ ނަމުގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވި ގޮތުގައި، އެމްއޭސީއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. މި ކުންފުނީގައި އަލިފާން ނިއްވުމާއި، އުޅަނދުފަހަރު އެއްތަނުން އަނެއް ތަނަށް ރައްކާތެރިކަމާއެކު ގެންދިއުމަށް އިޝާރާތްކުރާ މާޝަލުންނާއި، ކަސްޓަމަރ ސަރވިސް ދާއިރާގެ މުވައްޒަފުންނާއި އިންޖިނިއަރުން މަސައްކަތްކުރާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމްއޭސީއެލްއަކީ ރާއްޖޭގައި އެންމެ ގިނަ އިންޑަސްޓްރީގައި ޝާމިލުވާ އެއް ކުންފުނިކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ކުންފުނިން ފެނާއި ކަރަންޓު އުފެއްދުމާއި، ނަރުދަމާ ނިޒާމު ބެލެހެއްޓުމާއި، ގަސްތައް ބެލެހެއްޓުން ފަދަ 52 ތަފާތު އިންޑަސްޓްރީއެއްގެ މަސައްކަތްތައް ކުރެއެވެ. އަދި އެންމެ ދެކުމަށް ބޭނުންވެވަޑައިގަންނަވާ ދުވަހަކީ އެ ކުންފުނީގެ ހުރިހާ ވަޒީފާއެއްގައިވެސް ދިވެހިން ތިބޭ ދުވަސްކަމަށް ހިއްސާކުރެއްވިއެވެ.
މިހާރުވެސް އެމްއޭސީއެލްގެ މުވައްޒަފުންގެ 90 އިންސައްތައަށްވުރެ ގިނައީ ދިވެހިންކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ޓެކްނިކަލް ގޮތުން ޤާބިލު ދިވެހިންތަކެއް އުފެއްދުމަކީ އެ ކުންފުނިން ކަނޑައަޅާފައިވާ އެއް އަމާޒުކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، އެމްއޭސީއެލް ފަދަ ބޮޑު ކުންފުންޏެއްގައި ހުރި ފުރުޞަތުތައް ސްކޫލު ނިންމާ ދަރިވަރުންނަށް އެނގިފައި އޮތުމަކީ އިޖްތިމާޢީ ގޮތުން މުހިންމު ކަމެކެވެ.

