ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ މުވައްޒަފުން ވަކި ކުރުން: އިގްތިސާދަށް ހެވެއް؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްކަމަށް އަންގާ، މާލީ އިސްލާހީ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ބައިނަލްއަގުވާމީ އިދާރާތަކުންވެސް ބުނަމުން އަންނަނިކޮށް، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް 228 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ނިންމަވާ އެކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، 228 ސިޔާސީ މުވައްޒަފުން ވަކިކުރުމަށް ނިންމެވީ ސަރުކާރުގެ އިޤްތިޞާދީ އިސްލާހީ އެޖެންޑާގެ ދަށުން ކަމަށެވެ. އެގޮތުން، ދައުލަތުގެ ވުޒާރާތަކުން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެ މުވައްޒަފުން ވަކިކުރުމަށް އަންގަވާފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަކި ކުރާ މުވައްޒަފުންގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށެވެ. އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންވެސް ވަކިކުރުމަށް ނިންމަވާފައިވކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނުގެ މި ނިންމެވުމާއެކު 5.714 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭނެކަން ހާމަކޮށްފައިވެއެވެ.

މިކަމާއި ގުޅިގެން އެކި މީހުންގެ ހިޔާލު ތަފާތެވެ. ދައުލަތުގެ ހަރަދު ކުޑަ ކުރުމަށްޓަކައި، މަޖިލީސް މެންބަރުންގެ އަދަދާއި، ކައުންސިލަރުންގެ އަދަދު މަދު ކުރުމަށް ރައީސް ނިންމެވުމާއިއެކު ގިނަ ބަޔަކު ބުނީ އޭގެ ބަދަލުގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުން މާ މުހިންމުކަމަށެވެ. ނަމަވެސް މިއަދު އެ ފިޔަވަޅު ރައީސް އެޅުއްވުމުންވެސް އެގޮތްވެސް ކަމަކު ނުދިޔައެވެ.

އެއް ބޭފުޅަކު ތެދުވެވަޑައިގެން ވިދާޅުވީ އޭގެ ހަގީގީ އަސަރު ނުކުރާނެކަމަށެވެ. މާދަމާ އަނެއްކާ ހަމަ އެމީހުންނަށް ސަރުކާރުގެ ކުންފުންޏަކުން ވަޒީފާދޭނެކަމަށެވެ. އެހެންކަމުން ބަޖެޓުން ސަލާމަތްވާ 5 މިލިއަން ރުފިޔާ އަނެއްކާ ހަމަ އެކަމަށް، އެހެން ނަމެއްގައި ހަރަދުވާނެކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.

އަނެއް ބޭފުޅަކު ވިދާޅުވީ ރައީސް މުއިއްޒުގެ ގާތް ބޭފުޅުން ނުވަތަ ވަޒީފާ ދެވޭ ފެންވަރުގެ ބޭފުޅުން ކުރު ކޯހެއް ހަދަންޖެހޭކަމަށެވެ. އެއީ ދޮގު ހެދުމުގެ ކޯހެއްކަމަށާއި އެ ކޯސް ފުރިހަމަ ނުކުރާހާ ހިނދަކު ވަޒީފާ ނުލިބޭނެކަމަށެވެ. ވަޒީފާއިން ވަކި ކުރުމަށް ނިންމާފައިވަނީ އެ ކޯސް ފުރިހަމަ ނުކުރާ 228 މީހަކުކަމަށް ވިދާޅުވިއެވެ. އަދި ވަޒީފާއިން ވަކިކުރުމުން ކޯސް ފުރިހަމަ ކުރާނެކަމަށް ބުނާއިރަށް އަލުން ވަޒީފާ ދޭނެކަމަށް ވިދާޅުވިއެވެ.

މިއީ އިހުލާސްތެރި ނިޔަތެއްގައި ސަރުކާރުން ނިންމި ނިންމުމެއްކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ވަޒީފާއިން ވަކިކުރާއިރު، އެމީހުންނަކީ ހަމަ ހަގީގަތުގައިވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން ވަކި ކުރާ ބަޔަކުތޯ ނުވަތަ ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބު ވަކި ކުރާ ބަޔަކުތޯ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އަޅުގަނޑުގެ ނަޒަރުގައި ސިޔާސީ މަގާމުތަކުގައި ތިބޭ ބަޔަކު ނަމަވެސް، ވަކި ކުރާއިރު، އެއީ ރަނގަޅު އިހުލާސްތެރި ނިޔަތެއްގައި ކުރާ ކަމަކަށް ވާން ޖެހެއެވެ. ހަރަދު ކުޑަ ކުރުމުގެ ނަމުގައި އެމީހުން ވަކި ކުރި ނަމަވެސް އެއީވެސް ހަމަ ލިބޭ މުސާރައިގެ މައްޗަށް ބުރަވެ، ދިރިއުޅުމުގެ ހާލަތު ހަމަޖައްސާ ދިވެހި ރައްޔިތުންނެވެ. އެހެންކަމުން އެމީހުންގެ ޒިންމާއަކީވެސް ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ބޮލުގައި އެޅިފައި އޮންނާނެކަމެކެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރުމަކީ ރައީސްގެ ވައުދެއްކަމަށްވާއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެކި ފަހަރު މަތިން ނޫސްވެރިން އެދިފައިވެއެވެ. ހާމަ ކުރާނެކަމަށް ވިދާޅުވީ ނަމަވެސް، ސީދާ ޖުމްލަ އަދަދު އަދި މިހާތަނަށް ހާމަކޮށްފައިނުވީ ނަމަވެސް، ވަކި ވަކި ވުޒާރާތަކުން އަންނަނީ އެ ވުޒާރާތަކުގައި ތިބި ސިޔާސި މުވައްޒަފުންގެ އަދަދު ހާމަ ކުރަމުންނެވެ. މިހެން ޖަހާ ހިސާބުން 700 އަށްވުރެމަތިވެފައިވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

އެހެންކަމުން 228 ސިޔާސީ މުވައްޒަފުން ވަކިކުރާއިރު އެއީ މިހާރު ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި އަޅާ ބަލާއިރު، ހަރަދު ކުޑަ ކުރުމުގެ ގޮތުން ވަކިކޮށް، އެމީހުންނަށް ކުރާ ހަރަދު ކުޑަ ކުރުމަށް އެންމެ އެކަށީގެންވާ އަދަދުތޯ ސުވާލު އުފެދެއެވެ. ދެން ސިޔާސީ މުވައްޒަފުންނަށް ކުރާނީ ކިހާ ހަރަދެއްތޯވެސް ސުވާލު އުފެދެއެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެ، އިސްލާހީ ފިޔަވަޅުތައް އެޅުމަށް ރާއްޖެއަށް މަޑު ކުރާނެ ވަގުތު ނެތްކަމަށް ބައިނަލްއަގުވާމީ އިދާރާތަކުން ބުނަމުން އަންނައިރު، އިގްތިސާދު ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގައި އާއި ދައްކާ ވާހަކައިގައި ހިމެނޭ ސިޔާސީ ކަންކަން އެއް ފަރާތްކޮށް، މި މައްސަލަ ހައްލު ކުރުމުގައި ސިޔާސީ ކަންކަން އެއް ފަރާތްކޮށް، މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި ހައްލު ކުރަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: