ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީން ކުރިން ހިންގި އިމާރާތުގެ ކުލި ނުދައްކާ ކަމަށް ބުނެ، އިމާރާތުގެ ވެރިފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރަން ހުށަހަޅައިފިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގ. ނިއުޝާގެ ވެރިފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، 2020 ގެ މޭ 1 އިން ފެށިގެން ޔޫއޭއީ އެމްބަސީން އެ އިމާރާތުގައި ހިންގި މުއްދަތުގެ ކުލި ނުދައްކާ ކަމަށް ބުނެއެވެ. އިމާރާތުގެ ވެރިފަރާތުން އެދިފައިވަނީ ތިިން މަސް ދުވަހުގެ ކުއްޔަށްވާ 48,720 ޑޮލަރާއި، ޤާނޫނީ ޚަރަދުގެ ގޮތުގައި 750 ޑޮލަރު ނަގައިދިނުމަށެވެ.
ސިވިލް ކޯޓުން މައްސަލަ ނުބެލުބެލުމަށް ނިންމީ، ޔޫއޭއީ އެމްބަސީއަކީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް 1961 ގެ ދަށުން އިމްތިޔާޒު ލިބިގެންވާ ފަރާތަކަށްވާތީއެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިފައިވާ ފަރާތްތަކުގެ މައްޗަށް ދިވެހިރާއްޖޭގެ ކޯޓުތަކުގައި ދަޢުވާ އުފުލައިގެން ނުވާނެއެވެ.
ނަމަވެސް، ސިވިލް ކޯޓުގެ މި ނިންމުމާމެދު ހިތްހަމަނުޖެހިގެން އިމާރާތުގެ ވެރިފަރާތުން ވަނީ 30 ދުވަހުގެ ތެރޭގައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައެވެ.
މި މައްސަލައިގައި ޔޫއޭއީ އެމްބަސީގެ ބަހެއް ހޯދުމަށް ސިވިލް ކޯޓުން މަސައްކަތްކުރި ނަމަވެސް، ދަޢުވާ ފޯމާއި ލިޔެކިޔުންތައް އެމްބަސީއަށް ރައްދުކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.

