ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމަށް ފަހު ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އެ ތަފްސީލުތައް ރެކޯޑު ނުކޮށް ހުރި ދެ ބިލިއަން ރުފިޔާގެ މައްސަލަ ސަރުކާރުން ބަލަން ފަށައިފި އެވެ.
ދައުލަތުގެ މާލީ ހާލަތުގެ ތަފްސީލުތައް އާންމު ކުރަމުން އައި ވީކްލީ ފިކްސަލް ރެޕޯޓު އާންމު ނުކުރާތާ ފަސް މަހަށް ވުރެ ގިނަ ދުވަސްވުމުން ނޫސްވެރިން އެކަމަށް ދަނީ ސުވާލު ވެސް އުފައްދަމުންނެވެ. ފާޑުކިއުންތައް އަމާޒުވެފައިވާ މި މައްސަލައިގައި ފިނޭންސް މިނިސްޓްރީ ބުނެފައި ވަނީ އެ ތަފްސީލުތައް ވަރަށް އަވަހަށް އައު ބަދަލުތަކާއި އެކު ޝާއިއު ކުރަން ފަށާނެ ކަމަށެވެ.
ކުއްލި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަޖެޓުން ކުރި ހޭދަތަކުގެ ރެކޯޑު ބަލަހައްޓާފައި ނުވާކަމުގެ ތަފްސީލު ދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.
ހަރަދުތަކުގައި ހުރި ފަރަގުތައް ފާހަގަކުރެވި އެ މައްސަލަ އިތުރަށް ބެލިބެލުމުން ފެންމަތިވީ ކަންކަމުގެ ތަފްސީލު ދެއްވައި ޒަމީރު ވިދާޅުވީ އެ ރިޕޯޓު އާންމު ކުރުން ހުއްޓާލައި ހަރަދުތައްކޮށްފައި ހުރި ގޮތް ބެއްލެވީ ކުރީގެ ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގު ކަމަށެވެ.
ޒަމީރު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ތެރޭގައި ބޭރު އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކަށް މާލީ އިދާރާތަކުން ދޫކުރި ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ މި އަހަރުގެ ތެރޭގައި ރެކޯޑުކޮށްފައިވާކަމަށެވެ. ނަތީޖާއެއްގެ ގޮތުން ފާއިތުވި އަހަރުތަކުގައި ޕޯސްޓު ކުރަން އެދިފައިވާ ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ބިލުތަކަށް މި އަހަރުގެ ބަޖެޓުން ޖާގަ ދޭން ޖެހިފައިވާއިރު އެފަދަ އިތުރު ބިލުތަކެއް މިނިސްޓްރީތަކުގައި ހުންނާނެކަމަށް ބެލެވޭކަމަށް ޒަމީރު ވިދާޅުވި އެވެ.
މައްސަލައިގެ ތެރެއިން ފާހަގަވެފެން އައިސްފައި ވަނީ ނިޒާމީ ގޮތުން ދައުލަތުގެ ހަރަދު ރެކޯޑު ކުރަމުން ދިޔަ ގޮތާއި ގުޅޭ ސީރިއަސް އަދި ގާނޫނާއި ފުށުއަރާ މައްސަލައެއް.. ވަކީން ހާއްސަކޮށް ވޭތުވެ ދިޔަ ތިން އަހަރު އެކަން ހިނގާފައިވޭ..
މި މައްސަލައިގެ ތެރެއިން ފާހަގަކުރެވުނު މައިގަނޑު ތިންކަމަކީ ޒަމީރު ވިދާޅުވި ގޮތުގައި ކުރީ އަހަރުގެ ފަންޑެޑް ޕްރޮޖެކްޓުތަކާއި ގުޅޭ ޑިސްބާސްމަންޓުތައް ހިނގަމުންދާ އަހަރުގައި ރެކޯޑު ކުރުން އަދި ނިމިގޮސްފައިވާ ބިލުތައް ހިނގަމުންދާ އަހަރުގައި ރެކޯޑު ކުރުމާއި ގަސްތުގައި ގޯސްކޮށް ބަޖެޓު ތައްޔާރުކޮށް ފާސްކުރުމެވެ.
ޒަމީރު ވިދާޅުވީ މިނިސްޓްރީގައި ޑައިރެކްޓް ޑިސްބަސްމަނަޓްތައް ރިކޯޑު ކުރަމުން އައިސްފައިވާ އުސޫލުގެ ސަބަބުން، އެ ހަރަދެއް ހިނގާފައިވާ އަހަރު ނޫން އެހެން އަހަރުތަކުގައި ރެކޯޑްކުރަމުން ގޮސްފައިވާކަމަށެވެ. އަދި މިދިޔަ ރިޔާސީ ދައުރުގައި ބަޖެޓު މެނޭޖުކޮށް ސަޕްލިމަންޓް ކުރާ ގޮތާ ގުޅުވައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ހިނގާފައިވާ ޚަރަދަށް މި އަހަރުގެ ޖަނަވަރީ މަހުގައި އެތައް ސަތޭކަ މިލިއަނުން ނުވަތަ ބިލިއަނުން ރެކޯޑްކޮށް، ދައުލަތުގެ ފިސްކަލް އެކައުންޓްސް އޮޅުވާލަން ނުޖެހޭކަމަށް ޒަމީރު ވިދާޅުވި އެވެ.
މި މައްސަލައިގެ ތަފްސީލުތައް ބަލައި، އަދަދުތައް ހޯދުމުގެ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެކު މަސައްކަތް ކުރަމުން ދާކަމަށް ޒަމީރު ވިދާޅުވި އެވެ.

