މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ސަރުކާރުން އިފްތިތާހު ކުރި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ފަށައިފިއެވެ.
އެމްޕީއެލް މިއަދު ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުގުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، ފަސް އަހަރުގެ ތެރޭގައި އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތެވެ. ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެންވައިރޮމެންޓް މިނިސްޓަރ ތޯރިގު އިބްރާހިމް ވެސް ބައިވެރިވެވަޑައިގަތެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، އެމްޕީއެލްއިން ވަނީ މި ޕްރޮގްރާމްގެ ދަށުން އެއް މިލިއަން ގަސް އިންދަން އެއްބަސްވުމުގައި ސޮއިކޮށް ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހިމް ވަނީ ލިޔެކިއުން މިނިސްޓަރަށް ހަވާލުކޮށްދެއްވާފަ އެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ހެޔޮ ގޮތުގައި ދަމަހައްޓައި، ގަސްގަހާ ގެހި ރައްކާތެރިކޮށް އިތުރުކުރުމުގެ މުހިންމުކަން ދެނެގަނެ، ސަރުކާރުން ފެށި މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި މި މަސައްކަތުގައި އެމްޕީއެލްގެ ހުރިހާ ޑިޕާޓްމަންޓްތަކާއި ރީޖަނަލް ޕޯޓްތަކުން ބައިވެރިވާނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި، ކްލަބު ޖަމިއްޔަތަކާއި ގުޅިގެން ވެސް ގަސް އިންދުމުގެ ޕްރޮގްރާމް ކުރިޔަށް ގެންދާނެކަމަށް ވަޖީހު ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ބައިވެރިވުމާއެކު މިކަން ހާސިލްކުރުން
އެއް މިލިއަން ގަސް އިންދުމުގެ މަސައްކަތުގެ ތެރެއިން އެމްޕީއެލްއިން ވަނީ މި ހަފުތާގެ ތެރޭގައި 10،000 ގަސް އިންދުމަށް ނިންމާފަ އެވެ.
ރަސްމިއްޔާތުގައި މިނިސްޓަރ ތޯރިގު ވިދާޅުވީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެންމެ ގިނަ ގަސް އިންދުމަށް ޕްލެޖްކުރީ އެމްޕީއެލް ކަމަށެވެ. އަދި މިކަމަކީ އެމްޕީއެލްގެ ފަދަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން އިސްނަގައިގެން ކުރާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
ގަސް އިންދުމަށް ބޭއްވި ރަސްމިއްޔާތަށްފަހު، ތިލަފުށީގައި ވިޔަފާރި ބަނދަރު އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުގައި އެމްޕީއެލްއިން އިމާރާތްކުރަން ނިންމާފައިވާ ވަގުތީ މިސްކިތުގެ ބިންގާވެސް ވަނީ އަޅައިފައެވެ. ވަޖީހް ވިދާޅުވީ ވަގުތީ މިސްކިތަކީ ބަނދަރު އެޅުމުގެ މަސައްކަތް ފަށާއިރު، އެ ތަނުގައި މަސައްކަތްކުރާ ފަރާތްތަކަށް ނަމާދު ކުރުމުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އެމް.ޕީ.އެލްއިން އިމާރާތްކުރާ މިސްކިތެއް ކަމަށެވެ.

