ނޮވެންބަރު މަހުގެނތިން ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ތާރީޚުގައި އަލިގަދަ ފޮޅުވަތްތަކެއް ލިޔެވިފައިވާ ދުވަހެކެވެ. އެއީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ނުރައްކާތެރި ގޮންޖެހުމެއް ކުރިމަތިވި ދުވަހެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު، ބޭރުގެ ހަތިޔާރުއެޅި ބަޔަކު ރާއްޖެއަށް އަރައި، ވެރިކަން ވައްޓާލުމަށް މަސައްކަތްކުރި ހިތާމަވެރި ހާދިސާ ހިނގިއެވެ.
އެ ދުވަހުގެ ހާދިސާ ސިފަކޮށްދޭނަމަ، އެއީ ހަމަހިމޭންކަމާއެކު ނިދާފައި ތިބި ރައްޔިތުންނަށް ކުއްލިއަކަށް ކުރިމަތިވި ބިރުވެރި ތަޖުރިބާއެކެވެ. ރޭގަނޑުގެ އަނދިރިކަމުގައި، ބަޑިތަކުގެ އަޑާއި، ގޮވާ އެއްޗެހީގެ އަޑު ގަދަވަމުން ދިޔައެވެ. މާލޭގެ މަގުތަކުގައި ހަތިޔާރު އެޅި މީހުން އުޅެމުންދިޔައިރު، ރައްޔިތުން ބިރުވެރިކަމާއެކު ގޭގައި ތިބެ، ކުރިއަށް އޮތީ ކޮން ކަމެއްކަން ނޭނގި ކަންބޮޑުވިއެވެ. 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަހުގެ ފަތިހު 4:30 ހާއިރު ފެށުނު މި ހާދިސާއަކީ ރާއްޖޭގެ ފަސްގަނޑު ގުޑުވާލި ހަނދާނެކެވެ.
ނޮވެންބަރު 3 ގައި ހިނގައިދިޔަ ކަންކަމަށް ބަލާއިރު، ސަރުކާރުގެ މުހިންމު ތަންތަނަށް ވަނީ ހަމަލާދީފައެވެ. ރިޔާސީ ގަނޑުވަރަށާއި، އެން.އެސް.އެސްގެ މައި މަރުކަޒަށާއި، ޓެލެކޮމިއުނިކޭޝަންސް ބިލްޑިންގއަށް ވަދެ އަދި ސިފައިންގެ މައި މަރުކަޒު ވަށައިލައި، އެތަނަށްވެސް ވަނީ ހަމަލާދީފައެވެ. އޭރުގެ ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ހުންނެވީ ތީމުގެއިން ސަލާމަތްވެ ވަޑައިގެންނެވެ. އެދުވަހު ޤައުމަށްޓަކައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ވެވަޑައިގެންނެވި ޤުރުބާނީއަކީ އަގުވަޒަން ނުކުރެވޭނެ ވަރުގެ ކަމެކެވެ. ދިވެހި ސިފައިން ވަރަށް ހިތްވަރާއެކު، ހަމަލާދިން ބާޣީންނާ ކުރިމަތިލެއްވިއެވެ. މި ހާދިސާގައި އެތައް ސިފައިންނެއް ވަނީ އާއިލާއާއި އަނބިދަރީންނާ ވަކިވެފައެވެ. ޤައުމަށާއި ދިވެހި ރައްޔިތުންނަށްޓަކައި އެތައް ސިފައިންނެއް ވަނީ ފުރާނަ ޤުރުބާން ކޮށްލާފައެވެ.
ނޮވެންބަރު 3 ގެ ހަމަލާ ނާކާމިޔާބު ކޮށްލުމުގައި ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތަކީ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމެވެ. އޭނާ ދެއްކެވި ހިތްވަރާއި ޤައުމީ ލޯބި އަދިވެސް ދިވެހިންގެ ހިތްތަކުގައި ދިރިއޮވެއެވެ. ހަމަލާ ފެށުނު ވަގުތު، ޙުސައިން އާދަމް ހުންނެވީ ބަންޑާރަކޮށީގައި ޑިއުޓީ އަދާކުރައްވާށެވެ. ޙުސައިން އާދަމް ވަރަށް ހިތްވަރާއެކު ބަންޑާރަކޮށި ދިފާޢުކުރުމުގެ މަސައްކަތް ކުރެއްވިއެވެ. ދެއްކެވި ހިތްވަރުގަދަކަމުގެ ސަބަބުން، ހަމަލާދޭ މީހުންނަށް ފަސޭހައިން ބަންޑާރަކޮށްޓަށް ވަދެވޭގޮތް ނުވިއެވެ. ހަމަލާގެ ތެރޭގައި، ޙުސައިން އާދަމް އެހެން ސިފައިންނަށް ހިތްވަރުދެއްވައި، އެމީހުންގެ މެދުގައި ޤައުމީ ރޫޙު އާލާކުރެއްވިއެވެ. ޙުސައިން އާދަމް އެންމެ ފަހު ވަގުތާ ހަމައަށްވެސް ލޯބިވާ ޤައުމަށްޓަކައި ދިފާޢީ މަސައްކަތް ކުރެއްވިއެވެ. އަމިއްލަ ރައްކާތެރިކަމަށްވުރެ ޤައުމުގެ ސަލާމަތް އިސްކުރެއްވިއެވެ. އެންމެ 20 އަހަރުގައި ދިވެހި ޤައުމަށްޓަކައި ދެއްކެވި ހިތްވަރާއި ޤައުމީ ލޯބި، ދިވެހި ޒުވާނުންނަށް ނަމޫނާއެއްގެ ގޮތުގައި މިއަދުވެސް ދެމިއޮވެއެވެ. އެ ޤުރުބާނީއަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ކުރެވުނު އަގުހުރި ޤުރުބާނީއެކެވެ. މި ހާދިސާއިން ދިވެހިންނަށް ލިބުނު އެންމެ ބޮޑު ޢިބްރަތަކީ، ޤައުމީ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަމެވެ. އަމަންއަމާންކަމަކީ އަގުހުރި އަދި ފަސޭހައިން ގެއްލިދާނެ އެއްޗެއްކަން ދިވެހިންނަށް ވަރަށް ރަނގަޅަށް ވިސްނުނެވެ.
މީގެ އިތުރުން، ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަންވެސް ފާހަގަކުރެވުނެވެ. ހަމަލާ ދިން ވަގުތު، ދިވެހިން އެއް އަޑަކުން، އެއް ފިކުރަކުން ޤައުމު ސަލާމަތްކުރުމަށް ތެދުވިއެވެ. މި ކަމުން ދޭހަވަނީ، ޤައުމީ ކަންކަމުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މުހިންމުކަމެވެ.
ނިންމާލުމުގެ ގޮތުން ދަންނަވާނީ، ނޮވެންބަރު 3 ގެ ހާދިސާއަކީ ދިވެހި ތާރީޚުގެ ހިތާމަވެރި ހަނދާނެއް ނަމަވެސް، އެ ހާދިސާއިން ލިބުނު ފިލާވަޅުތަކާއި ޢިބްރަތްތަކުގެ ސަބަބުން، މިއަދު ދިވެހިރާއްޖެ ވަނީ ކުރިން ނުދެކޭ ފަދަ ގޮތަކަށް ވަރުގަދަވެފައެވެ. އަޅުގަނޑުމެންގެ ޒިންމާއަކީ މި ވަރުގަދަކަން ދެމެހެއްޓުމާއި، ކުރިއަށް އޮތް ޖީލުތަކަށް މިނިވަން، އަމާން އަދި ފާގަތި ދިވެހިރާއްޖެއެއް ވާރުތަކޮށްދިނުމެވެ. މިކަމަށްޓަކައި، ކޮންމެ ދިވެއްސަކުވެސް އަމިއްލަ ޒިންމާ އުފުލައި، ޤައުމީ ތަރައްޤީއަށް ދެމިތިބުމަކީ މުހިންމު ކަމެކެވެ.

