ހުޅުމާލެ މެޖިސްޓްރޭޓު ކޯޓު އުވާލުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް، ހުށަޅާނެކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
ކޯޓުތަކުގެ ގާނޫނުގައި ބުނާ ގޮތުގައި މާލޭގައި ހުންނަ ފަދަ ސުޕީރިއަރ ކޯޓުތައް ހުންނަ ރަށްތަކުގައި މެޖިސްޓްރޭޓު ކޯޓެއް ނުހުންނާނެ އެވެ. ސުޕީރިއަރ ކޯޓަކީ ފުރަތަމަ މަރުހަލާގައި މައްސަލަ ބެލުމަށް ކޯޓުތަކުގެ ގާނޫނުގެ ދަށުން އުފައްދާ ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓެވެ. އެގޮތުން ގާނޫނުގެ ދަށުން މާލޭގައި އުފައްދާ ހަތަރު ސުޕީރިއާރ ކޯޓަކީ ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓު އަދި ފެމިލީ ކޯޓުގެ އިތުރުން ޖުވެނައިލް ކޯޓެވެ.
ހަތަރު ސުޕީރިއަރ ކޯޓުގެ ހަތަރު ޑިވިޒަން، ރަށެއްގައި ހަމަޔަށް ގާއިމުވެއްޖެހިނދެއްގައި އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓު އުވިގެންދާނެކަމަށް ގާނޫނުގައި ބުނާއިރު ރަށެއްގައި ގާއިމުކުރެވުނީ އެ ހަތަރު ޑިވިޒަނުގެ ތެރެއިން ޑިވިޒަނެއްކަމުގައިވާނަމަ، އެ ގާއިމުކުރެވުނު ޑިވިޒަނުގެ އިހްތިސާސާ ގުޅޭ މައްސަލަތައް ދެން ބަލާނީ، މެޖިސްޓްރޭޓް ކޯޓުގެ ބަދަލުގައި އެ ޑިވިޜަންއަކުންކަމަށް ވެސް ގާނޫނުގައި ވެއެވެ.
ހުޅުމާލެއަކީ މާލޭގެ އަވަށަކަށްވާއިރު، 2012 ގައި ސުޕްރީމް ކޯޓުގައި ކުރިޔަށް ދިޔަ މައްސަލައެއްގައި އެ ކޯޓުން ނިންމާފައި ވަނީ ހުޅުމާލޭގައި ހުންނަ މެޖިސްޓްރޭޓު ކޯޓަކީ ސައްހަ ކޯޓެއް ކަމަށެވެ. އޭގެ ފަހުން 2022 ވަނަ އަހަރު ހުޅުމާލެ ކޯޓު އުވާލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މަސައްކަތް ފެށުމުން، ސުޕްރީމް ކޯޓާއި ދެމެދު ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދިގެން ދިޔަ އެވެ.
ކޯޓު އުވާލުމާއި ގުޅޭގޮތުން އަނެއްކާވެސް މަޝްވަރާތަކެއް ފެށުނީ، ހުޅުމާލޭގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ހުރުމަކީ މާލޭގެ ކޯޓުތަކަށް ދިމާވެފައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި އޭގެ ސަބަބުން އިންސާފު ގާއިމް ކުރުމުގެ މަސައްކަތަށް ހުރަސް އެޅެމުން ދާއިރު، މިކަމަށް ހައްލެއް ހޯދިފައި ނެތުމުން ކަންބޮޑުވާން ޖެހޭކަމަށް ހައިކޯޓުން ބުނެފައި ވަނިކޮށެވެ.
ސަންގުއާއި ވާހަކަ ދައްކަވަމުން ބަންޑާރަ ނައިބު އުޝާމް ވިދާޅުވީ ހުޅުމާލެ ކޯޓު އުވާލުމުގެ މަސައްކަތް ކުރާނެކަމަށާއި، އެކަމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތަކުގެ ޑްރާފްޓު މަރުހަލާ ކުރިޔަށްދާކަމަށެވެ.

