އިސްރާއީލުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން މެދުއިރުމަތީގެ ފުޅާވަމުންދާ ހަނގުރާމައިގެ ތެރެއިން އިސްރާއީލުންވަނީ ވައިގެ މަގުން އީރާނަށް ހަމަލާތަކެއް ދީފައެވެ. އަދި ހަމަލާތައް އަމާޒުކުރީ އީރާނުގެ އަސްކަރީ ވަސީލަތްތަކަކަށް ކަމަށާއި އެއީ މީގެ ދުވަސްތަކެއް ކުރިން ބެލިސްޓިކް މިސައިލުތަކެއް ބޭނުންކޮށްގެން އީރާނުން ދިން ހަމަލާގެ ބަދަލު ހިފުންކަމަށް އިސްރާއީލުން ބުނާކަމަށެވެ.
މީޑިއާތަކުން ބުނާގޮތުން، މި ހަމަލާތަކުގެ އަޑުފައްގަނޑު މުޅި އީރާނުގެ ވެރިރަށަށް އިވިގެންދާނެއެވެ. އެހެންނަމަވެސް އީރާނުންވަނީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މާ ބޮޑެތި ގެއްލުންތަކެއް ނުވާކަމަށް ބުނެފައިކަމަށާއި ޒަމާންތަކެއްގެ މަތިން މައްސަލަތައް ޖެހެމުން އަންނަ ދެ ގައުމުގެ ދެމެދު މަޝްރަހު އިތުރަށް ހޫނުވެ ސަރަހައްދީ ހަނގުރާމައެއް ފެށިގެންދިއުން ކުރިއަށްވުރެ ގާތްވެފައިވާކަމަށެވެ.
މިއީ އީސްރާއީލުން ފާޅުގައި އީރާނަށް ހަމަލާ ދީފައިވާ ފުރަތަމަ ފަހަރުކަމަށްވެސް ބައެއް ފަރާތްތަކުން ބުނާއިރު އިރާގު ދެމެދު 1980ގައި ކުރެވުނު ހަނގުރާމައަށްފަހު އީރާނަށް އެހެން ގައުމެއްގެ ފަރާތުން މިފަދަ ހަމަލާއެއް ތަހައްމަލުކުރަންޖެހިފައިނުވާކަމަށްވެސް ބުނެއެވެ.
އިސްރާއީލުން ދިން ހަމަލާތައް އެތައް ގަޑިއިރަކަށް ދެމިގެންދިޔައިރު ހަމަލާތައް ދީފައިވަނީ އީރާނުގައި މިސައިލު އުފެއްދުމަށްޓަކައި ބޭނުންކުރާ ތަންތަނަށާއި އެތަންތަނަކީ އިސްރާއީލަށް ނިމިދިޔަ އަހަރުގެ ތެރޭގައި ހަމަލާތައް ދިނުމަށް ބޭނުންކުރި މިސައިލުތައް އުފެއްދި މަރުކަޒުތައްކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ. އަދި އެ ގައުމުންވަނީ އީރާނުގެ ވައިގެ މަގުން ހަމަލާ ދިނުމުގެ ގާބިލުކަން ބަލިކަށިކޮށްލާފައިކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
އީރާނުން އިސްރާއީލަށް ދިން ހަމަލާތަކަށްފަހު އެ ގައުމުގެ ނިއުކްލިއަރ ވަސީލަތްތަކަށް ހަމަލާއެއް ދީފާނެކަމުގެ ބިރު އޮތްނަމަވެސް އެފަދަ އަމާޒަކަށް ހަމަލާއެއް ނުދޭނެކަމުގެ ޔަގީންކަން އެމެރިކާއިންވަނީ އިސްރާއީލުގެ ފަރާތުން ހޯދާފައިކަމަށް ފެނިގެންދިޔަކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އެއީ މިހާރު އުފެދިފައިވާ މައްސަލަ ގަނޑު އިންތިހާއަށް ގޯސްވެގެންދިއުމަށް ފަހިވާނެކަމެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު މީޑިއާއަށް މައުލޫމާތު ދިންގޮތުން އީރާނާއި އެ ގައުމުގެ ބައިވެރިންދަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ހުއްޓުމެއް ނެތި އެ ގައުމަށް ހަމަލާ ދެމުންކަމަށެވެ. އެގޮތުން ސީދާ ހަމަލާ ދިނުމުގެ އިތުރުން އެހެނިހެން ފަރާތްތައް މެދުވެރިކޮށް ހަމަލާ ދިން ފުރުސަތުތައްވެސް ހިމެނޭކަމަށާއި ހުރިހާ މިނިވަން ގައުމުތަކާއިވެސް އެއްގޮތަށް އެ ގައުމަށްވެސް އެކަންކަމަށް ޖަވާބު ދިނުމުގެ ހައްގު ލިބިފައިވާކަމަށާއި އެއީ ޒިންމާއެއްކަމަށެވެ.
އިސްރާއީލުން ދިން ހަމަލާތަކަށްފަހު އިތުރު އެހެން އެފަދަ އަމަލެއް ނުހިންގުމަށް އެމެރިކާއިންވަނީ އިންޒާރުތަކެއް ދީފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި ރޭގަނޑުން ފަތިހަށް ދިގުދެމިގެންދިޔަ ހަމަލާތަކަކީ އީރާނާއި އިސްރާއީލުގެ ދެމެދު ސީދާ ހަމަލާ ބަދަލުކުރުންތަކުގެ ނިމުމަށްވާންޖެހޭކަމަށެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވާގޮތުން ހަމަލާތަކުގެ ސަބަބުން ލިބިފައިވަނީ ކުދިކުދި ގެއްލުންތައް ކަމަށެވެ.

