ދަނޑުވެރިކަމުގައާއި ކާނާގެ ނިޒާމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިމަތިވާ މައިގަނޑު އެއް ގޮންޖެހުމަކަށްވަނީ މާލީ އެހީތެރިކަން ހޯދުމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ކަމަށާއި، މިކަމަށް އެދެވޭ ޙައްލެއް ހޯދުމުގެ މަޤްޞަދުގައި ސަރުކާރުން މިހާރު ކުރިޔަށް ގެންދާ ”ދަނޑުވެރި ނަފާ“ ލޯނު ޕްރޮގްރާމްގެ 30 އިންސައްތަ އަންހެން ދަނޑުވެރިންނަށް ޚާއްޞަކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
އިޓަލީގެ ވެރިރަށް ރޯމްގައި މިމަހުގެ 21 އިން 25އަށް ކުރިއަށް ގެންދާ ކޮމިޓީ އޮން ވޯލްޑް ފުޑް ސެކިޔުރިޓީ ބައްދަލުވުމުގައި ހިމެނޭ ފޯރަމްތަކުގެ ތެރެއިން “ސީ އެފް އެސް ގައިޑްލައިންސް އޮން ޖެންޑަރ އީކުއަލިޓީ އެންޑް ވިމެން އެންޑް ގާލްސް އެމްޕަވަރމަންޓް“ ފޯރަމްގައި މިނިސްޓަރ ޑރ. އައިޝަތު ރަމީލާ ވަނީ މިއަދު ވާހަކަފުޅު ދައްކަވާފައެވެ.
ދަނޑުވެރިކަމުގަޔާއި ކާނާގެ ނިޒާމު ފުރިހަމަ ކުރުމުގައި އަންހެނުން އަދާކުރާ ދައުރު އިތުރުކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު މިނިސްޓަރ ވަނީ މިފޯރަމްގައި ހުށަހަޅުއްވާދެއްވާފައެވެ. ގޯތިތެރޭގައި ގަސްހެއްދުމާއި، ދަނޑުވެރިކަމުގެ ބާވަތްތަކުން ކާބޯތަކެތި އުފައްދައި ވިއްކުމާއި، ޚާއްޞަކޮށް ދަނޑުވެރިކަމުގައި އަންހެނުން ދަނީ މިހާރުވެސް މުހިންމު ދައުރެއް އަދާކުރައްވަމުން ކަމަށާއި ރާއްޖޭގައި ދަފްތަރު ކުރެވިގެން މަސައްކަތް ކުރާ ދަނޑުވެރިންގެ 57 އިންސައްތަޔަކީ އަންހެން ދަނޑުވެރިންކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ކަމާއި ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތަކާއި ފަންނީ އަދި މާލީ ވަޞީލަތްތައް ލިބިގަތުމުގަޔާއި ކާނާ އުފެއްދުމުގެ ނިޒާމުގައި އިސްނަގައިގެން މަސައްކަތް ކުރުމުގެ ފުރުޞަތު އަންހެނުންނަށް ފަހިކޮށްދިނުމަށް FAO, IFAD, UNDP ފަދަ ބައިނަލްޢަޤްވާމީ ޖަމްޢިއްޔާތަކުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައިވައެވެ.
އަންހެނުން ބާރުވެރިކުރުމަށް އެކުލަވާލާފައިވާ ޤައުމީ ސިޔާޞަތުތަކުގެ ދަށުން، ޙާލަތު ބަދަލު ކުރުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތައް ކުރަމުން ދިޔަ ނަމަވެސް، ޤައުމީ މުހިންމު ކަންކަމުގައި ބަސްބުނުމާއި ގޮތް ނިންމުމުގެ އިތުރުން، އިޤްތިޞާދީ ފުރުޞަތުތައް ލިބިގަތުމަށާއި މާލީ، ފަންނީ ފުރުޞަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަންހެނުން ފަސްޖެހޭ މަންޒަރު އަދިވެސް ފެންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ ރާއްޖޭގައި އެންމެންގެ ބައިވެރިވުން ހިމެނޭ، ހަރުދަނާ އަދި ހަމަހަމަ ކާނާގެ ނިޒާމެއް ޤާއިމްކުރުމުގައި އަންހެނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުވާންޖެހޭ ކަމަށާއި، ހަމައެކަނި ބައިވެރިވާ ބަޔަކަށް ވުމުގެ ބަދަލުގައި އިސްނަގައިގެން ޤައުމުގެ ކާނާގެ ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމުގައި އިސް ސަފުގައި ވަކާލާތުކޮށް، މަސައްކަތްކުރާ އަންހެނުން އިތުރުކުރުމަށް ގައުމީ ފެންވަރުގައި ކުރަމުން ގެންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވަމުންނެވެ.

