ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގް (ޗޮގަމް 2024) ގެ ހަވާސާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައި، ދިވެހިރާއްޖޭގެ ނައިބު ރައީސް، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންފިއެވެ.
ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް ރިޓްރީޓަކީ، ކޮމަންވެލްތުގެ މެންބަރު ޤައުމުތަކަށް ބޭނުންވާ ބަދަލުތައް ގެނައުމަށްޓަކައި، މާނަހުރި ގޮތެއްގައި އިސްވެރިންނަށް ޝާމިލުވެވަޑައިގެންނެވޭނެ ފުރުޞަތު ފަހިކޮށްދޭ ހަރަކާތެކެވެ. މި ހަރަކާތުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ނައިބު ރައީސްއެވެ. އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ވަޑައިގެންނެވިއެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި އިޙުތިރާމު ކުރާ، އަދި އިޙުތިރާމު ލިބޭ، ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ނުހަނު މުހިންމު ކަމެއް ދެއްވާ ކަމެކެވެ.
ކޮންމެ 2 އަހަރަކުން އެއް އަހަރު އޮންނަ ޗޮގަމްގެ މި އަހަރުގެ ސަމިޓް ކުރިއަށް ދަނީ ސަމޯއާގެ ވެރިރަށް އަޕިއާގައެވެ. މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

