ދިވެހިރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ މި ދަނޑިވަޅުގައި ޤައުމަށް ނުހަނު މުހިންމު ފިޔަވަޅުތަކެއްކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރުގެ ރަސްމީ އެކްސް އެކައުންޓުގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ވަރަށް މުހިންމު ފިޔަވަޅުތަކެއް ކަމަށާއި، މި ފިޔަވަޅުތަކުގެ ސަބަބުން ދުރު ރާސްތާގައި ޤައުމާއި ރައްޔިތުންނަށް ފާގަތިކަން ލިބިގެންދާނެ ކަމަށެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ދަށްވެ، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް އަދާނުކުރެވޭނެކަމަށް ބަލައި، އެމެރިކާގެ ކްރެޑިޓް ރޭޓިންގ އޭޖެންސީ ފިޗްއިން ރާއްޖޭގެ ރޭޓިންގ މި އަހަރު ”ޓްރިޕަލް ސީ ޕްލަސް“ އަށް ދަށްކޮށްފައިވަނިކޮށެވެ. ފާއިތުވި ދެ އަހަރު ފިޗްއިން ރާއްޖެއަށް ކަނޑައަޅާފައިވަނީ ”ބީ ނެގެޓިވް“ އެވެ.
މި ރިޕޯޓު ނެރުމުގެ ކުރިން ވެސް ސަރުކާރުން ވަނީ ކުރިއަށް އޮތީ އިޤްތިޞާދީ ގޮތުން ދަތި ދުވަސްތަކެއް ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާތީ ޙާލަތު ރަނގަޅުވެ، ޑޮލަރުގެ ތާށިކަން ޙައްލުވަމުންދާކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް، މީގެ ދެ ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ ބައެއް މަޤާމުތޤާމުތައް މަދުކޮށް، އިވެންޓުތަކާއި ޖަލްސާތައް ވެސް މަޑުޖައްސާލައި، ޚަރަދުތައް މެނޭޖުކުރުމަށް މަސައްކަތްކުރަމުން ގެންދާކަން އިޢުލާންކުރައްވާފައެވެ.

