އިޒްރޭލުން މި ފަހުން އީރާނަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުން މި ފަހުން އީރާނަށް ދީފައިވާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި އެއީ އީރާނުގެ ސިޔާދަތައް އަރައިގަތުންކަމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކާއިވެސް ހިލާފު އަމަލެއްކަމަށް ބަޔާނުގައި ވެއެވެ.
ދިވެހި ސަރުކާރުން ވަނީ ސަރަހައްދީ މަސްލަހަތު އިތުރަށް ގެއްލުމަށް ފަހިވާފަދަ މި އަމަލުތައް ހުއްޓާލައި ދެ ގައުމުގެ ދެމެދު މަސްރަހު ފިނިކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތީ ކަންކަމުގެ އިތުރުން ރައްޔިތުންނަށްވެސް ނުރައްކާތައް ކުރިމަތިވާކަމަށް ބުންޏެވެ.
ބަޔާނުގައި ބުނެފައި ވަނީ މި މައްސަލައިގައި ޝާމިލުވާ އެންމެހާ ފަރާތްތަކުންވެސް ވީހާވެސް ކެތްތެރިކަމާއިއެކު އަމަލުކުރުމަށް އަދި ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކަށް ތަބާވުމަށް ދިވެހި ސަރުކާރުން ގޮވާލާކަމަށެވެ. އަދި މި މައްސަލަ ނިމުމަކަށް ގެނައުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއްވެސް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ގޮވާލާކަމަށާއި ސަރަހައްދީގޮތުން ސުލްހަ ގާއިމުކުރުމަށްޓަކައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށްވެސް ގޮވާލާ ކަމަށެވެ.
ބަޔާނުގައި ބުނެފައި ވަނީ އިޒްރޭލުން، އީރާނަށް ދިން ހަމަލާއަކީ އީރާނުގެ ސިޔާދަތަށް އަރައިގަތުމާއި އެކު ބައިނަލްއަޤުވާމީ ގާނޫނާއި ހިލާފަށް ހިންގާފައިވާ އަމަލެއް ކަމަށެވެ. އަދި ބަޔާނުގައި ވަނީ ބައިނަލްއަޤުވާމީ މިންގަނޑުތައް ހިފަހައްޓައި ގާނޫނަށް ހުރިހާ ފަރާތްތަކުން ވެސް ބޯލެނބުމަށް ގޮވާލާފަ އެވެ.
އިޒްރޭލުން އީރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައި ވަނީ މިސައިލް ސައިޓުތަކަށެވެ. އަދި އީރާނުން އިތުރު ހަމަލާއެއް ދީފިނަމަ، ދެން ދޭ ހަމަލާއެއް އިތުރަށް ވަރުގަދަވާނެކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފަ އެވެ.

