ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އައިޝަތު ޖެނިފާ ވަކިކޮށްފައި ވަނީ ގާނޫނާއި ހިލާފަށްކަމަށް ނިންމައި އޭނާއަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2018 ވަނަ އަހަރު އެ މަގާމަށް އައްޔަނު ކުރި، ޖެނިފާ ޑީއެމްޑީ ކަމުން ވަކި ކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބޯޑު ނިންމުމަކުންނެވެ.
އެ މައްސަލަ ޖެނިފާފެ ފަރާތުން ޓްރައިބިއުނަލްއަށް ހުށަހެޅުމުން، ނިންމާފައި ވަނީ ޖެނިފާ މަގާމުން ވަކިކޮށްފައި ވަނީ ވަކި ކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެގެން ނޫންކަމަށެވެ. އަދި އޭނާ މަގާމުން ވަކިކޮށްފައި ވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމެއް ނެތިކަމަށް މައްސަލައިގެ ނިންމުމުގައި ވެއެވެ.
ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ ގަވައިދާ ހިލާފަށް ޖެނިފާ މަގާމުން ވަކިކޮށްފައި ވާތީ އޭނާއަށް ގެއްލުމުގެ ބަދަލެއްގެ ގޮތުން އެއް މަހުގެ މުސާރައާއި އިނާޔަތްތަކަށްވާ 56،000 އަށް ވުރެ ގިނަ ރުފިޔާ އެއް މަސްދުވަހުގެ ތެރޭގައި ދިނުމަށެވެ. އަދި ޓްރައިބިއުނަލްގެ އެންގުން ތަންފީޒު ކުރުމަށް ފަހު، އެކަން އެންގުމަށް ވެސް ނިންމުމުގައި ވެއެވެ.

