ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގައި ކޮށްދެއްވި ހިދުމަޔުގެ އަގުވަޒަންކޮށް، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަށް ދެއްވި ގައުންކޮޅާ، އެ މަރުޙޫމްގެ ދަރިކަލުންގެ ޙައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙަވާލުވެވަޑައިގެންފިއެވެ.
އެމަނިކުފާނު މި ގައުންކޮޅާ ހަވާލުވެވަޑައިގަތީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި ހައިކޯޓުން އިންތިޒާމްކޮށްގެން ކުރިއަށްދިޔަ ”އިސްތިރާޖީ ޢަމަލީ ތަދުބީރު 2025-2027“ އިފުތިތާޙުކުރުމުގެ ރަސްމިއްޔާތުގައެވެ.
ހައިކޯޓުގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސީއެޗްއެސީގައި ބޭއްވި ހަފްލާގައި ވަނީ ހައިކޯޓުގައި ހިދުމަތް ކުރެއްވި ފަނޑިޔާރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ ހަނދާނީ ފިލައާއި، އެވޯޑު ދީފަ އެވެ. އަދި އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހިދުމަތް ކުރެއްވި ބައްޕާފުޅުގެ އަގުވަޒަން ކުރުމަށް އެރުވި ފަނޑިޔާރުންގެ ގައުންއާއި ހަވާލުވެވަޑައިގަތީ ރައީސް މުއިއްޒެވެ.
ރައީސް މުއިއްޒުގެ ބައްޕާފުޅު ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ، 5 އޮކްޓޫބަރު 1980 ގައި ދިވެހިރާއްޖޭގެ ހައިކޯޓު އުފައްދަވައި، އެ ކޯޓަށް ފުރަތަމަ އައްޔަނު ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ޝަރީޢަތާ ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވީ މިސުރުގެ އަލްއަޒުހަރު ޔުނިވާސިޓީންނެވެ.
ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުގައި އިސްތިއުނާފު މަރުޙަލާގެ އެންމެ މަތީ ކޯޓުގެ ގޮތުގައި ހައިކޯޓު ހުރިއިރު އެ ކޯޓުގެ ފަނޑިޔާރުކަން ކުރެއްވުމުގެ އިތުރުން، ފަޟީލަތުއްޝައިޚް އަލްއުސްތާޛު އަލްމަރުޙޫމް ހުސައިން އަބްދުއްރަޙްމާން ވަނީ، ބަންޑާރަނާއިބުގެ އޮފީސް ހިންގަވާ އިސް ބޭފުޅެއްގެ ގޮތުގައި، އެޓަނީ ޖެނެރަލްގެ ނާއިބުކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި އިސްލާމީ ތައުލީމުގެ ކަންކަން ބަލަހައްޓަވާ އެންމެ އިސް މަސްއޫލުވެރިއެއްގެ މަގާމުގައި ހިދުމަތް ކުރައްވާފައި ވެއެވެ.
އެމަނިކުފާނު ވަނީ ދީނީ ތައުލީމު އުނގަނައިދެއްވުމުގެ އިތުރުން އިލްމީ އެކި މައުޟޫއުތަކުގައި ދިރާސާކުރައްވައި ލިޔުންތައް ގެނެސްދެއްވާފަ އެވެ.
މީގެއިތުރުން ބައިވެރިވެވަޑައިގެންނެވި ޕްރޮގްރާމްތަކުގެ ތެރޭގައި، ގައުމީ މީޑިއާ ގެނެސްދިން ”އަލީގެ މައްޗަށް އައްޔެއް“ ފަދަ މަގުބޫލު ޕްރޮގްރާމްތައް ހިމެނެ އެވެ.

