އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައަށް ރާއްޖެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފް ދައުވަތު ދެއްވައިފިއެވެ. މި ދައުވަތު ދެއްވާފައިވަނީ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް 2024) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅުގައެވެ.
ނައިބު ރައީސް ލަތީފް ވިދާޅުވި ގޮތުގައި، މި ދައުވަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރަސްގެފާނު ޗާލްސްއަށް އަރުވާފައިވާ ދައުވަތެކެވެ. މި ބައްދަލުކުރެއްވުމުގެ ތަސްވީރެއް ނައިބު ރައީސް ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކުރައްވާފައެވެ.
ކޮމަންވެލްތުގެ އެންމެ އިސްވެރިޔާއަކީ ވެސް ރަސްގެފާނު ޗާލްސްކަން ފާހަގަކޮށްލެވެއެވެ. މި ދައުވަތަކީ އިނގިރޭސި ރަދުުން ރާއްޖެއަށް ކުރައްވާ ދަަތުރުފުޅުތަކުގެ ތާރީޚުގައި އައު ބާބެއް ހުޅުވިގެންދާނެ ކަމެއްކަން ފާހަގަކުރެވެއެވެ.
އިނގިރޭސި ރަސްކަލެއްގެ ގޮތުގައި ރާއްޖެއަށް ކުރެއްވި ހަމައެކަނި ދަތުރުފުޅަކީ ރަސްގެފާނު ޗާލްސްގެ މަންމާފުޅު އަދި އިނގިރޭސިވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެވަނަ 1972 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކުރެއްވި ރަސްމީ ދަތުރުފުޅެވެ. މިއީ މީގެ 52 އަހަރު ކުރިން ހިނގި ކަމެކެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ބޭއްވާ ކޮމަންވެލްތު ސަމިޓް މިއަހަރު ކުރިއަށްދަނީ ސަމޯއާގެ ވެރިރަށް އަޕިއާގައެވެ. މި ސަމިޓުގައި ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

