ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފު، ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް 2024) ގައި ބައިވެރިވެވަޑައިގަތުމަށް ސަމޯއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް، އެންޑް ރިކްރިއޭޝަން، އަބްދުﷲ ރާފިޢު، އަދި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ޑރ އިރުތިޝާމް އާދަމް ހިމެނޭ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ޗޮގަމް 2024 ގައި ނައިބު ރައީސް ވަނީ މައިގަނޑު ބައްދަލުވުމާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން، ދިވެހިރާއްޖެއާ ގުޅުންހުރި ބައިނަލްއަޤުވާމީ މުހިންމު މައްސަލަތަކާ ގުޅޭ މަތީ ފެންވަރުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފހަކަފުޅުދައްކަވާފައެވެ. މީގެ ގެ ތެރޭގައި ޗޮގަމް ކްލައިމެޓް ބްރެކްފާސްޓް، ކޮމަންވެލްތު ބިޒްނަސްފޯރަމް، އަދި އެސްއެމްއައިގެ ސީއީއޯ-ލީޑަރސް އިވެންޓް ހިމެނެއެވެ.
ނައިބު ރައީސްރައީސް ވަނީ ސަމޯއާގެ ބޮޑުވަޒީރު ހަރ އެކްސެލަންސީ ފިއާމޭ ނައޯމީ މަޓައާފާގގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްވެސް ކުރައްވާފައެވެ. މީގެ އިތުރުން، ކޮމަންވެލްތު އިސްވެރިންގެ ރިޓްރީޓްގައިވެސް ނައިބު ރައީސް ވަނީ ތަފާތު މައުޟޫޢުތަކަށް ވާހަކަފުޅުދައްކަވައި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
ސަމޯއާގެ ވެރިރަށް އަޕިއާގައި އޮކްޓޯބަރ 21 އިން 26 އަށް ބޭއްވި މި ބައްދަލުވުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ހަރަކާތްތެރިކަން އިތުރުކުރުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަމެކެވެ.
ކޮންމެ ދެ އަހަރަކުން އެއްފަހަރު ބާއްވާ މި ބައްދަލުވުމަކީ ދުނިޔޭގެ އިޤްތިޞާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ކޮމަންވެލްތު މެންބަރު ޤައުމުތަކުގެ އިސްވެރިންނަށް މުހިންމު މަންސައެއް ފަހިކޮށްދޭ ބައްދަލުވުމެކެވެ.

