މި ސަރުކާރުގެ މަސައްކަތްތައް ބާރުތަކުގެ ވަކިވުމުގެ އުސޫލާ ފުށުއަރާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ފާހަގަކުރައްވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް ހުށަހެޅިފައިވާ ބިލްގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން މީކާއީލް ވިދާޅުވީ، މި ބިލަކީ އިޞްލާޙެއް ނޫން ކަމަށެވެ. އިިޞްލާޙަކީ ކުރިއެރުމެއް ކަމުގައި ވިދާޅުވެ، މި ބިލަކީ ދިވެހިރާއްޖެއަށް ގިނަގުނަ މަސައްކަތުން ހޯދި ބާރުތަކުގެ ވަކިވުމުގެ ނިޒާމާ ފުށުއަރާ ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބަހުޕާޓީ ސިޔާސީ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރެވުނު އިރު، އެކަމާ ދެކޮޅަށް ނުކުތް ފަރާތްތައް ފަހުން އެ ނިޒާމުގެ ދަށުން ޕާޓީ އުފައްދައި، އިންތިޚާބީ މަޤާމުތަކަށް ކުރިމަތިލި ކަމަށް މީކާއީލް ފާހަގަކުރެއްވިއެވެ. މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި އެފަދަ މެންބަރުން ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ.
18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ޙައްޤު ހޯދައިދިނުމަށް ވަކާލާތުކުރެވުނު އިރު، އެކަމާ ދެކޮޅަށްވެސް އަޑުއުފުލުނު ކަމަށާއި، ނަމަވެސް މިއަދު އެ ފަރާތްތަކުން ޒުވާނުންގެ ޕާޓީގެ ނަމުގައްޔާއި ޔޫތު ސިޓީ އުފެއްދި މީހުންގެ ނަމުގައި ވަކާލާތުކުރަމުންދާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
މި ރާއްޖޭގައި 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު އެންމެ ފުރަތަމަ ލިބެން ޖެހޭނެކަމަށް ވަކާލާތު ކުރަން ފެށީމާ، އެކަމާ ދެކޮލަށްވެސް ބަޔަކު ނިކުތް އިއްޒަތްތެރި ރައީސް.
މީކާއިލް ވިދާޅުވިއެވެ.
މިހާރު މިސްރާބު ޖަހާފައި އޮތީ އޭސީސީގެ ރައީސްގެ ގޮތުގައި ހުންނަ މީހަކު ހައްލާލައިގެން، އޭނާއަށް ރިޝްވަތު ދީގެން އޭނާއަށް ރެހެންދި ފްލެޓު ދިން ޒަމާނާއި ދިމާލަށްކަމަށް މީކާއީލް ވިދާޅުވިއެވެ.
އޭސީސީއިން ކަމެއް ނުކުރާކަމުގެ ވާހަކައާއި، އެމީހުން ޒިންމާ އަދާ ނުކުރާ ވާހަކަ ވަރަށް ގިނައިން ދައްކައިފިކަމަށް ފާހަގަކޮށް މީކާއީލް ވިދާޅުވީ، ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އޭސީސީގެ ދައުރުވެސް ފެނިގެން ދިޔަކަމަށެވެ. އެއީ އެމްޑީޕީއިން އެމީހުންގެ އަގު ވަޒަން ކުރާތީކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހުރިއްޔާ އައްޔަނު ކުރެއްވުމުން އަންނަ ބަދަލަކީ ކޮބައިތޯ މީކާއީލް ސުވާލުއުފެއްދެވިއެވެ.

