ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދިފާއީ ވަކީލަކު ވަނީ އިޖުރާއީ ނުކުތާއެއް ނަންގަވާފައެވެ. އެ ނުކުތާގައި ދިފާއީ ވަކީލު ވިދާޅުވީ، މައްސަލަ އާންމުކޮށް ހުޅުވާ ނުލައި ކުރިއަށް ގެންދިއުމަށް އެދިލައްވާ ކަމަށެވެ.
ވަކީލު ވިދާޅުވީ، މިއީ ދައުލަތުގެ މުއައްސަސާއެއްގައި ހިމެނޭ ބައެއްގެ މައްޗަށް އުފުލާފައިވާ ދައުވާތަކެއް ކަމަށާއި، މިކަމުގެ ސަބަބުން މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑަށް އަސަރު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
އަދި ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ގެންދާނަމަ ރޭވިގެން އިންތިޒާމު ކުރެވިގެން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ގޮތުގެ ތަފްސީލުތަކާ ގުޅޭ މައުލޫމާތުތަކެއް ހާމަވެގެން ދިއުމުގެ ފުރުސަތު އޮންނާނެކަމަށް ވަކީލު ވިދާޅުވިއެވެ.
އޭގެ އިތުރުން، މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންދާނަމަ އަދުލު އިންސާފު ލިބުމަށް ހުރަސް އެޅޭ ޙާލަތްތަކެއް އައުމުގެ ފުރުސަތު އޮތްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެހެންނަމަވެސް މި މައްސަލަ ސިއްރުކޮށްގެން ކުރިއަށް ގެންދަންޖެހޭ ފަދަ ސަބަބެއް ދިފާއަށް ދެއްކިފައިނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އަދި ދިފާއީ ވަކީލު އެ ފާހަގަކުރެއްވި އުސޫލުން ބަލާނަމަ ދައުލަތުން ދައުވާކުރާ އެއްވެސް މައްސަލައަކީ ހުޅުވާލައިގެން ކުރިއަށް ގެންދެވިދާނެ މައްސަލައަކަށް ނުވާނެ ކަމަށާއި، މިފަދަ މައްސަލަތަކުގައި ރަނގަޅު ގޮތަކީވެސް އާންމުންނަށް މައުލޫމާތު ލިބުމަށްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ ގާޒީވެސް ވަނީ އަޑުއެހުންތައް ސިއްރު ކުރަންޖެހޭ ސަބަބެއް ދިފާއަށް ދެއްކިފައިނުވާކަމަށް ކަނޑައަޅުއްވައި، މައްސަލަ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.
އެއަށްފަހު މައްސަލަ ބައްލަވާ ގާޒީ ވަނީ އިއުތިރާފު އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.
އެއީ އަލީ ނާޒިމް، ތަރާނާގެ/ހދ. ނޭކުރެންދޫ، މުހައްމަދު ފަތޫހު އަބްދުﷲ، ކުއްޅަވައްގެ/ގއ. ވިލިނގިލި، އަދި އަލީ އަޝްފާގު، ކާމިނީގެ/ނ. ލަންދޫއެވެ.
މި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުވާލިބޭ ނާޒިމްއާއި އަޝްފާޤު ވަނީ އިއުތިރާފުން ރުޖޫއަވާން ބޭނުންވާ ކަމަށް ބުނެފައެވެ. އެގޮތުން އޭރު އިއުތިރާފުވެފައިވަނީ ބަންދަށް ލުއިތަކެއް ލިބޭނެކަމަށް ފުލުހުންގެ ފަރާތުން ދިން ނުރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް ދައުވާލިބޭ ފަރާތްތަކުން ބުނެފައިވެއެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ ޙާލަތުގައި ދައުލަތުން އިތުރު ދައުވާތަކާއެކު އަލުން މައްސަލަ ހުށަހަޅަން ބޭނުންވާ ކަމަށެވެ. ސަބަބަކީ އޭރު ދައުވާ ލިބޭ ފަރާތްތަކުން އިއުތިރާފުވާން ބޭނުންވާކަމަށް ވާތީ ދައުލަތުން އޮތީ ބައެއް ދައުވާތައް ނުކުރުމަށް ނިންމާފައެވެ.
އެހެންކަމުން ގާޒީ ވަނީ ނާޒިމްއާ އަޝްފާޤުގެ ބައިގައި އަލުން ދައުވާތައް ހުށަހެޅުމަށްޓަކައި މައްސަލަ ބޭރުކޮށްލެއްވުމަށް ނިންމަވާފައެވެ. ނަމަވެސް ދެން ތިބި މީހުންގެ ބައި ކުރިއަށް ދާނެއެވެ.

