ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ވެރިންނާއި މެމްބަރުންނަށް ދައުލަތުން ހަރަދު ކުރުން؛ ދައުލަތައް ބުރައެއް؟

ޝެއާރކޮށްލާ ކަހަލަދޯ؟
މިދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ ވެރިކަންތަކުގައި ފާހަގަކުރެވުނު އެއް ކަމަކީ ދައުލަތުގެ ޚަރަދުތައް ވަކި މިންވަރެއްގައި ހިފެހެއްޓުމަށާއި، އަދި ވަކި މިންވަރަކަށްވުރެ މަދުކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. އެކި ގޮތްގޮތުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް، އިޤްތިޞާދީ ގޮތުން ފައިދާހުރި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ވަޢުދުވެވަޑައިގަންނަވާ ތަންވެސް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް، ނިމިދިޔަ ކޮންމެ ވެރިކަމެއްގައިވެސް ފާހަގަކުރެވިފައިވާ އެއް ކަމަކީ އިޤްތިޞާދީ ގޮތުން މާބޮޑެތި އިންޤިލާބީ ބަދަލުތަކެއް ގެނެވިފައި ނުވާކަމެވެ. އޭރުވެސް އަދި މިހާރުވެސް އިޤްތިޞާދީ ގޮތުން ރާއްޖެ އެންމެ ބޮޑަށް ބަރޯސާވަނީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެ ސިނާޢަތަށެވެ.

އިޤްތިޞާދީ ގޮތުން ދައުލަތަށް ފައިދާވާނެ ކަންކަން ނުކުރެވުނު ނަމަވެސް، ދައުލަތުގެ ޚަރަދުތައް މަދުކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރެވެއެވެ. އަދި ޒަމާނުއްސުރެ ދައުލަތުން ޚަރަދުކުރަމުން އަންނަ ކަންކަމަށް ދައުރެއް ނިމިގެންދާއިރު ބޮޑެތި ފާޑުކިޔުންތަކެއްވެސް އަމާޒުވެގެންދެއެވެ. އަހަރުން އަހަރަށް އެކި ނަންނަމުގައި ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ކުރީގެ ރައީސުންނާއި އަދި މަޖިލީހުގެ މެންބަރުންނަށް ވަކި ޚާއްޞަ އިނާޔަތްތަކެއް ކަނޑައަޅާފައި ހުރެއެވެ. އަދި ވެރިކަމެއް ނިމިގެންދާއިރު އެކަމަށް ހޭދަވާ އަދަދަކީވެސް ރައްޔިތުންނަށް ފައިދާހުރި ކޮންމެވެސް އެހެން މަޝްރޫޢުއަކަށް ހޭދަކުރެވިދާނެ ފައިސާއެވެ.

ނަމަވެސް އުފެދޭ ސުވާލަކީ، ކުރިން ދައުލަތަށް ޚިދުމަތްކުރެއްވި ވެރިންނާއި އަދި އެކި ދައުރުތަކުގައި މަޖިލީހުގައި ތިއްބެވި މެންބަރުން ޤައުމަށް ކޮށްދެއްވި ކަންކަމުގެ ނަތީޖާއަކީ މިއަކީ މިއަދު ކޮބައިތޯއެވެ؟ ޚިދުމަތްތަކެއް ކުރެއްވި ނަމަވެސް، ހެޔޮގޮތުގައި ބޭނުންހިފޭ ކަމެއް މަޖިލީހުގެ މެންބަރުން ކުރެއްވި މަންޒަރެއް މީގެ ކުރިން ފެނިފައި ނުވެއެވެ. ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން އިންތިޚާބުވުމާއެކު، ޤާނޫނު އެމީހުން ބޭނުންވާ ގޮތަކަށް ބަދަލުކޮށް، ސިޔާސީ މަންފާ ހޯދުމަށްޓަކައި ބޭނުންވާ ކަންކަން ކުރި މަންޒަރުވެސް ފެނިގެން ގޮސްފައިވެއެވެ. އެކި މެންބަރުން މަޖިލީހުގެ ޙުރުމަތް ކެނޑުމާއި އަދި އެއް މެންބަރަކު އަނެއް މެންބަރަކަށް އިޙްތިރާމް ނުކުރުމުގެ ނުބައި ސަޤާފަތެއް ފެނިގެން ގޮސްފައިވެއެވެ. މީގެއިތުރުން، ރައްޔިތުން ތަމްސީލުކުރައްވާ މެންބަރުން ރައްޔިތުން އިސްކޮށް، ސިޔާސީ މަޞްލަޙަތުން އެއްކިބާވެގެން މަސައްކަތްކުރި މަންޒަރުވެސް މަދުން ނޫނީ ނުފެނެއެވެ.

މި ހުރިހާ ސަބަބަކާހުރެ، ރައްޔިތުން ބުރަ މަސައްކަތުން ހޯދާ ފައިސާ ހަމަ އެ މެންބަރުންނަށް ދިނުން އެއީ ޙައްޤު ކަމެއްތޯއެވެ؟ ވެރިކަން ކޮށްފައިވާ ވެރިންނަށް ދެވޭ ޚިދުމަތުގެ ދަށުން ލުއިފަސޭހަ ގޮތްތަކެއް ހުރުމަކީ ރަނގަޅު ކަމެކެވެ. އެ ބޭފުޅުން ޤައުމަށް ކޮށްދެއްވި ކަންކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި އަދި އެ ބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުން އެކަމަށް ޚަރަދެއް ކުރުން އެންމެ ރަނގަޅެވެ. އެހެންނަމަވެސް، ދައުލަތުގެ ކެރިފޯރުންތެރިކަން ނެތް މިންވަރުން އެ ބޭފުޅުންނަށްވެސް ވަކި ޚާއްޞަ އިނާޔަތެއް ދޭން މަޖުބޫރުވާންޖެހޭތޯއެވެ؟

ވަރަށް ކައިރި މާޒީއަށް ބަލާއިރު، ނިމިދިޔަ ފަސް އަހަރު ވެރިކަމުން ވަކިވެވަޑައިގަތީ ރައްޔިތުން ދަރަނިވެރިކޮށްފައެވެ. އޭގެ ކުރިއަށް ބަލާއިރު ރައްޔިތުންގެ ފައިސާއަށް ދައުލަތަށް ޚިޔާނާތްތެރިވީ ކަމުގެ އެތައް ތުހުމަތެކެވެ. އޭގެ ކުރިއަށް ޖެހިލާނަމަ، ރައްޔިތުންނަށްޓަކައޭ ބުނެ ވެރިކަމުން ފައިބައިވަޑައިގަތީއެވެ. މިއީ ހައްތަހާވެސް ރައްޔިތުން ދެކެފައިވާ، ޤައުމަށް އެ ވިދާޅުވާ ޚިދުމަތްތަކެއް ކުރެއްވި ވެރިންނެވެ. ދެންވެސް ހަމަ އެ ފައިސާ ދޭންވީތޯއެވެ؟

މި ހުރިހާ ސަބަބެއްވެސް މިއީ ބަހަނާއަކަށް ވާނަމަ، އަޅުގަނޑުމެންގެ ދައުލަތަށް ވަންނަ ފައިސާއާއި ކުރާ ޚަރަދާއި އަދި އޭގެން ކުރާ ބޭކާރު ޚަރަދަށްވެސް ބަލައިލަމާ ހިނގާށެވެ. 100 މީހުންގެ އާބާދީއެއް އުޅޭ ރަށަކަށް ޓަރޝަރީ ހޮސްޕިޓަލެއް މުހިންމެއް ނޫނެވެ. އެހެންނަމަވެސް އިންތިޚާބުގެ ތެރޭގައިވެސް އެފަދަ ވަޢުދުތައް ވާނީ ވެފައެވެ. އެ ރަށެއްގެ ބަނދަރު ބޭނުންކުރެވޭ ރަނގަޅު ޙާލަތެއްގައި ހުރި ނަމަވެސް، ކޮންމެ ރަށަކަށް ބަނދަރެއް، ކޮންމެ ރަށަކަށް ތާރު އެޅުން މިއީ ދައުލަތުން ކުރާ ބޭކާރު ޚަރަދު ނޫންތޯއެވެ؟ އަދި އެކި ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ޖަހާފައި ހުންނަ ”އަންރިއަލިސްޓިކް“ އަދަދުތަކާއި، ސަބްސިޑީއާއި އަދި ސިޔާސީ މުވައްޒަފުންގެ މުސާރައާއި މި ހުރިހާ ކަމަކަށްވެސް ޚަރަދު ކުރަން ޖެހެނީ ހަމަ އަޅުގަނޑުމެންގެ ދައުލަތުންނެވެ.

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ފަރާތްތައް މަދުވީނަމަވެސް، ދައުލަތުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް ޚަރަދުކުރުމަކީ ކުރީގައި އާންމުކޮށް ކުރަމުން އައި ކަމެކެވެ. އަދި މިފަދަ ޚަރަދުތައް މިނިސްޓްރީ އޮފް ފިނޭންސްގެ ހިސާބުތަކަށް ނުވައްދައި، ބަޖެޓުން ބޭރުން ޚަރަދުކުރުމަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޚިލާފު ޢަމަލެކެވެ.

ހަމައެހެންމެ، މެންބަރުންނާއި ވެރިންނަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރުމަކީ މިއަދުގެ ޙާލަތުގައި އެކަށީގެންވާ ކަމެއް ނޫނެވެ. މިހާރުގެ ޙަޤީޤަތަކީ ދައުލަތުގެ ބަޖެޓުގައި އެފަދަ ޚަރަދުތަކަށް ޖާގައެއް ނެތްކަމެވެ. ބައެއް ތަރައްޤީވެފައިވާ ޤައުމުތަކުން އެފަދަ ކަންކަން ކުރިނަމަވެސް، ދިވެހިރާއްޖެއަށް އެފަދަ ކަންކަން ކުރެވެން ނެތީ ވެރިކަމަށް އަންނަ ފަރާތްތަކުގެ އިޚްލާޞްތެރިކަން ނެތުމާއި، ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ކަންކަން ކޮށްފައިވާތީއެވެ.

އެހެންކަމުން، މި ސަބަބުތަކަށްޓަކައި ދައުލަތުގެ ބަޖެޓުން ބޭކާރު ޚަރަދުތަކެއް ކުރުމަކީ ނިމުމަކަށް ގެންނަންޖެހޭ ކަމެއްކަމުގައި ދެކެމެވެ. ދައުލަތުގެ މާލީ ޙާލަތު ރަނގަޅުކުރުމަށްޓަކައި، ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އިސްކަންދޭންޖެހޭކަން ފާހަގަކުރަމެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: