މިއަދު ރައްޔިތުންގެ މަޖިލީހުގައި ހުށަހަޅާފައިވާ ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ފުޅާމިނެއްގައި ގެދޮރުވެރިކަމަށްޓަކައި މަގުފަހިކޮށްދޭނެ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ހަފުލާގައި ރައީސް ވިދާޅުވީ މަސައްކަތް މިކުރައްވަމުން ގެންދަވަނީ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަން މަގުފަހިކޮށްދިނުމަށް ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެންމެ މުހިންމީ ގެދޮރުކަން ފާހަގަކޮށް ރައީސް ވިދާޅުވީ ގިނަ ބަޔަކު އުޅެން ޖެހިފައިވަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި އާއިލާއާއި އެކު ކުޑަ ތަނެއް ކުއްޔަށް ނަގައިގެން ކަމަށެވެ.
ރައީސް ވިދާޅުވީ ގެދޮރުވެރިކަން ހާސިލުކޮށްދިނުމަށް މިއަދު ހުށައަޅާފައިވާ ބަޖެޓުން ދެ ކަމެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ފިޒިކަލް ކޮންސްޓްރަކްޝަން، ހައުސިންގ ޕްރޮޖެކްޓާއި، 1.5 ބިލިއަން ރުފިޔާގެ މަސައްކަތް ހިމެނޭކަމަށް ވިދާޅުވި އެވެ. އަންނަ އަހަރު ގެދޮރު ބިނާ ކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަންނަ މަހު ފަސް ޕަސެންޓަށްވުރެ ބޮޑުނޫން އިންޓްރެސްޓްގައި ދޫކުރާ ހައުސިންގ ލޯން ސްކީމްގެ ޕްރޮގްރާމް ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.
އެ ލޯން ސްކީމްގެ ތެރެއިން، އަމިއްލަ ގޯތި އޮތް މީހާގެ ގޯތީގައި، ގެ އެޅުމަށާއި، ހަދަން ފަށައި، ނުނިމިފައި ހުރި ގެ ނިންމުމަށާއި، ނިންމާފައި ހުރި ގެއެއް މަރާމާތު ކުރުމަށާއި، ތިން ކަންތަކަށް ލޯނު ދޭނެ. ލިބޭނެ. ފަސް ޕަސެންޓް އިންޓްރެސްޓް. އެ ލޯން ސްކީމަށް ބޭނުންވާ އެއް ބިލިއަން ރުފިޔާވެސް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ. އެހެންވީމާ، ގެދޮރުވެރިކަމަށް 2.5 ބިލިއަން ރުފިޔާ ދަންނަވަން މި އުޅޭ ވާހަކައަކީ، ތިޔަބޭފުޅުން ހިތްވަރާއެކީގައި ތިޔަ ކުރެއްވި މަސައްކަތުން، ޤައުމަށް ކަމެއް ކޮށްދެވޭތޯ ނުކުމެވަޑައިގަންނަވާށޭ. އަޅުގަނޑުމެން ބަލާނަމޭ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ބޭނުންވާ، ރައްޔިތުންނަށް ބޭނުންވާ ގެދޮރުވެރިކަން ޚާއްޞަގޮތެއްގައި ހާސިލުކޮށްދިނުމަށް.
ރައީސް ވިދާޅުވީ ވަޒީފާގެ ދާއިރާތަކުން ވެސް އަދި ދެންހުރި ދާއިރާތަކުންވެސް ވަޒީފާއަށް ބަލާއިރު އިޤްތިޞާދު ފުޅާކުރުމަށްޓަކައި އަދި އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ގިނަ މަސައްކަތްތައް ކުރިޔަށްދާކަމަށެވެ.
ރައީސް ވިދާޅުވީ ޔުނިވާސިޓީގައި ކިޔަވައިދެވޭ އެކި ދާއިރާތަކަށް ބަލާއިރު އެ ވިސްނުމުގައި މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އަދި ޔުނިވާސިޓީގެ ޓްރޭނިންގ ރިޒޯޓު ހެދުމުގެ މަސައްކަތަކީ އޭގެތެރޭގައި ހިމެނޭ އެއް ކަންތައްކަމަށާއި އިގްތިސޯދު ފުޅާކުރުމަށްޓަކައި އިތުރު ފިޔަވަޅު އެޅުން ވެސް ހިމެނޭ ކަމަށެވެ.
ޒުވާނުންނަށް ފުރިހަމަ ޕޭމެންޓް ގޭޓްވޭ ނިޒާމެއްގެ ތެރެއިން ފުރުސަތު ހޯދައިދިނުމަށް މަސައްކަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، މިއީ ވަގުތު ނަގާނެ ބުރަ މަސައްކަތެއް ކަމަށެވެ. އަދި ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމަށް އެމަނިކުފާނު ޔޫއެންއަށް ކުރެއްވި ދަތުރުފުޅުގައި އިއުލާނު ކުރައްވާފައިވާނެކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ތައާރަފު ކުރުމަށް، މޯލްޑިވްސް މަނިތަރީ އޮތޯރިޓީގެ ގަވަނަރ އަހުމަދު މުނައްވަރަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ. އަދި ކްރިޕްޓޯ ކަރެންސީ ރާއްޖެއަށް ތަޢާރުފުކުރުމަށްޓަކައި މަސައްކަތްތައް ފަށުމަށްވެސް ނިންމާފައިވާ ކަމަށާއި އެ މަސައްކަތާ ގުޅޭ ޢަމަލީ މަސައްކަތްތައް ގަވަނަރ ފައްޓަވާފައިވާނެކަމަށް ވިދާޅުވި އެވެ.
ކްރިޕްޓޯ ކަރެންސީ، ޑިޖިޓަލް ކަރެންސީ ރާއްޖެއަށް ގެނައުމުގައި އޭގެ ޤާނޫނީ ހުރިހާ ކަންތައްތަކަކަށްވެސް ފަރުވާ ލިބޭގޮތަށް ހާއްސަ ގާނޫނު ހެއްދެވުމަށާއި އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މިންގަނޑުތަކާ އެއްގޮތަށް، ރާއްޖޭގައި ޑިޖިޓަލް ކަރެންސީ ފުޅާކުރުމަށް މަސައްކަތް ކުރައްވަމުން ދާކަމަށް ރައީސް ވިދާޅުވިއެވެ.
ޔުނިވަރސިޓީގައި ކިޔެވިއިރުގައި، އަޅުގަނޑު ފުރަތަމަ ޑިގްރީގައި ކިޔަވަމުން ދިޔައިރުގައި، ހަމަ އެންމެ ކީ އެއް ލެކްޗަރަރ، ޕްރޮފެސަރ ވިދާޅުވީ، ”ތިންކް ކުރަން. ތިމަންނަ ދަސްކޮށްދޭނީ ވިސްނާށޭ“. އޭނާއަކީ، އަޅުގަނޑުގެ ޖިއޯ ޓެކްނިކަލް ލެކްޗަރަރ. ޖިއޯ ޓެކްނިކްސްގައި ވަރަށް ގިނަ އެއްޗެހި ކިޔަވައިދޭނެ ދޮގެއްތޯ. އެކަމަކު ތިމަންނައަށް އެންމެ މުހިންމީ، ތިމަންނަ މި ކިޔަވައިދޭ ކުދިން ވިސްނަން ދަސްކުރުމޭ. އެހެންވީމާ، ޔުނިވަރސިޓީއަކުން ނުކުންނައިރުގައި، އެމީހާގެ އަމިއްލަ ސިކުނޑިން، އެހެން މީހަކަށް އޭނާގެ ސިކުނޑި ދޫކޮށްނުލައި، އަމިއްލައަށް ވިސްނަން ދަސްކޮށްދިނުމޭ، އެޔޭ ޔުނިވަރސިޓީއަކުން ނުކުންނައިރު އެންމެ މުހިންމު އެއްޗަކީ.
މީގެއިތުރުން ރައީސް ވިދާޅުވީ ގްރެޖުއޭޓް ވުމަށްފަހު މިހާރު ވަމުންދާގޮތް އަމިއްލަ ސިކުނޑިން ވިސްނަންޖެހޭނެ ކަމަށާއި އަދި ޤައުމީ ލެވެލްގައިވެސް، ފަރުދީ ލެވެލްގައިވެސް އަދި ބައިނަލްއަޤްވާމީ ލެވެލްގައިވެސް ކަންކަން ވާގޮތް ވިސްނާން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ގަބޫލު ކުރާނީ އެހެން މީހަކު ބުނާ ވާހަކައެއް ނޫން ކަމަށާއި އަމިއްލަ ސިކުނޑިން ވިސްނަން ޖެހޭ ކަމަށާއި އަދި ވިސްނަވާއިރުގައި ކަންކަން ވާގޮތް ވަރަށް ފަސޭހައިން ފަހުމްވާނެ ކަމަށެވެ. އެހެންކަމުން އަމިއްލަ ނަފުސަށް އިތުބާރުކޮށް އަމިއްލަ ސިކުނޑިން ވިސްނައިގެން މިއަދާ ހަމައަށް ކުރި ބުރަ މަސައްކަތުގެ ފޮނި މޭވާ، ފޮނިމީރުކަން، ތިމަންނަގެ ނަފުސަށާއި، ތިމަންނަގެ ޢާއިލާއަށާއި، އަދި ޤައުމަށް ހޯދައިދިނުމުގެ ވަރުގަދަ ޢަޒުމުގައި ކުރިއަށް ދިޔުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

