ބޭންކް އޮފް މޯލްޑިވްސްއިން ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އއ. ހިމަންދޫގައި އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެވެ.
ބީއެމްއެލް އިން ބުނެފައިވަނީ ހިމަންދޫގައި ހުޅުވި އައު އޭޓީއެމް ސެންޓަރު މެދުވެރިކޮށް ދުވާލަކު 24 ގަޑިއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފައިސާ ނެގުމާއި، ޖަމާކުރުމާއި އަދި ފައިސާ ޓްރާންސްފަރ ކުރުން ހިމެނެއެވެ. ހިމަންދޫގައި ހުޅުވި އޭޓީއެމް ސެންޓަރުގެ އިތުރުން ދާދިފަހުން ހުޅުވި ފެރިދޫ އާއި ބޮޑުފޮޅުދޫއާއެކު އއ. އަތޮޅުގައި ބީއެމްއެލް އިން މިވަނީ ޖުމްލަ 7 އޭޓީއެމް ސެންޓަރު ގާއިމްކޮށްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 92 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 148 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

