ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައަކީ، ގައުމަށް އެންމެ މޮޅީ ކޮން ގޮތެއްކަން މިވީހާތަނަށްވެސް ހޯދިފައި ނުވުމެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން މިހާތަނަށް އައިސް، އަދުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންއިރުވެސް، ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކޮށް، ގައުމަށް ބޭނުންވާ ހެޔޮ ގޮތް ހޯދޭނީ ހަގީގަތުގައި ކިހިނެއް މަސައްކަތްތައް ބައްޓަންކޮށް ކޮށް ކަހަލަ ނިޒާމެއް ރާއްޖެއަށް ތައާރަފުކޮށްގެންކަމެއް އަދިވެސް ޔަގީނެއް ނޫނެވެ. ސަބަބަކީ އަދުގެ މަސައްކަތް ބައްޓަން ކުރަނީ މާދަމާ އައިސްދާނެ ބަދަލަކަށް ތައްޔާރުވެގެން ނޫންވީމައެވެ. މައްސަލައަކީ ކުރިމަގަށް ވިސްނާ އެކުލަވާލި ދެމެހެއްޓެނިވި ޕްލޭނެއް ނެތުމެވެ.
ދެންވާ ގޮތަކީ، ފަސް އަހަރުގެ ދައުރު ހަމަވުމުން، ވެރިކަން ބަދަލުވާ އުސޫލުން، ރާއްޖެ އާ ހަރުފަދަތަށް ދާން ކުރާ ދަތުރުގެ މިސްރާބުވެސް ބަދަލުވަނީއެވެ. އާ ކެޔޮޅަކު ގައުމުގެ ހުންގާނާ ހަވާލުވެ، މުޅިން އާ މިސްރާބަކަށް އޮޑި އަނބުރާލައްވަނީއެވެ. ކުރިން ކުރި ހުރިހާ މަސައްކަތެއް ބެހެއްޓުމަށްފަހު، މުޅިން އާ މަސައްކަތްތަކެއް، އާ ތަސައްވުރަކާއިއެކު ފައްޓަވަނީއެވެ.
އަޅުގަނޑުގެ އެންމެ ދުރު ހަނދާން ހިއްސާ ކޮށްލާނަމެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްް ގެއްޅުއްވި ”2020 ގެ ތަސައްވުރު“ އެވެ. އެއީ މި ފަހުގެ ތާރީހެއްގައި، ފަހުގެ ވެރިއަކު ގައުމަށް ދެން ވެދާނެ ގޮތެއް ވިސްނާ އެކުލަވާލި ހަމައެކަނި ޕްލޭނޭވެސް ދެންނެވިދާނެއެވެ. ތަރައްގީވަމުން އަންނަ ގައުމުތަކުގެ މެދުފަންތީގެ އެންމެ ކުރީ ސަފުގައި ފައިތިލަ ސާބިތުކޮށްފައިވާ ގައުމަކަށް ރާއްޖެ ހެއްދެވުމަށްޓަކައި 2020 ވަނަ އަހަރާއި ހަމައަށް ރައީސް މައުމޫނު ވަނީ ތަސައްވުރެ ކުރައްސަވާފައެވެ.
އެހެން ނަމަވެސް އަނެއްކާވެސް މި މިސްރާބު ބަދަލުވެ، އާ މިސްރާބަކަށް ދަތުރު ފެށީ، އާ ވެރިޔަކާއި ހިސާބުންނެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ފެއްޓެވީ އެމަނިކުފާނުގެ މުޅިން އާ އެޖެންޑާއެއް ތަންފީޒު ކުރެއްވުމުގެ މަސައްކަތެވެ. އެއަށްފަހު ދެން އައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއެވެ. އެމަނިކުފާނުވެސް އަމިއްލަ ޕްލޭނެއްގެ ދަށުން މަސައްކަތް ފެއްޓެވިއެވެ. އަދި ރާއްޖެ ނުދެކޭފަދަ ގިނަ ގުނަ ތަރައްގީތަކެއްވެސް ގެނެސްދެއްވިއެވެ. އެއަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވެރިކަމުގެ ތަހުތާއި ހަވާލުވެވަޑައިގަތުމަށްފަހު އަނެއްކާވެސް އާ މިސްރާބަކަށް ދަތުރު ފެއްޓެވިއެވެ. އަދުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީއިރު، ގައުމަށް އޮތީ ވާނެ އެއްޗެއްވެ ނިމިފައެވެ. ހަމައެކަނި އިގްތިސާދެއް ނޫނެވެ. ދަރަނިވެސް އޮތީ ކޮޅުން ނުލާ މިންވަރުގައެވެ. އަސާސީ ހައްގުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްނުދެވޭތާ، އިޖުތިމާއީ މައްސަލަތައްވެސް އޮތީ ފުނިޖެހިފައެވެ.
އެހެންކަމުން މި ހުރިހާ މައްސަލައެއް ހައްލުކުރުމަށް އަނެއްކާވެސް ޖެހިވަޑައިގެންނެވީ މުޅިން އާ ތަސައްވުރެއް ކުރައްސަވާށެވެ. މުޅި އާ ރޭވުންތަކެއް ރާވާށެވެ. ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔެއަށް އަންނާނެ ބަދަލުތަކާއި އެއް ހަމައެއްގައި ރާއްޖޭގެ ފައިތިލަ ބީއްސާލާ، ރައްޔިތުންނަށް ހިތްފަސޭހަ، ފަހި ދިިރިއުޅުމެއް ހޯދަވައިދެއްވުމަށްޓަކައި މަގުޗާޓެއް އެކުލަވާލާށެވެ. ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައްކަމަށްވާ، ބޯހިޔާވަހިކަމުގެ މައްސަލައާއި މަގުތަކުގެ މައްސަލައާއި މިހެން ގޮސް އެތައް މައްސަލައެއްގެ ހައްލު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ފަސް އަހަރުގެ ތެރޭގައި ހޯދޭނެ ފޯމިއުލާއެއް ރައީސް މުއިއްޒަށް ޖެހުނީ އެކުލަވާލާށެވެ. ރިޔާސީ ދައުރެއްގެ މުއްދަތަކީ 5 އަހަރު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގެ ޒިންމާވެސް ނެންގެވުމުގެ ފުރުސަތު ލިބޭނެކަމުގެ އުއްމީދުގައި ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭން، ކުރިއަށް އޮތް 20 އަހަރަށް ހެދުމުގެ މަސައްކަތް ފެށުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވާފައެވެ.
ދެން އަނެއްކާވެސް ދިމާވާނެ މައްސަލައަކީ، ވެރިކަން ބަދަލުވެއްޖެނަމަ މުޅި ޕްލޭންއެކީ ބަދަލުވެ، އަނެއްކާވެސް އާ ފެށުމަކުން ފަށަން ނިންމުމެވެ. ގައުމަށް އެދޭ ތަރައްގީ ނުގެނެވި އޮތީ ހަގީގަތުގައި ދުރު ރާސްތާގެ ވަރުގަދަ، ހަރުދަނާ ޕްލޭނެއް އެކުލަވާލެވިފައި ނެތުމުގެ ސަބަބުންނެވެ. އަބަދުވެސް އޮންނަ ހިސާބުގައި ފިރުކިލަ، ފިރުކިލާ އޮތް ރާއްޖެއަށް ބޭނުންވަނީ، މިހާރު މިއޮތް ހިސާބުން ކޮންމެ ގޮންޖެހުމެއް ކުރިމަތިވި ނަމަވެސް އަދި ކޮންމެ ކަހަލަ މައްސަލައެއް ފެންމަތިވި ނަމަވެސް ޕްލޭންއަށް ބަދަލެއް ނުގެނެސް، އެ އޮންނަ ޕްލޭނާއިއެކު މައްސަލަތަކަށް ހައްލު ގެނެސް، ކުރިއަށް ދެވޭނެ ވަރުގެ މަގުޗާޓެކެވެ. ބަދަލުވަމުންދާ ސިޔާސީ ފިކުރުތަކުން ގައުމު ބައްޓަން ކުރުމުގެ ބަދަލުގައި، އިލްމީ ދިރާސާތަކެއްގެ މައްޗަށް އެކުލެވޭ، ކޮންމެ ވެރިއަކަށްވެސް އެއާއިއެކު ކުރިއަށްދާންޖެހޭ ވަރުގެ، މެޖޯރިޓީ ރައްޔިތުން ބަލައިގަންނަ ޕްލޭނެއް މިއަދު ގައުމަށް ބޭނުންނެވެއެވެ. ކޮންމެ 5 އަހަރަކުން، 5 އަހަރަކުން ގައުމުގެ ކުރިމަގު އުޖާލާ ކުރުމުގެ ޕްލޭން ބަދަލުވަމުން ދިއުމުގެ ސަބަބުން، އޭގެ ކުރީގައި ކޮށްފައި ހުންނަ މަސައްކަތަކުގެ ފޮނި ރައްޔިތުންގެ އަރު ތެރޭ ނުލާ އުޅެނިކޮށް ބަދަލުތައް ގެނެސް، ހައްގަށް އުނިކަން ލިބި، ހައްގު ހޯދަން މަގުތަކަށް ނިކުންނަންޖެހޭ ސަގާފަތް އުވާލަން ޖެހެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ކަން ހިނގާ ގޮތް ރާއްޖޭގެ ރައްޔިތުންވެސް ކައިރިން ދެކެއެވެ. ތަހުޒީބުވެގެން އަންނައިރު، ސިޔާސީ ކޯޅުމުގައި ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ މަންޒަރެއް، ރައްޔިތުންގެ ހައްގުތައް ކަށަވަރު ނުވެދާ މަންޒަރެއް ނުފެންނާނެއެވެ. ތަރައްގީގެ މަސައްކަތްތައް ސިޔާސީ ކޯޅުމުގައި މޮޑެވިގެން ދާނަމަ ދުވަހަކުވެސް ކުރިއަރައިގެންނެއް ނުދާނެއެވެ.
އަންނަން އޮތް ޖީލުތަކާއި ހަމައަށްވެސް ފޯރާނެ މަސައްކަތްތަކެއްކޮށް، ގައުމު ހަގީގަތުގައި ކޮޅަށް ޖެހޭނީ، އެންމެން އެއް ފިކުރެއްގައި މަސައްކަތްކޮށް ހަގީގަތުގައި ގައުމުގައި ހުރި މައްސަލަތަކުގައި ހައްލަކީ ކޮބައިކަން ދެނެގަނެ، އެއްބައިވަންތަ މަސައްކަތްތަކެއް ކުރެވިގެންނެވެ.

