ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރަންދާ ދަރިވަރުންގެ ޑެބިޓް ކާޑުތަކުން ރާއްޖޭއިން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް ބޮޑު ކުރުމަށް މިހާރު އެދެވޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންގެ ބީއެމްއެލް ކާޑުގެ ލިމިޓު 750 އެމެރިކާ ޑޮލަރުން، 1,200 އެމެރިކާ ޑޮލަރަށް ބޮޑުކުރިކަން ބީއެމްއެލްއިން އިއުލާނު ކުރީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ނޮވެމްބަރުން މަހުން ފެށިގެން މި އަދަދު ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ބުންޏެވެ.
މިހާރު ކާޑު ލިމިޓް އިތުރުކުރުމަށް ހުޅުވާލުމަށް ބީއެމްއެލްއިން އެދިފައިވާއިރު، މިކަމަށް އެދި ހުށައެޅުމަށް ބީއެމްއެލްއިން ވަނީ ޕޯޓަލްއެއް ހާއްސަކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ހުށައެޅުމަށް ފުރަތަމަ ޖެހެނީ ރަޖިސްޓްރީވާށެވެ. އެއަށްފަހު ޕާސްޕޯޓް ކޮޕީ، ސްޓޫޑެންޓް ވިސާ އަދި އެދަރިވަރަކު ކިޔަވަމުން އަންނަ ޔުނިވާސިޓީ ނުވަތަ ކޮލެޖެއްގެ ސިޓީ ހުށަހަޅަން ޖެހެއެވެ. މި ސިޓީގައި ދަރިވަރާއި ގުޅޭ ތަފްސީލުތައް ހިމަނަން ޖެހެއެވެ.
އެއް ދުވަސް ތެރޭގައި ރަޖިސްޓްރީވެވޭނެކަމަށް ފާހަގަކޮށް ބީއެމްއެލްއިން ބުނީ އެއަށްފަހު މޯބައިލް އެޕްލިކޭޝަން މެދުވެެރިކޮށް އަންގާނެކަމަށެވެ.

