އާސަންދަ ސްކީމް މެދުވެރިކޮށް ”އައި.ޔޫ.އައި“ އަދި ”އައި.ވީ.އެފް“ ގެ ފަރުވާ ހޯދުމަށް ދެވަނަ ބުރުގައި 63 މީހަކު ޝަރުތު ހަމަވެފައިވވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.
މިއީ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.
އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ”ސަންގު“ އަށް މަޢުލޫމާތު ދެއްވި ގޮތުގައި، ދެވަނަ ބުރުގައި ޖުމްލަ 215 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 63 ފަރާތަކަށް އެހީ ހަމަޖެހިފައިވެއެވެ. މި ފަރާތްތަކުން 30 ނޮވެމްބަރ 2024 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭ ގޮތުން އެންސްޕާއިން މަޢުލޫމާތު ފޯރުކޮށްދޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
އެންސްޕާއިން މިހާރު ވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު 10 ނޮވެމްބަރު 2024 ގެ 14:00 އާ ހަމައަށް ހުޅުވާލާފައިވެއެވެ. އޭގެ ފަހުން، ޝަރުތު ހަމަވާ ފަރާތްތަކަށް ޓްރީޓްމަންޓް ޕްލޭން ހުށަހެޅުމުގެ ފުރުސަތު ދިނުމަށްފަހު، ފަރުވާ ހޯދުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މި މަސައްކަތަކީ ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަން ނިންމާފައިވާ ހަފްތާ-14 މަގުޗާޓުގައިވެސް ހިމެނިފައިވާ މުހިންމު މަސައްކަތެކެވެ.
އާސަންދައިން ދަރިމައިވުމުގެ ދަތިކަން ހުންނަ މީހުންނަށް ފަރުވާ ނުހޯދޭކަމުގެ ކަންބޮޑުވުން އޮތުމާ ގުޅިގެން، އާސަންދަ ކަވަރުކުރާ ޚިދުމަތްތަކުގެ ތެރޭގައި އައިވީއެފް އިތުރުކޮށް އެ ހިދުމަތްވެސް އާސަންދައިން ލިބޭނެ ގޮތް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެކެވެ.

