ޕެޓް ކެއަރ ފެސިލިޓީއާއއެކު ގިނަ ބައެއްގެ ކަންބޮޑުވުންތަކަށް އެދެވޭ ޙައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ މަގުމަތީ އުޅޭ ބުޅާތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ދިމާވާ އުނދަގޫތައް ހައްލުކުރުމަށް ޓަކައި ކެޓް ޝެލްޓާރ އެއް ގާއިމު ކުރުމަށް ޓަކައި 2024 މާރޗް މަހު ފެށި މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ކެޓް ޝެލްޓާ މިއަދު ހަވީރު ވަނީ ހުޅުވައިފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަކީ ވަރަށް މުހިންމު މަސައްކަތެއްގެ ފެށުމެއް ކަމަށެވެ. ރައީސް ވިދާޅުވީ 2023 ނޮވެމްބަރ 17 ގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާއި ޙަވާލުވެވަޑައިގެން، ދިރޭތަކެއްޗަށް އޯގާތެރިވެ ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްޓަކައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ނަމާއި މެންޑޭޓްގެ ތެރޭގައި އެނިމަލް ވެލްފެއަރ ހިމަނައިފައިވާނެ ކަމަށެވެ. އަދި ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައިވާއިރު މި ކަމަށް އާންމުންގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރެއްވި އެވެ.
ކެޓް ޝެލްޓާ ޤާއިމުކުރުމަށް، ހުޅުމާލެ ފޭސް 2 އިން ދޫކޮށްފައި ވަނީ 5000 އަކަފޫޓުގެ ބިމެކެވެ. އެތަން ހުޅުވުމުން ފިޔަވަހިތަކަކަށް ބަހައިލައިގެން މާލޭގައި އުޅޭ ބުޅާތައް އެ ތަނަށް ގެންދިއުމުން ބުޅަލުގެ ސަބަބުން މިހާރު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތައް ޙައްލުވެ، އަދި އެ ބުޅާތަކަށްވެސް އަމާން ވެއްޓެއް ލިބިގެންދާނެކަމަށް ވަނީ ބުނެފައެވެ.
ޕެޓް ކެއަރ ފެސިލިޓީ ޤާއިމުކުރުމުގެ ބޭނުމަކީ، މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ގޮތުގައި، ސަރުކާރުން ޒަމާނީ ޕެޓް ކެއަރ ފެސިލިޓީއަކާއި ވެޓެރިނަރީ ހޮސްޕިޓަލެއް ޤާއިމުކޮށް، ރާއްޖޭގައި ޕެޓްކެއަރގެ ހަރުދަނާ ޤަވާއިދުތަކަކާއި ޢުޞޫލުތަކެއް ތަންފީޒުކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން ޤާއިމްކުރެވިގެން ދާނީ، ވެޓެރިނަރީ ކްލިނިކްގެ އިމާރާތް – ވެއިޓީންގް އޭރިއާ، ކަރަންޓީން އޭރިއާ، ކޮންސަލްޓޭޝަން ރޫމް، ސްޓޯރޭޖް ރޫމް، މެޑިސިންގް ސްޓޮކް ރޫމް، ސާޖަރީ ރޫމް، ޓްރީމަންޓް ރޫމް، 2 ފާހާނާ އަދި ލޯންޑްރީ ރޫމް މެވެ. ދެވަނަ ފިޔަވަހީގެ ދަށުން ޤާއިމްކުރެވިގެންދާނީ ޖަނަވާރުންނަށް ފަރުވާދޭ ޒަމާނީ ވެޓެރިނަރީ ހޮސްޕިޓަލެކެވެ.
މާލެ ސިޓީގައި ބުޅާ ގިނަވެ، ނުބެލެހެއްޓި، ޢާއްމު ދިރިއުޅުމަށް އުނދަގޫވާވަރަށް އެކަން ދިޔައިރުވެސް މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް 3 ދައުރުގަައި އެކަމާ އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމާ ޙަވާލުވެ ވަޑައިގަތުމާއެކު، އެމަނިކުފާނު ވަނީ، މާލެ ސިޓީގައި ގިނަވަމުންދާ ބުޅާތައް ވަކީން ރަނގަޅަށް ބެލެހެއްޓޭނެ ކެޓްޝެލްޓަރއެއް ޤާއިމްކުރާނެ ބިމެއް ހަމަޖައްސަވައިދެއްވުމަށް 2021 ވަނަ އަހަރު ސަރުކާރުގައި އެދިވަޑައިގެންފައެވެ. ނަމަވެސް އޭރު އޮތް އެމްޑީޕީގެ ކޯލިޝަން ސަރުކާރުން އެއްވެސް އެއްބާރުލުމެއް ދީފައެއް ނުވެއެވެ. އަދި މާލެ ސިޓީގެ އެއްވެސް ސަރަޙައްދަކުން ކެޓްޝެލްޓަރއަށް ޚާއްޞަ ބިމެއް ނުލިބުނެވެ.
ސަރުކާރުގެ އެއްބާރުލުން ނުލިބި މިކަން ދިގުލައި ދާން ފެށުމުން، މޭޔަރުކަމުގައި ރައީސް މުޢިއްޒު ހުންނަވައި، މިކަން ޙައްލުކުރެވޭނެ މަގެއް ފެނޭތޯ، ބޮޑުތަކުރުފާނުމަގު، މަސްވެރީންގެ ޕާކު އޮތް ސަރަޙައްދުން އެކަމަށް ޖާގައެއް ޚާއްޞަ ކުރެއްވޭތޯވެސް 2023 ވަނަ އަހަރު މަސައްކަތް ކުރެއްވި އެވެ.
23 ނޮވެމްބަރ 17 ގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގެން، ދިރޭތަކެއްޗަށް އޯގާތެރިވެ ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްޓަކައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ނަމާއި މެންޑޭޓްގެ ތެރޭގައި އެނިމަލް ވެލްފެއަރ ވަނީ ހިމަނައިފައެވެ. ދި މާލެ ސިޓީގައި އެންމެ އިސްކަން ދެއްވައިގެން ޙައްލު ހޯއްދަވާ އެއް ކަމެއްގެ ގޮތުގައި، ކެޓް ޝެލްޓަރ ބިނާކުރުން ހިމަނުއްވައި، ހުޅުމާލެ 2 ވަނަ ފިޔަވަހީން އެކަމަށް ޚާއްޞަ ބިމެއް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ. ދި އެނިމަލްވެލްފެއަރ މިނިސްޓްރީއާ، މާލެ ސިޓީ ކައުންސިލް ގުޅިގެން ކެޓްޝެލްޓަރ ބިނާކުރެވޭނެ މާލީ އެހީއާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވިއެވެ.
މާލެ ސިޓީގައި ބިނާކުރެވޭ ކެޓްޝެލްޓަރގެ ސަބަބުން، އެތައް އަހަރުތަކެއް ވަންދެން ރައްޔިތުންނަށް ކަންބޮޑުވުމަކަށް ވެފައިވާ ބުޅާ ގިނަވުމުގެ މައްސަލަ ޙައްލު ކުރެވިގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ރަމީލާ ވިދާޅުވީ، ކެޓް ޓްޝެލްޓަރގައި އޯގާތެރިކަމާއެކު ބުޅާ ބަލަހައްޓައި، ކާންބޯންދީ، ބޭސްފަރުވާ ކުރެވޭނެ އިންތިޒާމާ، އެކަމަށް ޚާއްޞަ ތަމްރީނު ލިބިފައިވާ މީހުންނާ، ޑޮކްޓަރުންވެސް ތިބޭނެ ކަމަށެވެ. އެއްވެސް ސަރުކާރަކުން އަޅައިނުލި، ރައްޔިތުން ނުހަނު ކަންބޮޑުވިކަމަކަށް، ރައީސް ޑރ. މުޢިއްޒު މިވަނީ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާފައެވެ.

