މި މައްސަލައިގައި ޖުމްލަ 3 މީހުން ވަނީ ހައްޔަރުކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ މުޙައްމަދު ނާޒިޝް ނާޡިމް (ގުލްބަކާގެ / ސ. ހިތަދޫ)، ޢަލީ އަކްރަމް (އެބީވިލާ / ސ. ހިތަދޫ) އަދި ޙަސަން ޢަލީމް ޒުހުރީ (ފާނަވިލާ / ސ. ހިތަދޫ) އެވެ.
ނާޒިޝްއަކީ މޫސާ އަހުމަދުގެ މަރުގެ މައްސަލައިގައި ކުށް ސާބިތުނުވެ ދޫކޮށްލި ފަރާތެކެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދަޢުވާއަކީ މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދަޢުވާއެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީ މަހު ކްރިމިނަލް ކޯޓުން ވަނީ މި ދަޢުވާ ސާބިތުނުވާކަމަށް ޙުކުމްކޮށްފައެވެ.
މިހާރުގެ މައްސަލައިގައި، ނާޒިޝް އިތުރު ބަޔަކާއެކު މީހެއްގެ އަތުން ޗެކެއް، ސައިކަލުގެ ތަޅުދަނޑި، ސައިކަލު އަދި ފޯނު ފޭރިގަތްކަމަށް ތުހުމަތުކުރެވެއެވެ. މި ޢަމަލު ހިންގިއިރު އަނިޔާ ލިބުނު ފަރާތުގެ 4 އަހަރުގެ ދަރިފުޅު ސައިކަލުގެ ފަހަތުގައި އިން ކަމަށްވެސް ބުނެވެއެވެ.
މި މައްސަލައިގައި ނާޒިޝް ހައްޔަރުކުރެވި، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރެވުނެވެ. ދައުލަތުން ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދުނު ނަމަވެސް، ކްރިމިނަލް ކޯޓުން ނިންމީ ތުހުމަތުކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލުމަށެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ މިއީ ޖިނާއީ ބޮޑު މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށާއި، އަނިޔާ ލިބުނު ފަރާތުގެ އަތުން ނެގުނު ތަކެތި މިހާރު އަނބުރާ ރައްދުކޮށްދެވިފައިވާ ކަމަށެވެ. މި ނިންމުމާ ގުޅިގެން ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައިކޯޓުގައި ތުހުމަތުކުރެވޭ ފަރާތްތަކުން ބުނެފައިވަނީ މިއީ މަދަނީ މުޢާމަލާތެއްގެ ތެރެއިން އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތާ ގުޅޭ މައްސަލަތަކެއް ފުލުހުން ތަޙްޤީޤުކުރަމުންދާ ކަމަށް ބުނެ، އެފަރާތުގެ ބަޔާނާމެދު ސުވާލު އުފައްދާފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވަނީ ބަންދާމެދު ދަށު ކޯޓުގެ ފަނޑިޔާރު ނިންމާ ނިންމުމެއް އިސްތިއުނާފަށް ހުށަހެޅޭނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާނަމަ ކަމަށެވެ. އެގޮތުން، ޤާނޫނީ ޚިލާފެއް އުފެދިފައިވުން، ޤާނޫނު ތަޠްބީޤުކޮށް މާނަކުރުމުގައި ކުށެއް ހެދިފައިވުން، ނުވަތަ ކޯޓުގެ ނިންމުމަށް އަސަރުކުރުވަނިވި އިޖުރާއީ އޮޅުމެއް ހިނގާފައިވުން ފަދަ އެކަށީގެންވާ ސަބަބުތަކެއް ހުރެގެންކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ.
މި ސަބަބުތަކަށް ބިނާކޮށް، ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ނިންމާފައިވަނީ ތުހުމަތުކުރެވޭ ފަރާތްތައް ބަންދުން ދޫކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.

