ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރިހާ ކަމެއް އަލުންބަލުން؛ ކީއްވެ؟

ތިލަމާލެ ބްރިޖު މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟
މިއަދު އަޅުގަނޑުމެނަށް މިޖެހެނީ ހުރިހާ ކަމެއް އަލުންބަލުން ފަށަން. އިގުތިސާދީ ގޮތުން ބެލިކަމުގައި ވިޔަސް އަދި އިޖުތިމާއީ ގޮތުން ބެލިކަމުގައި ވިޔަސް، އަދި މީގެއިތުރުން އަންހެނުންނާއި ޒުވާނުންނާއި އަދި އެންމެހައި ރައްޔިތުންގެ ހާލަތަށް ފަރުދީ ނަޒަރަކުން ބެލިކަމުގައި ވިޔަސް، ފެންނާން އޮތީ ހަމަ މި ހަގީގަތް. މިހާރު އުފައްދާފައި މިހިރި އެތައް ނިޒާމީ މައްސަލަތަކަށް އެދެވޭ ހައްލުތަކެއް ހޯދައިގެން މެނުވީ އަޅުގަނޑުމެން މިއެދޭ މިނިވަން، އިންސާފުވެރި، ތިޔާގި އަދި ރައްކާތެރި ދިވެހީންގެރާއްޖެއާ ހަމައަށް ވާސިލުވެވޭކަށް ނެތް.

ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) އާއި މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހެޅުއްވިއިރު އެންމެ ބޮޑަށް ފާހަގަވި ވާހަކައަކީ މިއީ އެވެ.

ރާއްޖޭގެ އިގްތިސާދީ، މާލީ ހާލަތު އޮތް ގޮތާއި ދަރަނިވެރިވެފައިވާ މިންވަރުގެ މާބޮޑު ތަފްސީލަކަށް ނުދިޔަ ނަމަވެސް މިހާ ހިސާބަށް ގައުމު ދާން ޖެހުނީ ކޮން ސަބަބަކާއި ހުރެކަން ސާފެވެ. މީގެ ދޮޅު އަހަރު ކުރިން ހަމަ މި ވާހަކަތައް ތަކުރާރު ކުރުމުން، ވެރިކަމުގައި އޮތް އެމްޑީޕީގެ ސަރުކާރުން ބުނީ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތްކަމަށާއި، ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރިޕޯޓުތައް ނެރުނު ރިޕޯޓުގައި އެއްވެސް ހަގީގީ ދިރާސާއެއް ނެތްކަމަށެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށް އެންމެ ފުރަތަމަ މޫޑީސް ބުނެފައި ވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ނަގާފައިވާ ބޮޑެތި ދަރަނިތައް އަދާކުރުމަށް 2025 ވަނަ އަހަރު ދައްކަން ޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަން ޖެހޭ 1 ބިލިއަން ޑޮލަރު ހިމެނޭ ގޮތުން ބޭރުގެ ދަރަނީގެ ސްޓޮކް އިތުރުވެފައިވާކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ޗާޕު ކުރި 08 ބިލިއަން ރުފިޔާގެ ސަބަބުން ބާޒާރުގައި ދައުރުވާ ދިވެހި ފައިސާ އިތުރުވެ ޑޮލަރުގެ ޑިމާންޑަށް އައި ބަދަލާއި އެކު އެކްސްޗޭންޖު ރޭޓު ދަމަހައްޓަން ގޮންޖެހުންތައް ހުރިކަން މޫޑީސްއިން ފާހަގަކުރި އެވެ.

މީގެ ސަބަބުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އޮތީ، ދަރަނީގެ ދަތިތަކާއި ހުރެ ރީފައިނޭންސްގެ ގޮންޖެހުމެވެ. އަދި ރާއްޖޭގެ ރިޒާވް ވެސް މި މުއްދަތުގެ ތެރޭގައި ދަށްވުމުގެ ސަބަބުން ހަރަދުތައް ކުޑަ ކުރުމުގެ މުހިންމުކަން ފާޙަގަކުރި އެވެ.

އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނެރުނު ރިޕޯޓުގައި ރާއްޖެ ދަރަނިވެރިވުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، ހަރަދު ކުރުމުގައި ޒިންމާދާރުވުމަށް ލަފާދިނެވެ. އައިއެމްފްގެ ރިޕޯޓުގައި ވަނީ ދަރަނި މެނޭޖު ކުރުމުގައި ހަރަދަނާ އުސޫލުތަކެއް ތަންފީޒު ކުރަން ޖެހޭކަމަށެވެ.

މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުގައި 2021 ޖުލައި އިން 2022 އަށް ރާއްޖޭގެ އިންފްލޭޝަން 0.2 އިންސައްތައިން 2.7 އިންސައްތަ އުފުލިގެން ދިޔައެވެ.

މީގެ އިތުރުން މަރުކަޒީ ބޭންކުން ދިވެހިރާއްޖޭގެ ދައުލަތުގެ ބަޖެޓާއި ގުޅިގެން އަރުވާފައިވާ ލަފާގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ސަރުކާރުގެ ޑެފެސިޓް ފައިނޭންސް ކުރުމަށް ހަމަޖެހިފައި ވަނީ ބޭރު ފަރާތްތަކުގެ އަތުން ހޯދުމަށް ހަމަޖެހިފައިވާ 6.4 ބިލިއަން ރުފިޔާއާއި، ޑޮމެސްޓިކް މާކެޓުން ހޯދުމަށް ހަމަޖެހިފައިވާ 4.7 ބިލިއަން ރުފިޔާއިންނެވެ.

2023 ވަނަ އަހަރު ބޭރުގެ ފައިނޭންސްތައް ހޯދުމަށް ހިރާސްތަކެއް ހުރުމުން ޑޮމެސްޓިކް މާކެޓުން އެ ފައިސާ ހޯދަން ޖެހުނުއިރު ވިޔަފާރި ބެންކުތަކުގެ ލިކުއިޑިޓީ ހުރި މިންވަރު ހުރީ ވަރަށް ބޮޑުތަނުން ދަށްވެފަ އެވެ. އަދި ޓީބިލުގައި އިންވެސްޓުކޮށްފައިވުމުން އެ މާކެޓުންވެސް ފައިސާ ހޯދުމަށް ދަތިތައް ދިމާވި އެވެ.

2020 ވަނަ އަހަރު ރާއްޖޭގެ ރޭޓިން ދަށް ކުރުމުން، އޭރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ވިދާޅުވީ އިގްތިސާދީ ހާލަތާއި، ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ނެތްކަމަށެވެ.

އޭގެ ފަހުން ޖޭޕީ މޯގަން ނެރުނު ރިޕޯޓު ސަރުކާރުގެ ހުރިހާ ވަޒީރުން ތެދުވެ ސިފަ ކުރީ އެއީ ރިސެޕްޝަނިސްޓެއްގެ މަސައްކަތެއް ކަމަށެވެ.

އާމްދަނީގެ ސިޔާސަތަށް އެއްވެސް މިންވަރަކަށް ބެލުމެއް ނެތި، ފައިސާ ޗާޕު ކުރަމުން ގޮސް ދެން ކުރި ކަމަކީ ހަރަދު ފޫބެއްދުމުގެ ނަމުގައި ޓެކުހާއި ޖީއެސްޓީ ބޮޑު ކުރުމެވެ. ރައްޔިތުންގެ މަޖިލީހުގެ ދެ ދާއިރާއެއްގެ ބައި އިލެކްޝަނަށާއި، ޕާޓީގެ އެތެރޭގެ އިންތިހާބަށް ނެތް ފައިސާއެއް، ބަޖެޓުން ބޭރުން ހަރަދު ކުރަމުން ދިޔަ އެވެ.

ކުންފުނިތަކަށް އިށީންނާނެ ގޮނޑިއެއް ނެތި ބޯތައް ގިނަ ކުރުމަށް ފަހު، ކުރާ ޝަކުވާގައި ބުރަދަނެއް ނެތެވެ. އެމްޑީޕީ ޖެއްސި ހާލަތެއްގެ ޒިންމާ ނަގަން ޖެހުނީ މި ސަރުކާރަށެވެ. އެ ބުރަ ކޮނޑުގައި އަޅުވައިގެން، ފިލުވަން ޖެހޭ ހަޑިތައް ގިނަ އެވެ.

މިކަން ފާހަގަކޮށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ޒަމީރު ވިދާޅުވީ ކުރީ ސަރުކާރުން ދަރަންޏަށް ފައިސާ ނަގައި، ފައިސާ ޗާޕު ކުރަމުން ދިޔައީ އާމްދަނީ އިތުރު ކުރާނެ އެއްވެސް ގޮތެއް ނުހޯދައި ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި 2022 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކާއި ގުޅޭ މުހިންމު ހަރަދު ކުރަން ޖެހުމުން އެކަން ކުރިއަށްގެންދެވެން އޮތް ހަމައެކަނި މަގަކީ އިތުރަށް ދަރަނިވެ، ފައިސާ ޗާޕުކޮށްގެންކަމަށް އެމްޑީޕީ ދެކުނެވެ.

2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް 8.8 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކަށް އަނބުރާ ދައްކާނެގޮތުގެ ރޭވުމަކާ ނުލައި ދަރަންޏަށް ނަގާފައި ވެއެވެ. އަދި 2022 ވަނަ އަހަރު ކޮވިޑް-19 ގެ ހާލަތުން ވީއްލި، އިގުތިސާދު އަލުން އިޔާދަވާން ފަށާފައި ވަނިކޮށް، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ފައިސާ ޗާޕުކުރުމަށް ކަނޑައަޅާފައިވާ އިސްތިސްނާގެ ހާލަތްތައް ނެތިދިއުމަށްފަހު ވެސް، ވަނީ ފައިސާ ޗާޕުކޮށްފަ އެވެ.

މިއަދު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބޭ ކޮންމެ 100 ރުފިޔާއަކުން 23 ރުފިޔާ ދަރަނި އަނބުރާ ދެއްކުމަށާއި އިންޓަރެސްޓަށް ހޭދަކުރަން ޖެހެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ކުރު ތަފްސީލެއް މަޖިލީހަށް އިއްވަމުން، މިނިސްޓަރ ޒަމީރު ވިދާޅުވީ ބަޖެޓު އެކުލަވާލުމާއި ތަންފީޒު ކުރުމުގެ މަރުހަލާތަކަށް އިސްލާހީ ބަދަލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށެވެ. އެގޮތުން ބަޖެޓު ބައިކޮށް ފާސްކުރާ ގޮތާއި، ބަޖެޓު ތަންފީޒު ކުރާއިރު ބަޖެޓުގައި އެއްބައިން އަނެއް ބަޔަކަށް ބަދަލު ގެނައުމުގެ އުސޫލުތައް ކަނޑައަޅައި އަންނަ އަހަރު ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށް ސަރުކާރުން ވިސްނުން ގެންގުޅޭކަން ހާމަކުރެއްވި އެވެ.

ޒަމީރު ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމު ހަރުދަނާކޮށް، ނިޒާމުގެ ތެރޭގައި ހުރި ނާޖާއިޒް އަދި ނުހައްގު މަންފާތައް ހޯދުމަށް ހުރި ފުރުސަތުތައް ހަނިކޮށް މުޅި ނިޒާމުގެ ތެރެއިން ހިނގާ އިސްރާފުތައް ކުޑަ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް މި މަސައްކަތުގެ ތެރެއިން ގެނެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: