ކައުންސިލުތަކަށް އޮންނަ ހިއްސާއާ ދައުރު މިހާރަށް ވުރެ ވެސް ބޮޑުވުމަކީ، ދެކެން ބޭނުންވާ މަންޒަރުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމައި، އާންމު މަސައްކަތްތަކައި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމަށް ރޭ ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކާގައެވެ.
އާދަމް ޝަރީފު ޢުމަރު ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފަރާތުން ކުރާ ކޮންމެ ކަމެއް ކުރުމުގައި ރައްޔިތުންނާ ހަމައަށް އައިސްގެން އެ ކަމެއް ކުރާ ކަމަށް ވާނަމަ، އެ ކަމެއްގައި ރަށްރަށުގެ ކައުންސިލްގެ ދައުރު އޮންނަންޖެހޭ ކަމަށާއި، ކައުންސިލުގެ ހިއްސާ އިތުރުވާންޖެހޭ ކަމަށާއި، އަދި އިތުރު ކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ރަށްރަށުގައި ކުރާ ކަންތައްތައް އެއީ ނަރުދަމާ ކަމަށް ވިއަސްވެސް، އެއީ ފެނުގެ ޚިދުމަތް ކަމަށް ވިއަސްވެސް، ނުވަތަ ކަރަންޓުގެ ޚިދުމަތެއް ކަމަށް ވިޔަސްވެސް، ނުވަތަ އެ ރަށެއްގައި ދައުލަތުން ނުވަތަ ސަރުކާރުގެ ފަރާތުން ވަކި މުއައްސަސާއެއް ޤާއިމްކުރުން ކަމަށް ވިޔަސްވެސް، އެ ކަމެއް ކުރުމުގައި ރައްޔިތުންގެ ފަރާތުން ވާހަކަދައްކާ މަޝްވަރާކުރަން ތިބޭ ބަޔަކީ ކައުންސިލުތައް.
މީގެ އިތުރުން ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާވެސް މިނިސްޓަރު ވަނީ ހުޅުއްވާދެއްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހިނގަމުން މިދާ ލާމަރުކަޒީ ނިޒާމު ތަޢާރަފުކޮށް، މިހާ ހިސާބަށް މި އައިއިރު ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް ޓަކައި ޤާނޫނު އަސާސީވެސް ބަދަލުކޮށްފިކަމަށް ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ޤާނޫނަށް ވެސް ގިނަ އިޞްލާޙުތަކެއް މިހާރު ވެސް ގެނެވިއްޖެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރަނގަޅުކުރުމަށް ޓަކައި ކޮންމެ ސަރުކާރަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާ، މި ނިޒާމު ފުރަތަމަ ތަޢާރަފުކުރެވުނު އިރުގައި ވެސް ނިޒާމުގައި ރަނގަޅުކުރަންޖެހޭ އެތައް ކަމެއް ހުރިކަމަށެވެ. އެހެންނަމަވެސް އެ މަނިކުފާނު ވިދާޅުވީ ރައްޔިތުން ވޯޓުދީގެން، ރައްޔިތުންގެ ޙައްްޤުގައި ބަސްބުނަން ތިއްބެވި ބޭފުޅުންނަކީ ކައުންސިލަރުން ކަމަށް ވާތީ، ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ފުރުޞަތާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ވިދާޅުވުމުގެ ފުރުޞަތު ކައުންސިލަރުން އެބަ އޮތް ކަމަށެވެ. އަދި މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭން ނޫން ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

