2025 ވަނަ އަހަރު ވެގެންދާނީ އިސްލާމީ ޔުނިވާރސިޓީއަށް ފާގަތި އަހަރަކަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ޔުނިވާސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނާގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”މަޙްފަލުލް ޤުރްއާނިލް ކަރީމް 1446“ ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ފައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސްގެ އަމާޒަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީއަކީ ރާއްޖޭގެ ދަރިވަރުންގެ އިތުރުން، ރާއްޖޭން ބޭރުގެ ދަރިވަރުންވެސް ތަޢުލީމު ހާސިލްކުރުމަށް އަންނާނެ ޔުނިވާރސިޓިއަކަށް ހެދުން ކަމަށެވެ.
ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރަކީ އިސްލާމީ ޔުނިވާރސިޓީއަށް ފާގަތި އަހަރަކަށް ވެގެންދާނެ ކަމަށެވެ. އަދި ރައީސްގެ މެނިފެސްޓޯގައި އިސްލާމީ ޔުނިވާސިޓީއާއި ގުޅޭ ރަނގަޅު ތަޞައްވުރެއް އެކުލަވާލެވިފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ތަޞައްވަރު ޙަޤީޤަތަކަށް ހެދުމަށްޓަކައި ރައީސް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާކަމަށާއި، 2025 ވަނަ އަހަރު މިކަމުގައި ޢަމަލީ ސިފަތައް ޖެހޭތަން ފެންނާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، އިސްލާމީ ޔުނިވާސިޓީން ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރެެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި އިސްލާމީ ޔުނިވާސިޓީގެ އެންމެހާ ވެރިންނަށް ވަޒީރު ވަނީ ޝުކުރުދަންނަވާފައެެވެ. އިސްލާމީ ޢިލްމު ފެތުރެއްވުމަށް އިސްލާމީ ޔުނިވާސިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ދޭން ޖެހޭ ފުރިހަމަަ އެއްބާރުލެއްވުމާއި އެހީތެރިކަން އަބަދުވެސް ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ރާއްޖޭގައި އިސްލާމްދީން ފަތުރާ، ގިނަ ޒުވާނުން އެކަމަށް އިތުރަށް އަހުލުވެރި ވުމުގެ ގޮތުން މަސައްކަތް ކުރަމުން ދެއެވެ. އަދި ޙާފިޘުން ތަމްރީނު ކުރުމުގެ ޕްރޮގުރާމްތައް ވެސް ކުރިއަށް ގެންދެއެވެ. އޭގެ ތެރެއިން ކީރިތި ޤުރުއާން ތަޖުވީދުކޮށް ރީޗަށް ކިޔަވަން ދަސްކޮށްދިނުން ހިމެނެއެވެ.

