ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތައް މި ޤައުމުގައި ތަންފީޒު ނުވާ ކަމަށާއި، އެކަންކަން ބަދަލުވާން ޖެހޭކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި، މިނިސްޓްރީ އޮފް ހެލްތު އަދި އެޗްޕީއޭގެ ބޭފުޅުންނާ ވަނީ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ލީގަލް އޮފިސަރު އަލީ ޝިހާމް، ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ ނައިބްރައީސް އަހުމަދު އަފްޢާލް އަދި އައިޖީއެމްއެޗްގެ ރެސްޕިރޭޓަރީ ޑިޕާޓްމަންޓުގެ ކޮންސަލްޓަންޓު ޑރ މުޙައްމަދު އަލީއެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިހާމް ވިދާޅުވީީ، ދުންފަތާބެހޭ ޤާނޫނުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވޭ ކަމަށާއި، މުޅި ޤާނޫނަށް 14 އަހަރުވެގެންދިޔައިރުވެސް ޤާނޫނުގައި ހުރި ކަންކަން ތަންފީޒު ނުވާ ކަމަށެވެ. އެހެން ދިމާވަނީ ޤާނޫނު ތަންފީޒު ކުރުމުގައި އެކިއެކި އިދާރާތަކުން ދޭން ޖެހޭ އެކަށީގެންވާ އެއްބާރުލުން ނުލިބޭތީކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިިތުރުން، މި ޤާނޫނު ފަރުމާކުރަން ފެށި ދަނޑިވަޅަކީ ދުންފަތުގެ ކަންކަމުގައި ސަރުކާރުންވެސް މުހިއްމު ނިންމުންތަކެއް ނިންމަމުންދިޔަ ދަނޑިވަޅެއްކަމަށް ޝިހާމް ވިދާޅުވިއެވެ. އަދި މިހާރު ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުތަކަކީ ކަމާބެހޭ އިދާރާތަކާއެކު ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ހުށަހަޅާފައިވާ އިސްލާޙުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.
މި ކޮމިޓީ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޑެޕިއުޓީ ޑިރެކްޓަރ ޙަސަން މުޙައްމަދުއެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، 2010 ވަނަ އަހަރު ޤާނޫނު ފާސްކުރިއިރު ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް 1 އަހަރު ތެރޭގައި އެކުލަވާލައި ތަންފީޒު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ނަމަވެސް އޭގެ ފަހުން 14 އަހަރުވާއިރު މިހާތަނަށް އެ ޤާނޫނުގައިވާ ގޮތުގެ މަތިން އެކުލަވާލެވި ތަންފީޒު ކުރެވެމުންދަނީ އެންމެ 2 ޤާނޫނު ކަމަށެވެ.
މިއީ ރައްޔިތުންގެ ސިއްޙަތާއި ދުޅަހެޔޮޮކަމަށްވެސް މުހިއްމު ޤާނޫނަކަށްވާއިރު، ޤާނޫނު ތަންފީޒުކޮށް ފިޔަވަޅު އެޅެނީ ކިހާ މިންވަރަކަށްތޯ އޭނާ ސުވާލު ކުރެއްވިއެވެ.
2010 ވަނަ އަހަރުން ފެށިގެން 2024 އާ ހަމައަށް އައިއިރު މި މަޖިލީހަށް ދައުލަތުގެ އެއްވެސް މުއައްސަސާއެއް ހާޒިރުކޮށް މި ޤާނޫނުގައި މި ބުނާ ކަންތައްތައް، އެ މުއްދަތުގައި ނުކޮށްގެން، (ޤަވާއިދު އެކުލަވާނުލައިގެން) ރައްޔިތުންގެ ހައްޤުތައް ގެއްލިގެންދާއިރު ސުވާލުކުރިތޯ، މި ޤާނޫނު ތަންފީޒު ނުކުރުމުގެ ސަބަބުން ކިތައް ކުޑަކުދިން އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ހުންނާނެތޯ، ފިހާރަތަކުން އުމުރެއް ބެލުމެއް ނެތި ސިގިރޭޓު ވިއްކާ، ކުޑަކުދިންނަށް އިސްތިހާރުތައް ހަދައި، މިކަންކަން ކުރަމުންދާއިރު، ޖުމުލަ ގޮތެއްގައި ދަންނަވާނަމަ އިމްޕޯޓް އެކްސްޕޯޓް ޤާނޫނުގެ ތެރެއިން ދެ އަހަރުން ތިން އަހަރުން އެއް ފަހަރު ރެވެނިއު ސްޓްރީމެއްގެ ގޮތުގައި ޓެކްސް ބޮޑުކުރުން އަދި ރާއްޖެއަށް އެއްޗެހި އެތެރެކުރާ މަރުޙަލާގައި ކަސްޓަމްސްއިން އެ ތަންފީޒުކުރާ ތަންފީޒުކުރުން ފިޔަވައި މިއަދު ބަލާލާއިރު މި ޤާނޫނުގެ އެއްވެސް ކަމެއް ތަންފީޒު ކުރާ އެއްވެސް ބައެއް ނެތް ކަސްޓަމްސް ނޫނިއްޔާ
ދިވެހި ފުލުހުންގެ ޚިދުމަތާއި، އެޗްޕީއޭ އަދި އިކޮނޮމިކް މިނިސްޓްރީންވެސް މި ޤާނޫނު އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މުޅި ދައުލަތުގެ އިހުމާލު މިކަމުގައި ހިމެނޭ ކަމަށެވެ. އެހިސާބުން އެންމެންވެސް ދައްކާ ވާހަކައަކީ އެއީ ތަންފީޒުވާ ޤާނޫނެއް ނޫންކަމުގެ ވާހަކަކަމަށް އޭނާ ވިދާޅުވިއެވެ.
ޙަސަން މުޙައްމަދު އިތުރަށް ވިދާޅުވީ، ޤާނޫނާ ޚިލާފުވީތީ އެކަން ނުކޮށް ތިބޭ ރައްޔިތުން މި ޤައުމުގައި މަދު ކަމަށާއި، އެ ޙާލަތުގައި ދެން އޮންނާނެ ގޮތަކީ ޤާނޫނު ރަނގަޅަށް ތަންފީޒުކުރުން ކަމަށެވެ.
ލޯ އެބައިޑިންގ މުޖުތަމައެއްގައި ކެފޭއެއްގައި ދިވެހި ބަހުން ލިޔެފައި މި ތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކޭ، 500 ރުފިޔާގެ ޖޫރިމަނާއެކޭ، އެއަށްވުރެ ބޮޑު ވަރެއް ދައުލަތުން ކުރާކަށް ނުޖެހޭ، އެ އޮތީ މަނާކަމެއްކަން އަންގާފައި، ތަސައްރަފް ފުދިގެންވާ މީހުން އެތަނަށް ގޮސް އެކަން ކޮށްގެން ނުވާނެ ދެއްތޯ. އެކަމަކު އެހެނެއް ނުވޭ، ނުވާނަމަ ކޮންމެވެސް ބަޔަކު ފިޔަވަޅު އަޅަންޖެހޭ، އެހެންވީމާ މިއަދު ޤާނޫނަށް 14 އަހަރުވެގެންދާއިރު ޤާނޫނުގެ ތަންފީޒީ ގޮންޖެހުމުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ، އަޅުގަނޑުމެންގެ އަމިއްލަ އިހުމާލަކީ ޤާނޫނު ތަންފީޒު ކުރުމަށް ބަހަނާއަކަށް ވެގެން ނުވާނެ
ޙަސަން ވިދާޅުވީ، ދުންފަތުން އާންމު ސިއްޙަތަށް އަދި އިޤްތިސާދަށްވެސް ލިބޭ ގެއްލުން ފެންނަން އެބައޮތް ކަމަށާއި، ނަމަވެސް ކުރުކޮށް ދަންނަވާނަމަ މިހާރުވެސް ޤާނޫނު އޮތީ މަޖިލީހުގެ މެމްބަރުންނަށް ކުޑަ ދަށުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން މިކަންކަމަކީ ބަދަލު އަންނަންޖެހޭ ކަންކަން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތް ކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާއި ބެހޭ ގާނޫނަށް އިސްލާޙު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެކަމަށްޓަކައި ޤާނޫނު އިސްލާޙު ކުރުމުގެެ މަސައްކަތް މިހާރު މިވަނީ ފަށާފައެވެ.

