ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތެލުގެ ޑިމާންޑު: ރާއްޖޭގެ މާލީ ދެމެހެއްޓިނިވިކަމަށް ބޮޑު ބުރައެއް!

ރާއްޖެ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޤްތިޞާދީ ގޮންޖެހުންތަކުގެ ތެރޭގައި، އިތުރުވަމުންދާ ޑިމާންޑާއެކު ތެލުގެ އިމްޕޯޓް އިތުރުކުރަންޖެހުން ހިމެނެއެވެ. މި ހާލަތުގައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ހިނގާ ކަންކަމާއި ތެލުގެ ބާޒާރަށް އަންނަ ބޮޑެތި ބަދަލުތަކުގެ ސަބަބުން، ދިވެހިރާއްޖެ ފަދަ ޤައުމުތަކުގެ މާލީ ދެމެހެއްޓެނިވިކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދެއެވެ.

2022 ވަނަ އަހަރު ފެށުނުއިރު ބައިނަލްއަޤްވާމީ މާކެޓުގައި ތެޔޮ ފީފާއެއްގެ އަގު 79 ޑޮލަރުގައި ހުރިއިރު، ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން މާކެޓަށް ކުރި ނޭދެވޭ އަސަރާ ގުޅިގެން، ފީފާއެއްގެ އަގު 123 ޑޮލަރަށް އަރާފައިވެއެވެ. އަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު، ފީފާއެއްގެ އަގު 103 ޑޮލަރުގައި ހުރިކަމަށް ބައެއް ފަރާތްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބައިނަލްއަޤްވާމީ ތެލުގެ ބާޒާރަށް އައި ބަދަލުތަކުގެ އަސަރު ވަގުތުން ވަގުތަށް ދިވެހިރާއްޖެއިންވެސް ފެނިގެންދިޔައެވެ. އަހަރު ފެށުނުއިރު އެސްޓީއޯއިން ތެޔޮ ލީޓަރެއް ވިއްކަމުންދިޔައީ 11 ރުފިޔާއަށް ކަމުގައިވީނަމަވެސް، ޖޫން މަހުގެ ނިޔަލަށް އެ ކުންފުނިން ވިއްކާ ތެލުގެ އަގު 16 ރުފިޔާއަށް އަރާފައިވެއެވެ. 2021 ވަނަ އަހަރާ އަޅާބަލާއިރު، މި މުއްދަތުގެ ތެރޭގައި ތެލަށް ކުރާ ޚަރަދު ދެގުނަވެފައިވާކަން ފާހަގަކުރެވެއެވެ. 2021 ގެ ދެވަނަ ކުއާޓަރުގައި 3.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، 2022 ގެ އެ މުއްދަތުގައި 6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ ޝައްކެއްނެތް ގޮތުގައި ދިވެހިރާއްޖޭގެ މާލީ ޙަޤީޤަތާ ނުގުޅޭ މިސްރާބެކެވެ. މި ޙާލަތު ނުހުއްޓުވައިފިނަމަ، މިހާރަށްވުރެ ބޮޑުވެ، ނުހިފެހެއްޓޭ ހިސާބަށް ހިނގައިދާނެކަމަށް ބެލެވެއެވެ.

2023 ވަނަ އަހަރު ދިވެހިރާއްޖެއަށް އެތެރެކުރެވުނު މުދަލުގެ ޖުމްލަ އަގު 3.48 ބިލިއަން ޑޮލަރަށް އަރާކަމަށް ބައެއް މަޢުލޫމާތު އެއްކުރާ ވެބްސައިޓުތަކުން ދައްކާއިރު، މީގެ ތެރެއިން 1.5 ބިލިއަނާ ގާތްކުރާ އަދަދެއް ޚަރަދުވެފައިވަނީ ތެލުގެ ބާވަތްތައް އިމްޕޯޓުކުރުމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ދެމެހެއްޓެނިވިކަމަށް ހުރި ބޮޑު ނުރައްކަލެކެވެ. 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން 6.3 ބިލިއަން ޑޮލަރުގައި ހުރިއިރު، މިއީ ރައްޔިތުންގެ އަތުން ހިނގާ ޚަރަދެއްކަމާއި، އެހެން އެތައް މުހިންމު ދާއިރާއަކަށް ހޭދަކުރެވިދާނެ ފައިސާއެއްކަން ފާހަގަކުރެވެއެވެ.

ތެޔޮ ގަތުމަށް ހޭދަކުރަންޖެހުމުގެ އިތުރުން، ރާއްޖެއަށް އެތެރެކުރުމަށްވެސް ޚަރަދުތަކެއް ކުރަންޖެހެއެވެ. އަދި ތެޔޮ ބޭނުންކުރުމުގައިވެސް އިތުރު ޚަރަދުތަކެއް ހިނގައެވެ. މިގޮތުން، ތެލުގެ ބާވަތްތައް ބޭނުންކުރާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމަށްޓަކައި ރަޖިސްޓްރީ ފީ، އަހަރީ ފީ، އަދި ރޯޑްވާދިނަސް ފަދަ ނަންނަމުގައި އެކި ބާވަތުގެ ޓެކްސްތައް ދައްކަންޖެހެއެވެ. މީގެއިތުރުން، ތެޔޮ ބޭނުންކުރާ އިންޖީނުލީ އުޅަނދުފަހަރު އިމްޕޯޓުކުރުމަށް ރާއްޖޭގައި ނެގެނީ ބޮޑު ޑިއުޓީއެކެވެ. އެއީ އަގުގެ 200 އިންސައްތައެވެ. އެހެންނަމަވެސް، ކަރަންޓުން ނުވަތަ ބެޓެރީން ދުއްވާ އުޅަނދުފަހަރަށް މިފަދަ ބޮޑު ޑިއުޓީއެއް ނުނަގާކަން ފާހަގަކުރެވެއެވެ.މި ހުރިހާ ކަމެއްގެ މައްޗަށް ބަލާއިރު، ދިވެހިރާއްޖޭގެ އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި، ތެލަށް ކުރާ ބަރޯސާ ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުމަކީ މުހިންމުކަމެކެވެ. މިކަމަށް ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން އިސްކަންދީ، ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމާއި ބޭނުންކުރުމުގެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓްކުރުމާއި، ޓެކްނޮލޮޖީތައް ތަޢާރަފުކުރުމަކީ ދިވެހިރާއްޖޭގެ މާލީ އަދި ތިމާވެށްޓާ ރައްޓެހި މުސްތަޤުބަލަކަށް މަގުފަހިކޮށްދޭނެ ފިޔަވަޅުތަކެކެވެ.

ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ އިސްނެންގެވުމުގެ ދަށުން، ތިމާވެށްޓާ ރައްޓެހި ޓެކްނޮލޮޖީތަކަށް މަގުފަހިކުރުމުގެ ގޮތުން، އިލެކްޓްރޯނިކް ވެހިކަލްތަކާއި އިޔާދަކުރަނިވި ހަކަތައިގެ އާލާތްތަކުން އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމިއެވެ. މި ފިޔަވަޅުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމާއެކު، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމެވެ.

މިއަދު މި މައުޟޫޢުގެ މުހިންމުކަން އިތުރަށް ފާހަގަކުރެވެނީ ތެލުގެ އިމްޕޯޓަށް ކުރަންޖެހޭ ޚަރަދާއި، ބައިނަލްއަޤްވާމީ ހަލަބޮލިކަމުގެ ސަބަބުން ހަކަތައިގެ ރައްކާތެރިކަމަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ސަބަބުންނެވެ. އަދި ހަމައެހެންމެ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އިންސާނީ ދެމެހެއްޓެނިވިކަމަށް ކުރާ އަސަރުތަކަކީވެސް މުހިންމު ކަންކަމެވެ.

ނަމަވެސް، ރާއްޖޭގައި އިލެކްޓްރޯނިކް ވެހިކަލްތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް، ޚާއްޞަކޮށް ޗާޖިންގ ސްޓޭޝަންތަކާއި އެކަށީގެންވާ ކަރަންޓުގެ ޤާބިލުކަން ނެތުމަކީ ދިމާވެފައިވާ މައިގަނޑު ގޮންޖެހުންތަކެވެ.

އެހެންނަމަވެސް، ރާއްޖޭގެ އާބާދީގެ ކުޑަކަމާއި، މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާއެކު، ކުރިމަގަށް ރޭވިގެން އިލެކްޓްރޯނިކް ވެހިކަލްތަކަށް ބޭނުންވާ އަސާސީ ވަސީލަތްތައް ޤާއިމުކުރުމަށް ފުރުޞަތު އެބައޮތެވެ. ރާއްޖެ މިވަގުތު އޮތީ ތަރައްޤީގެ ފެށުމުގެ މަރުޙަލާގައި ކަމަށްވުމުން، އައު ޓެކްނޮލޮޖީތަކަށް ފަހި މާޙައުލެއް އުފެއްދުމަށް މަގުފަހިވެފައިވެއެވެ.

ވީމާ، މި ދާއިރާގައި ކުރިއެރުން ހޯދުމަށް ލަސްނުކޮށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ. އަދި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ތިމާވެށި ރައްކާތެރިކުރުމަށާއި، ހަކަތައިގެ މިނިވަންކަން ހޯދުމަށް މަގުފަހިވާނެ ކަމެކެވެ.

ދިވެހިރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް، މުސްތަޤުބަލުގެ ދުރު ވިސްނުމަކާއެކު، މިހިނދުން ފެށިގެން ނަމަވެސް ކުރިއަށް ގެންދިއުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. ދުނިޔެ ދަތުރުކުރަމުންދާ މިސްރާބުން ރާއްޖެ އެއްކިބާވުމަކީ ނާދިރު ކަމެކެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ދެ ހޮވުމެކެވެ. އެއީ، ރޭވުމެއްނެތި ބާރުގަދަ އޮއިވަރުގައި ޖެހި ހާލުގައި ޖެހުން، ނުވަތަ ކުރިއާލައި މި ޙަޤީޤަތް ޤަބޫލުކޮށް، އަޅުގަނޑުމެންގެ މިސްރާބު ކަނޑައެޅުމެވެ. މި ވިސްނުމަށް އިންކާރުކުރާނެ ދިވެއްސަކު ނުހުންނާނެކަން ކަށަވަރެވެ.

މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ސަރުކާރުގެ އިސްނެގުމުގެ ދަށުން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މިސާލަކަށް، ނޯވޭގައި އިލެކްޓްރިކް ވެހިކަލްތަކުގެ ބޭނުންކުރުން އިތުރުކޮށް، ތެލުން ދުއްވާ އުޅަނދުފަހަރު މަދުކުރުމަށްޓަކައި، ތިމާވެށްޓާ ރައްޓެހި ގޮތްތައް ޚިޔާރުކުރާ ރައްޔިތުންނަށް ޓެކްސް ލުއިތަކާއި، އިލެކްޓްރިކް ވެހިކަލް ގަތުމަށް ކުރާ ޚަރަދުގެ ބައެއް އަނބުރާ ދިނުންފަދަ އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. މީގެ ސަބަބުން، އާންމު އުޅަނދުފަހަރަށްވުރެ އަގުހެޔޮކޮށް އިލެކްޓްރިކް ވެހިކަލްތައް ގަތުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބި، އިތުރު ޚަރަދު ކުޑަކުރެވެއެވެ. މީގެ އިތުރުން، މިފަދަ އުޅަނދުފަހަރު ބޭނުންކުރުމަށް ރަޖިސްޓްރޭޝަން ޓެކްސްއާއި މަގުމަތީގެ އެހެނިހެން ފީތަކުން އިސްތިސްނާކުރުމަށްވެސް އެ ޤައުމުން ވަނީ ނިންމާފައެވެ.

އެހެންކަމުން، ދިވެހިރާއްޖޭގައިވެސް މިފަދަ އުސޫލުތަކެއް ތަޢާރަފުކޮށް، އަވައްޓެރި ޤައުމުތަކުގެ އެހީތެރިކަން ހޯދައިގެން، ރައްޔިތުންގެ ޖީބަށް ލުއިވާނެ ގޮތަކަށް މިފަދަ ވަސީލަތްތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެކެވެ. އަދި މިހާރު ބޭނުންކުރަމުންދާ އުޅަނދުފަހަރު ދޫކޮށްލުމަށް ނުވަތަ އެ ތަކެތި ބޭނުންކުރާ މިންވަރު ދަށްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް މުހިންމު ކަމެކެވެ. ނަމަވެސް، މިކަން ޢަމަލީ ސިފަ ގެނެވޭނީ އީޖާދީ ވިސްނުމަކާއެކު ޗާޖުކުރެވޭނެ ގޮތްތައް އިންތިޒާމުކޮށްގެންނެވެ. ރާއްޖޭގެ ރަށްތަކުގެ ޖާގައިގެ ދަތިކަމަށް ރިޢާޔަތްކޮށް، މިހާރު އުފައްދާ ގިނަ އިލެކްޓްރިކް ވެހިކަލްތަކުގައި އެއް ޗާޖުން އާންމު ބޭނުންތައް ފުއްދޭނެކަން ފާހަގަކުރުމަކީވެސް މުހިންމު ކަމެކެވެ. ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މިދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް މިފަދަ ފިޔަވަޅުތަކަކީ، މިއަދު ނ މިއަދު ނޫނީ މާދަމާ ނަމަވެސް، ކޮންމެހެން އަޅަންޖެހޭނެ މުހިންމު ފިޔަވަޅުތަކެކެވެ.

މި މަސައްކަތުގައި ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަކީވެސް މުހިންމު ކަމެކެވެ. އަމިއްލަ ވިޔަފާރިތަކަށް ޚާއްޞަ ޓެކްސް ލުއިތަކާއި އެހެނިހެން ޙަވާފިޒުތައް ދިނުމަކީ މި ދާއިރާގައި އިންވެސްޓްކުރުމަށް ހިތްވަރުދޭނެ ކަމެކެވެ. މީގެ އިތުރުން، ތިމާވެށްޓާ ރައްޓެހި ހަކަތައިގެ ވަސީލަތްތައް ތަޢާރަފުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ތަޖުރިބާ ހޯދުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމަކީވެސް މުހިންމު ކަމެކެވެ.ހަމައެހެންމެ، މި ބަދަލުތަކާ ގުޅިގެން އާންމު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ތިމާވެށްޓާ ރައްޓެހި އުޅަނދުފަހަރުގެ ފައިދާތަކާއި، އޭގެ ސަބަބުން ދިގު މުއްދަތުގައި ލިބޭނެ މާލީ އަދި ތިމާވެށީގެ ފައިދާތަކާ ބެހޭ މަޢުލޫމާތު ފުޅާ ދާއިރާއެއްގައި ފެތުރުމަކީ މުހިންމު ކަމެކެވެ.

ދިވެހިރާއްޖެ ފަދަ ކުޑަ ޖަޒީރާ ޤައުމަކަށް، ތިމާވެށްޓާ ރައްޓެހި އުޅަނދުފަހަރާއި ހަކަތައިގެ ވަސީލަތްތަކަށް ބަދަލުވުމަކީ އިޤްތިޞާދީ އަދި ތިމާވެށީގެ ގޮތުން ވަރަށް މުހިންމު ފިޔަވަޅެކެވެ. މިކަމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މަސައްކަތް އެއްކޮށްލައި، ދުރު ރާސްތާގެ ވިސްނުމަކާއެކު ކުރިއަށް ދިއުމަކީ، ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: