ބަންޑާރަ ނައިބުގެ އޮފީހަކީ ދައުލަތުގެ ކަންކަން ހަމަމަގަށް އެޅުވުމަށް އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ މުއައްސަސާއެވެ. މި އޮފީހަށް ވަރަށް ބޮޑެތި ޒިންމާތަކެއް ހަވާލުކުރެވިފައިވެއެވެ. މީގެ ތެރޭގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ އެންމެ މުހިންމު ވަޢުދުތައް ފުއްދުމާއި، ޤާނޫނީ ޒިންމާތައް އަދާކުރުން ހިމެނެއެވެ.
ޤާނޫނުއަސާސީން ބަންޑާރަ ނައިބަށް މަތިކޮށްފައިވާ އެންމެ މުހިންމު އެއް ޒިންމާއަކީ ޤާނޫނީ ލަފާ ދިނުމެވެ. މީގެ އިތުރުން، ދައުލަތާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ސަރުކާރަށް ލަފާދިނުމާއި، ޤާނޫނުއަސާސީއާއި ޤާނޫނުން ކަނޑައަޅާފައިވާ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުންވެސް ހިމެނެއެވެ.
ބަންޑާރަ ނައިބަށް ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކަށް ހާޒިރުވެ ވާހަކަދެއްކުމުގެ ހައްޤު ލިބިގެންވެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތައް ފިޔަވައި އެހެން ކަންކަމުގައި ބަސްބުނާނީ ބަންޑާރަ ނައިބު ނުވަތަ އޭނާ ކަނޑައަޅާ ފަރާތެކެވެ. މަދަނީ މައްސަލަތަކުގެ ތެރެއިން ސަރުކާރު ޝާމިލުނުވާ މައްސަލަތަކުގައިވެސް، ދައުލަތުގެ ނުވަތަ އާންމު މަޞްލަޙަތެއް ހިމެނޭކަމަށް ބަންޑާރަ ނައިބަށް ފެނިއްޖެ ހިނދެއްގައި، ކޯޓުގެ ހުއްދައާއެކު އެ މައްސަލައެއްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ފުރުޞަތު އޮވެއެވެ.
ބަންޑާރަ ނައިބުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމާއި، ރައްޔިތުންގެ ސަލާމަތާއި މަންފާ އަދި އާންމު މިނިވަންކަން ދިފާޢުކުރުން ހިމެނެއެވެ. މި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަ ނައިބު ތަބާވާންޖެހޭނީ ހަމައެކަނި ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. އެއްވެސް އިދާރާއަކުން ނުވަތަ ފަރުދަކު ބަންޑާރަ ނައިބުގެ މައްޗަށް ނުފޫޒު ފޯރުވުމަކީ މަނާކަމެކެވެ.
ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތައް ޕްރޮސެކިއުޓަރ ޖެނެރަލަށް އެންގުމުގެ ބާރުވެސް ބަންޑާރަ ނައިބަށް ލިބިގެންވެއެވެ. މީގެއިތުރުން، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ޤާނޫނު އިޞްލާޙުކުރުމަށް ހުށަހެޅުމާއި، ޤާނޫނީ ލަފާ އެރުވުމަކީވެސް ބަންޑާރަ ނައިބުގެ އެންމެ މުހިންމު އެއް ޒިންމާއެވެ.

ވޭތުވެދިޔަ އަހަރަކީ ސަރުކާރުން ވެފައިވާ ވަޢުދުތަކުގެ ތެރެއިން ބަންޑާރަ ނައިބުގެ އޮފީހުން މުހިންމު ދައުރެއް އަދާކުރި އަހަރެކެވެ. ސަތޭކަ ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފުއްދައިދޭނެ ކަމަށް ބުނެފައިވާ ވަޢުދުތައް ފުއްދިފައިވޭތޯ ބެލުމާއި، ޤާނޫނީ ގޮތުން ހުރި ހުރަސްތައް ނައްތާލައި މަސައްކަތްތައް ފުޅާކުރުމަށްޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ކުރި މަސައްކަތްތަކަށް ބަލައިލުން މުހިންމެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ކުރާ އެންމެ މުހިންމު އެއް މަސައްކަތަކީ ދައުލަތުން ދަޢުވާކުރާ އަދި ދައުލަތަށް ދަޢުވާ ރައްދުވާ މައްސަލަތަކާ ގުޅޭ މަސައްކަތްތަކެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި، 2023 އޮކްޓޫބަރު 14 ގެ ނިޔަލަށް، ޖުމްލަ 645 މައްސަލަ ލިބިފައިވެއެވެ. މީގެ ތެރެއިން:
– ދަޢުވާކުރާ މައްސަލަތަކުގެ އަދަދަކީ 529 އެވެ.
– ދަޢުވާ ލިބޭ މައްސަލަތަކުގެ އަދަދަކީ 100 އެވެ.
– ތަދައްޚުލްވާ މައްސަލަތަކުގެ އަދަދަކީ 16 އެވެ.
މީގެއިތުރުން، ދައުލަތުގެ މުއައްސަސާތަކުން 948 މައްސަލައާ ގުޅޭގޮތުން ޤާނޫނީ ލަފައަށް އެދިފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން ގިނަ އަދަދެއްގެ މައްސަލަތަކަށް ޤާނޫނީ ލަފާ ދެވި، ނިންމިފައިވާކަން ފާހަގަކުރެވެއެވެ.
– 102 ގަވާއިދަކާ ގުޅޭގޮތުން ލަފާ ދެވިފައިވެއެވެ.
– 21 އުސޫލަކާ ގުޅޭގޮތުން ލަފާ ދެވިފައިވެއެވެ.
– 4 މުޢާހަދާއަކާ ގުޅޭގޮތުން ލަފާ ދެވިފައިވެއެވެ.
– އެހެނިހެން ކަންކަމުގައި 338 މައްސަލައަކަށް ޤާނޫނީ ލަފާ ދެވިފައިވެއެވެ.މީގެ އިތުރުން، ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި 29 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވިފައިވެއެވެ. މި ބިލުތަކުގެ ތެރޭގައި އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ބިލު، ދަތުރުފަތުރު ރާވައި ހިންގުމުގެ ޚިދުމަތް ދިނުމާބެހޭ ބިލު، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު، ބިމުގެ ބިލު، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު، އަދި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ފަދަ މުހިންމު ބިލުތައް ހިމެނެއެވެ.ލީގަލް އެއިޑްގެ ޚިދުމަތާ ގުޅޭގޮތުން:
– 2023 ވަނަ އަހަރުގެ ނޮވެންބަރު 17 އިން ފެށިގެން 2024 ވަނަ އަހަރުގެ އޮކްޓޯބަރު 1 ގެ ނިޔަލަށް 207 އެޕްލިކޭޝަން ހުށަހެޅިފައިވެއެވެ.
– މީގެ ތެރެއިން 162 އެޕްލިކޭޝަނަކަށް ދައުލަތުން ޤާނޫނީ ވަކީލުން ޢައްޔަންކޮށްދެވިފައިވެއެވެ.
– އެކި ސަބަބުތަކާ ހުރެ 19 އެޕްލިކޭޝަނެއް ބާޠިލުކުރެވިފައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ އެކި ޑިޕާޓްމަންޓްތަކާއި އެ އޮފީހުގެ ދަށުން މަސައްކަތްކުރާ ތަންތަނަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅޭ ތަފްޞީލު:
1. އޮފީސް ފޮރ ސިވިލް ރައިޓްސް:
– ޖުމްލަ 57 ޝަކުވާ ހުށަހެޅިފައިވޭ
– 30 މައްސަލައަކަށް ޖަވާބު ދެވިފައިވޭ
2. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް:
– 13 ޝަކުވާ ހުށަހެޅިފައިވޭ
– 8 ޝަކުވާއަށް ޖަވާބު ދެވިފައިވޭ
3. ކާރިސާއާ ގުޅުންހުރި މައްސަލަތައް:
– 2 ޝަކުވާ ހުށަހެޅިފައިވޭ
– 1 ޝަކުވާއަށް ޖަވާބު ދެވިފައިވޭ
4. ޕެންޝަނާ ގުޅޭ މައްސަލަތައް:
– 5 ޝަކުވާ ހުށަހެޅިފައިވޭ
– 4 ޝަކުވާއަށް ޖަވާބު ދެވިފައިވޭ
5. ވަޒީފާއާ ގުޅޭ މައްސަލަތައް:
– 11 ޝަކުވާ ހުށަހެޅިފައިވޭ
– 4 ޝަކުވާއަށް ޖަވާބު ދެވިފައިވޭ
6. ބޯހިޔާވަހިކަމާ ގުޅުންހުރި މައްސަލަތައް:
– 18 ޝަކުވާ ހުށަހެޅިފައިވޭ
– 11 ޝަކުވާއަށް ޖަވާބު ދެވިފައިވޭ
7. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭ މައްސަލަތައް:
– 3 ޝަކުވާ ހުށަހެޅިފައިވޭ
– އެއްވެސް ޝަކުވާއަކަށް އަދި ޖަވާބު ދެވިފައެއް ނުވޭ
8. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނާ ގުޅޭ މައްސަލަތައް:
– 1 ޝަކުވާ ހުށަހެޅި ޖަވާބު ދެވިފައިވޭ
9. ޝަރުޢީ ކޯޓުތަކުން ނިންމާފައިވާ ނިންމުމެއް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލަތައް:
– 2 ޝަކުވާ ހުށަހެޅިފައިވޭ
– 1 ޝަކުވާއަށް ޖަވާބު ދެވިފައިވޭ
10. ކިޔަވާ ކުދިންގެ ލޯނާ ގުޅޭ މައްސަލަތައް:
– ޝަކުވާ ހުށަހެޅިފައިވޭ (އަދަދު ބަޔާންކޮށްފައި ނެތް)
– އަދި ޖަވާބު ދެވިފައެއް ނުވޭ
11. ޓެކްސްއާ ގުޅިގެން ހުށަހެޅުނު މައްސަލަތައް:
– 1 ޝަކުވާ ހުށަހެޅިފައިވޭ
– އަދި ޖަވާބު ދެވިފައެއް ނުވޭ
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ މުހިންމު ދާއިރާތަކާއި ބިލުތައް:
1. ދުސްތޫރީ އަދި ޤާނޫނީ ކަންކަން:
– ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމަށް ހުށަހަޅަންޖެހޭ ބިލުތައް
– ޢަދުލުއިންޞާފުގެ ދާއިރާއާ ގުޅޭ ބިލުތައް
– ޤާނޫނީ ދާއިރާއާ ގުޅޭ ބިލުތައް
– އިންތިޚާބުތަކާއި ޢާންމު ވޯޓުތަކާ ގުޅޭ ބިލުތައް
– ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމާ ގުޅޭ ބިލުތައް
– އެހެނިހެން ދުސްތޫރީ ކަންކަމާ ގުޅޭ ޖުމްލަ 15 ބިލު
2. އަސާސީ ޙައްޤުތަކާއި މިނިވަންކަމާ ގުޅޭ:
– ބޯޑަރ ކޮންޓްރޯލާ ގުޅޭ ފިޔަވަޅުތަކާބެހޭ ބިލުތައް
– ޤައުމީ ސަލާމަތޤައުމީ ސަލާމަތަށް ނުރައްކާތެރި ޢަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ބިލުތައް
– ސަލާމަތީ ޚިދުމަތްތަކާ ގުޅޭ ޤާނޫނުތަކާބެހޭ ބިލުތައް
– ޚާރިޖީ ދާއިރާއާ ގުޅޭ ބިލުތައް
– މި ދާއިރާއާ ގުޅޭ ޖުމްލަ 15 ބިލުމި ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާ ބިލުތަކަކީ އެކި ދާއިރާތަކަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނައުމަށް އަމާޒުކޮށްފައިވާ ބިލުތަކެކެވެ. މީގެ ތެރޭގައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތަކާއި، އަދުލުއިންޞާފުގެ ދާއިރާ ހަރުދަނާކުރުމަށް ބޭނުންވާ ބިލުތަކާއި، އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް މުހިންމު ބިލުތަކާއި، އަދި ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށް ބޭނުންވާ ބިލުތައް ހިމެނެއެވެ.މި އެޖެންޑާގެ ސަބަބުން ޤާނޫނީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރެވި، އަދި ޤައުމުގެ އިދާރީ އަދި ޤާނޫނީ ނިޒާމު ޒަމާނީ ކުރެވިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. މި ބިލުތައް ފާސްވެ ޤާނޫނަކަށް ވުމުން، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑަށް ފުރިހަމަ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށް އަދި ސަރުކާރުގެ ޤާނޫނީ ސިޔާސަތުތަކާއި އިޞްލާޙުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރާ އެންމެ އިސް ފަރާތަކީ ބަންޑާރަނައިބުގެ އޮފީހެވެ. މި ގޮތުން، ފާއިތުވި 14 ހަފުތާގެ ތެރޭގައި، ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ދެކުނު ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނެރެފައިވާ ޙުކުމް އިސްތިއުނާފުކުރުމުގެ މަސައްކަތުގެ ބައެއް ވަނީ ނިންމާފައެވެ.
މީގެއިތުރުން، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އެންމެހައި މަދަނީ ޙައްޤުތައް ލިބިދޭކަން ޔަޤީންކުރުމަށްޓަކައި، ބަންޑާރަނައިބުގެ އޮފީހުގައި ޚާއްޞަ ޔުނިޓެއް ޤާއިމުކުރުމާއި، ކަފާލާތުގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
މީގެއިތުރުން، ޤާނޫނު ނަންބަރު 1/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އިޞްލާޙުކުރުމަށް ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތަކީވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރެއިން ބަންޑާރަނައިބުގެ އޮފީހުން ނިންމާފައިވާ މަސައްކަތްތަކެވެ.
ސަރުކާރަށް އަހަރެއް ފުރިގެންދާއިރު، ޤާނޫނީގޮތުން ދިމާވެފައިވާ އެކިއެކި މައްސަލަތައް ޙައްލުކުރުމަށްޓަކައި ގިނަ ޤާނޫނުތަކަކަށް އިޞްލާޙު ގެނައުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމުގައި ބަންޑާރަނައިބުގެ ޒިންމާއަކީ ވަރަށް މުހިންމު އަދި ބުރަ މަސައްކަތެކެވެ.
ނަމަވެސް، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޤާނޫނުތަކަށް ތަބާނުވުމާއި، ޤާނޫނުތައް ތަންފީޛުނުކުރެވުމާއި، ޤާނޫނުތަކުން މައްސަލަތަކަށް ޙައްލު ނުލިބުމާއި އަދި އެހެނިހެން ދުސްތޫރީ މައްސަލަތައް ހިމެނެއެވެ. މި ސަރުކާރުން ވެރިކަމާ ޙަވާލުވެފައިވަނީ ޤާނޫނީގޮތުން ހުރި ހުސްކަންތައްތައް ފޫބެއްދުމަށްފަހު، ޤާނޫނު އޭގެ އެންމެ އެދެވޭ ގޮތުގައި ތަންފީޛުކޮށް، ޤާނޫނީގޮތުން މައްސަލަތަކަށް ނުލިބޭ ޙައްލުތައް އެ ޤާނޫނުތަކަށް އިޞްލާޙުތައް ގެނައުމުގެ ވަޢުދާ އެކުގައެވެ.

ޤާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ދުސްތޫރީ ނިޒާމު އޭގެ އެންމެ އެދެވޭ ގޮތުގައި ހިންގުމަށް ބަންޑާރަނައިބުގެ އޮފީހުން ކުރެވުނު މަސައްކަތްތަކަކީ އަހަރެއްގެ ތެރޭގައި ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކަމުގައި ބަންޑާރަނައިބު ފާހަގަކުރައްވައެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ޤާނޫނުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި، އަދި ޤާނޫނުތައް ތަންފީޛުކުރުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ޤާނޫނީ ވެށި އިތުރަށް ހަރުދަނާކުރުމަށް އެޅުނު ފިޔަވަޅުތަކަކީވެސް ފާހަގަކޮށްލެވޭ ކަންތައްތަކެވެ.
ބަންޑާރަނައިބުގެ އޮފީހުން ކުރެވުނު މި މަސައްކަތްތަކުގެ ސަބަބުން، ޤާނޫނީ ނިޒާމަށް އިތުބާރު އިތުރުވެ، ރައްޔިތުންގެ ޙައްޤުތައް އިތުރަށް ކަށަވަރުކުރެވި، އަދި ދައުލަތުގެ އިދާރާތަކުގެ މެދުގައި ޤާނޫނީ ހަމަތަކާ އެއްގޮތަށް މަސައްކަތްކުރުމުގެ ރޫޙު އާލާވެގެން ދިޔަކަން ފާހަގަކުރެވެއެވެ. މި ކާމިޔާބީތަކަކީ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމު ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމުގައި ދެކެވެއެވެ.
ކުރިއަށް އޮތް ތަނުގައިވެސް، ބަންޑާރަނައިބުގެ އޮފީހުން މި މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން، ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، އަދި ދައުލަތުގެ އިދާރާތަކުގެ މެދުގައި ޤާނޫނީ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން އިތުރު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

