”ޤައުމީ ކުޅިވަރު ފަންޑު“ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިފަދައިން ނިންމަވާފައި ވަނީ ނޮވެމްބަރ 4، 2024 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، ވަޒީރުންގެ ލަފާފުޅާއެކު ގައެވެ.
ރާއްޖޭގައި ގައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރުމާ ގުޅޭ ގޮތުން، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިއު ހުށަހެޅުއްވި ހުށަހެޅުއްވުމުގެ މައްޗަށް، ވަޒީރުންގެ މަޖިލީހުގައި ހޯމަ ދުވަހު ކުރެއްވި މަޝްވަރާތަކުގެ އަލީގައި، ”ގައުމީ ކުޅިވަރު ފަންޑު“ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސް ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާއަތް ނުވަތަ ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަގްސަދުގައެވެ.
އަދި ގައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅޭގޮތުން، ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) އަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށްޓަކައި، ކުރައްވަންޖެހިވަޑައިގަންނަވާ އެންމެހައި ކަންކަން ކުރެއްވުމަށްވެސް ހޯމަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވައިފައެވެ.

