ސަރުކާރުން ޑޮމެއިން ނަންބަރުތައް ދޫކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ޑޮމެއިންގެ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި ސަރުކާރުން ވަނީ ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ. މީގެ ތެރޭގައި ކަމާ ގުޅުންހުރި ގަވާއިދު އިޞްލާޙުކޮށް ގެޒެޓްކުރުމާއި، ނަކަލުކުރުން ފަދަ ކަންކަން ހުއްޓުވުމަށްޓަކައި ސެކިއުރިޓީ ފީޗަރތަކާއެކު ރަޖިސްޓްރީ އަދި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ތަޢާރަފްކުރުން ހިމެނެއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ޑޮމެއިންގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ އިދާރީ އުސޫލުތަކެއް ކަނޑައަޅާފައެވެ. އަދި މި ނަންބަރުތައް ބެލެހެއްޓުމަށްޓަކައި އައު ނިޒާމެއް ތަޢާރަފްކޮށް، ޑޮމެއިން ޑޭޓާބޭސް އެއް ވިއުގައަކުން ގުޅާލުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކޮންމެ ފަރުދަކު ގެންގުޅޭ ނަންބަރާ ގުޅުންހުރި މަޢުލޫމާތު އޮންލައިންކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ޓްރާންސްޕޯޓް މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިނިސްޓަރު އަމީން އިތުރަށް ހާމަކުރެއްވި ގޮތުގައި، ސެކިއުރިޓީ ފީޗަރތައް އެކުލެވޭ ލިޔެކިޔުންތަކަށް ބަދަލުކުރުމަށްޓަކައި މިހާރުގެ ލިޔެކިޔުންތައް ހުށަހެޅުމަށް ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެއެވެ. މި މަސައްކަތަށް 60 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، މި މުއްދަތުގައި ހުށަހަޅާ ޑޮމެއިންތަކާ ގުޅުންހުރި މަޢުލޫމާތުތައް އަދާހަމަކުރުމަށްފަހު އައު ލިޔެކިޔުންތައް ޙަވާލުކުރެވޭނެއެވެ. މި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގައި ޚާއްޞަ ކައުންޓަރެއް ހުޅުވޭނެ ކަމަށާއި، އީމެއިލް މެދުވެރިކޮށްވެސް ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. 60 ދުވަހުގެ މުއްދަތަށްފަހު ޓްރާންސްޕޯޓް މިނިސްޓްރީން ގަބޫލުކުރާނީ އައު ލިޔެކިޔުންތައް އެކަންޏެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލެވޭ ބީލަމެއްގެ ތެރެއިންނެވެ. މީގެ ކުރިން މި މުޢާމަލާތްތައް ކުރަމުންދިޔަ ގޮތަށް ނިމުމެއް ގެނެވޭނެއެވެ. ބީލަމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ ޒަމާނީ ވަސީލަތްތައް މެދުވެކުރިއަށް އިލެކްޓްރޯނިކް ބިޑިންގ ސިސްޓަމެއްގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ބީލަމުގައި ހުޅުވާލެވޭނީ 4 ނަންބަރު އަދި 3 ނަންބަރުގެ ޑޮމެއިންތަކެވެ.

