ދައުލަތުގެ މަގާމެއްގައި ނެތި ވެސް ނުވަތަ ވަޒީފާއެއް އަދާނުކޮށް ވެސް ނުހައްގު މުއްސަނދިކަން ލިބޭ މަންޒަރު ފެންނަކަމަށާއި، އެފަދަ މައްސަލަތައް ވެސް ބަލައި ފިޔަވަޅު އަޅަން ޖެހޭކަމަށް މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.
މެމްބަރުން މިފަދައިން ވިދާޅުވެފައި ވަނީ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު، މަގާމުން ވަކިވާ ފަހުން ވެސް ލިބުނު އާމްދަނީއާއި ނުބައްދަލު މުއްސަނދިކަމެއް ލިބުމުން ކުށުގެ ތުހުމަތު ކުރެވި ދައުވާ ކުރެވޭގޮތަށް ގާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔައީ ދައުލަތުގެ މަގާމަކުން ވަކިވާ ފަހުން ވެސް، އެ މީހަކު އެ މަގާމެއްގައި ހުރެ ހޯދި ނުހައްގު މުއްސަނދިކަމާ ގުޅުވައި ދައުވާ ކުރަން ފަސޭހަވާނެ ގޮތަށް ގާނޫނުލް އުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ އިބުތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ބިލު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 515 ވަނަ މާއްދާގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ކަނޑައަޅާފައި އޮތް ގޮތުން ގާނޫނު މާނަކުރުމުގައި އޮޅުންއަރާތީ އެ މާއްދާ އިސްލާހު ކުރުމަށެވެ.
ކ. މާފުށި ދާއިރާގެ މެމްބަރު ހުސެއިން ރިޟާ އާދަމް ހުށަހެޅުއްވި ބިލުގައި ވަނީ ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ މުވައްޒަފެއްގެ މަގާމެއް އަދާކޮށްފައިވާ މީހަކު އާމްދަނީއާއި ނުބައްދަލު ދިރިއުޅުމެއް ގާއިމުކޮށްފައިވުން ކުށެއްކަމަށް ބެލެވިދާނެކަމަށެވެ.
ނުހައްގު މުއްސަނދިކަމުގެ ތުހުމަތު ކުރެވޭނެ ހާލަތްތައްކަމަށް އިސްލާހުގައި ވަނީ ދައުލަތު މުވައްޒަފަކަށް ހުރިއިރު ލިބެމުން ދިޔަ ނުވަތަ ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ލިބެމުންދާ އާމްދަނީއާއި ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އާއިލީއާއި ޒާތީ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދަލާއި ފައިސާ ހޯދައި މިލްކު ކުރުމެވެ.
މި ހާލަތުގައި ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށް ހިފަހައްޓާފައި ވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތީންކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ ކުށުގެ ތުހުމަތު ކުރެވިދާނެ އެވެ. އެހެން ނަމަވެސް ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ގާއިމުކޮށް ހިފަހައްޓާފައި ވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތީން ނަމަ އެއީ ކުށެއްކަމުގައި ނުބެލެވޭނެކަމަށް އިސްލާހުގައި ވެއެވެ.
ނުހައްގު މުއްސަނދިކަމާއި ގުޅޭ ތުހުމަތު ކުރެވެނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ ނުވަތަ ވަޒީރެއް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނުވަތަ ފަނޑިޔާރަކަށް ނަމަ އެ ކުށް ބެލެވޭނީ ޖިނާޔަތުގެ 2 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ.
ކުރީގައި ގާނޫނުގައި އޮތީ ދައުލަތުގެ މަގާމެއްގައި ހުރި މީހެއްގެ ވާހަކަ ނަމަވެސް އިސްލާހުގެ ދަށުން ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރިއިރު ލިބިފައިވާ އާމްދަނީއައި ނުބައްދަލު މުއްސަނދިކަމެއް ވެސް އޭނާގެ ކިބައިގައި ފެނުން ހިމެނެ އެވެ.

