އަރަބިއްޔާ ސުކޫލުގެ މަސައްކަތް ލަސްވެެގެން ދިޔައީ، 80 މިލިއަން ރުފިޔާ ސަލާމާތްކުރުމަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލު އިމާރާތުގައި ރެނދުލައި ތަން ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި އެކު ދަރިވަރުންނަށް އިތުރު ގޮތެއް ހޯދައިދޭން މަސައްކަތް ފެށީ އިހުތިޖާޖުތަކާއި އެކުއެވެ. ޗާނދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލު އިމާރާތަށް 10 އަހަރު ނުވަނީސް ރެނދުތައް ލައި، ބޭނުން ނުކުރެވޭވަރަށް ހަލާކުވުމުން އެކަމުގެ ކަންބޮޑުވުންތައް އިތުރުވެ މީޑިއާގެ ސަމާލުކަންވެސް ލިބިގެން ދިޔައެވެ. އަދި ސްކޫލު އެޅުމަށް ބިމެއް ހޯދުމަށް ކުރި އެކި މަސައްކަތްތަކާއި އެކު އެންމެ ފަހުން ނިންމީ ބާ ޖަމާލުއްދީން އިމާރާތް ތަޅާލައި އެތަނުގައި އަރަބިއްޔާ އިމާރާތް އެޅުމަށެވެ.
މިހާރު އަރަބިއްޔާ ސުކޫލު ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދަނީ ކުރިން ދަރުމަވަންތަ ސުކޫލު ހިންގިތަނުގައެވެ.
އަރަބިއްޔާ ސުކޫލާއި ގުޅޭ ގޮތުން މިއަދުގެ މަޖިލީހުގައި މިނިސްޓަރާއި ސުވާލުކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ހަވާލުވީއިރު، އަރަބިއްޔާ ސުކޫލު އެޅުމަށް ހަމަޖެހިފައިވަނީ ބާ ޖަމާލުއްދީނު ހުރި ބިމުގައިކަމަށެވެ. ނަމަވެސް އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިންގެ އެދުމާއިއެކުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ވަރަށް ތަނަވަސް މާހައުލަކުން އަރަބިއްޔާ ސުކޫލަށް ބިމެއް ހަމަޖައްސައިދީފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގައި ކޮންޓްރެކްޓް ކުރެވިފައިވާ ފަރާތާއިއެކުގައި، ސްކޯޕަށް އައި ބަދަލާ އަދި ޒަމާނީކޮށް އަރަބިއްޔާ އެޅުމަށްޓަކައި އަޅުގަނޑުމެން ގެނައި ބަދަލުތަކާއިއެކުގައި، މަޝްވަރާ ކުރެވިގެން އަގުތަކެއް އަޅުގަނޑުމެންނަށް ލިބުނު. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ސުކޫލެއް އެޅުމުގެ ނިޔަތުގައި، އަދި އަޅުގަނޑުމެން މަސައްކަތް ކުރީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށަން.
މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުން އަރަބިއްޔާ ސުކޫލު ޒަމާނީކޮށް އެޅުމަށް ސްކޯޕަށް ގެނައި ބަދަލާއިއެކު، އަގަށް އައި ބަދަލުތައް އޭރުގެ ކޮންޓްރެެކްޓަރާއި މަޝްވަރާކޮށް ހޯދާފައިވާނެކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރީ ވެރިކަމުގެ ފުރަތަމަ 100 ދުުވަހުގެ ތެރޭގައި މި މަސައްކަތް ކުރެއްވުމަށްކަމަށެވެ.
މަޝްރޫއު ފެށުމަށްޓަކައި ކުރި މަސައްކަތުން ހާމަވީ، މަޝްރޫއުއަށް އަސްލު ހަރަދުވާނެ ވަރުގެ އިތުރަށް 80 މިލިއަން ރުފިޔާ ބޮޑުކޮށް މަޝްރޫއު ކުރިއަށް ގެންދަން ޖެހޭކަންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ވައުދާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދެވެން އޮތީ، އިތުރަށް 80 މިލިއަން ރުފިޔާ ހަރަދުކޮށްގެންކަމަށެވެ. މިކަމުގެ މައުލޫމާތު އަރަބިއްޔާ ސުކޫލުގެ އިސް ބެލެނިވެރިންނަށްވެސް ދީފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހިއުމަން ރައިޓްސް އަދި އެޑިއުކޭޝަންގެ ގޮތުންވެސް އަރަބިއްޔާގެ ދަރިވަރުންނަށް މިވަގުތު ގެއްލޭ މާ ބޮޑުކަމެއް ނެތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

