އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުން ކުރިއަށްދާއިރު، ރޭހުގެ ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބިނާވާ އިލެކްޓޯރަލް ކޮލެޖްގައި 538 މެމްބަރުން ތިއްބަވާއިރު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އިލެކްޓޯރަލް ކޮލެޖްގެ ދެ ބައިކުޅަ އެއްބައި ކަމަށްވާ 270 ވޯޓު ކަށަވަރުކުރަންޖެހެއެވެ.
އެހެންްނަމަވެސް މިހާރު ނަތީޖާ ނުލިބިހުރި ސްޓޭޓުތަކުގެ ތެރޭގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ބޮޑެތި ސްޓޭޓުތައް ހިމެނޭތީ، ނަތީޖާ ކޮންމެ ގޮތަކަށްވެސް އައުން އެކަށީގެންވާކަމަށް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިއަހަރު ނަތީޖާ ބަދަލުކޮށްލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ 7 ސްޓޭޓަކީ އެރިޒޯނާ، ޖޯޖިއާ، މިޗިގަން، ނެވާޑާ، ނޯތް ކެރޮލައިނާ، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންއެވެ. މި ސްޓޭޓުތަކަކީ އިލެކްޓޯރަލް ވޯޓުގެ ތިންބައިކުޅަ އެއްބައި ހިއްސާކުރާ ސްޓޭޓުތަކެވެ.
މިހާރު ހުރި ނަތީޖާތަކަށް ބަލާއިރު، ޓްްރަމްޕް ވަނީ ނޯތް ކެރޮލީނާ އަދި ޖޯޖިއާއިން ކުރި ހޯއްދަވާފައެވެ. އެގޮތުން އިލެކްޓޯރަލް ނަތީޖާއިން ބޮޑަށް ސިފަ ކުރެވެނީ 2016 ވަނަ އަހަރު ޓްރަމްޕް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިއިރު ފެންނަމުންދިޔަ މަންޒަރުކަމަށް ނޯތް އެމެރިކާގެ ކޮރެސްޕޮންޑެންޓް އެންތަނީ ޒާކަރ އާ ޙަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

